އިސްރާއީލުން ފަލަޞްޠީނަށް ދިން ހަމަލާތަކުގައި އެ ޤައުމުގެ ރައްޔިތުންނަށް ލިބުނު ގެއްލުމުގެ ބަދަލުދޭން ޖެހޭނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރމުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ ޣައްޒާއަށްދޭ ހަމަލާތައް ހުއްޓާލަން ނިންމުމާއި ގުޅިގެން، އެ މަނިކުފާނުގެ ޝުޢޫރުފާޅުކުރައްވައި ”އެކްސް“ މެދުވެރި ކުރައްވައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ހަމަލާތައް ހުއްޓާލުމަކީ ހިތްޕުޅަށް ލިބިވަޑައިގަތް ހަމަޖެހުމެއް ކަމަށާއި ހަމަލާތައް ހުއްޓާލުމަށް ނިންމި ނިންމުން ދެމެހެއްޓުމަށް ރައީސް މުޢިއްޒު ވަނީ ގޮވާލައްވާފައެވެ. ގެދޮރު ގެއްލިފައިވާ މީހުންނަށް އެމީހުންގެ ވަޒަނަށް އަނބުރާ ދެވޭނެ ފުރުޞަތު ފަހިކޮށްދިނުމަށާއި، އިންސާނީ އެހީ އަށް ފުރުޞަތު ދިނުމަށް، ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ކިބައިން އެ މަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.
ރައީސް ވަނީ، އިސްރާއީލުން ފަލަޞްޠީނަށް ދިން ހަމަލާތަކުގައި އެ ޤައުމުގެ ރައްޔިތުންނަށް ލިބުނު ގެއްލުމުގެ ބަދަލުދޭން ޖެހޭނޭ ކަމަށް ވިދާޅުވެފައެވެ. އަދި އިސްރާއީލުން ދިން ހަމަލާތަކުގައި ސުންނާފަތިވެފައިވާ ޢިމާރާތްތަކާއި ބިނާރު، އަލުން އާރާސްތު ކުރުމަށް ބޭނުންވާ އަވަސް އެހީ ފަލަޞްޠީނަށް ފޯރުކޮށްދިނުމަށް ވެސް ގޮވާލައްވާފައެވެ.