އާއިލާއެއްގެ ޒިންމާތައް ފުރިހަމަ ކުރުމުގައި އަންހެނުންނާއި ފިރިހެނުން ހަމަހަމަތަ؟

Loading

Facebook
Twitter
WhatsApp

އަހަރެންނާއި އަހަރެންގެ ފިރިމީހާ އާއިލާއެއްފަށާ ކުދިން ހޯދަން ފެށީ އެއްމަގްސަދެއްގައި އެއްކަމެއް ހާސިލް ކުރުމަށެވެ. ނަމަވެސް ދެމީހުންގެ ބައިވެރިވުން މިކަމުގައި އޮންނަނީ އެއްވަރަށް ހެއްޔެވެ؟


ދަރިން ލިބެން ފެށުމަށްފަހު ފިރިމީހާގެ ދިރިއުޅުމަށް މާބޮޑުބަދަލެއް ނާދެއެވެ.އޮފީހަށް ދެއެވެ.ބޭނުން އެހެން ކޮންމެ ތާކަށް ދެއެވެ. ބޭނުން ހޮބީއެއް ކުރިޔަށް ގެންދެވެއެވެ. ނަމަވެސް ކުއްޖަކު ލިބުމަށްފަހު ވަޒީފާޔަށް ދިއުން އަހަރެންނަށް ވަނީ އުނދަގޫ ވެފައެވެ.ބޭރު ތަނެއްގައި ހުއްޓާ ފެންނަ ދަންނަކޮންމެ މީހަކު، ބޭބީ ކާކާ ހަވާލުކޮށްފަތޯ ތިއުޅެނީ އަހާލައެވެ.
ބަލިވެ އިނުމުން އަހަރެންގެ ހަށިގަނޑަށް އިތުރުވި ބަރުދަން ލުއި ކުރުމަށް އަހަރެން ކުރަމުންދާ ”ހަނގުރާމަ“ ފިރިމީހާ އަށް ކުރާކަށް ނުޖެހެއެވެ.އަމުދުން ވިހެއުމުގެ ވޭންވަރު ވެސް ތަހައްމަލް ކުރަންޖެހުނީ އަހަރެންނަށް އެކަންޏެވެ. ފިރިމީހާއަކަށް އެވޭންވަރުގައި ހުރި ވަރެއް އިހުސާސްވެސް ނުކުރެވޭނެއެވެ.
ފިރިމީހާއަށް ކޮންމެ ރެޔަކުވެސް ފުރިހަމަ ނިދި ލިބެއެވެ.ނަމަވެސް އަހަރެން ދެގަޑިން ދެގަޑިން ހޭލަން ޖެހެއެވެ.ނިދެނީވެސް ބޭބީ އަށް ބުއްޖައްސައިގެން އޮވެއެވެ.ނުވަތަ ބޭބީ ކައިރީގައި ބާއްވައިގެން ދަތިގޮތަކަށް އޮވެގެންނެވެ.ފިރިމީހާ އުފަލުން ހޭލާފަ ރަނގަޅަށް ނިދާލެވުނު ކަމަށް ބުނާއިރު އަހަރެން އިންނަނީ ރޭގަނޑުގެ ހަމަ ނިދި ނުލިބުމުގެ ސަބަބުން ދެލޯ ނުހުޅުވިފައެވެ.
ފިރިމީހާ ފެންވަރާލަނީ ވަރަށް ހަމަޖެހިގެން އެކަމަށް ބޭނުންވާހާ ވަގުތެއް ނަގައިގެންނެވެ.ނަމަވެސް ގިނަފަހަރަށް އަހަރެން ވަންނަން ޖެހެނީ އެއްކުއްޖަކު ގޮވައިގެންނެވެ.އަދި ފަސްމިނިޓް ތެރޭ ނިންމާލާފަ ނިކުންނަން އަހަރެންނަން މަޖްބޫރުވެއެވެ.
ފިރިމީހާގެ ހުރިހާ ރައްޓެހިންނާ އެކުވެސް ގުޅުން ބަދަހިކޮށް ކޮފީތަކަށް ގޮސް ހެދެއެވެ.ނަމަވެސް އަހަރެންގެ ރައްޓެއްސަކާ ބައްދަލްވި ދުވަހެއް ހަނދާންވެސް ނެތެވެ.
ފިރިމީހާ އޮފީހުން އައިސް ސޯފާގައި އަރާމުކޮށްލަން ބޭނުން އިރެއްވަންދެން އިދެއެވެ.ނަމަވެސް އޮފީހަކަށް ނުގޮސް ހަމަ ގޭގަ އިންނަކަމުގެ ނަން ލިބިފައިވާ އަހަރެންގެ މަސައްކަތް ދުވަހަކުވެސް ނުނިމެއެވެ.ޓީވީ ބަލާލަން އިންނާނެ ވަގުތެއް އަމުދުން ނުލިބެއެވެ.ހަމަ ކޮންމެ ދުވަހަކުވެސް އާންމުކޮށް އަހަރެން ކުރާ މަސައްކަތް ތަކުގެ ތެރޭގައި ކުދިންނަށް ކާންދީ،ފެންވަރުވާ،ގޭތެރެ ސާފުކޮށް،ދޮވެއިސްތިރިކޮށް،ކައްކާ، ކާންހަދާ، ތަށިތައް ނަގާ ތަށިތަކާ ތެލިތައް ދޮވުން ހިމެނެއެވެ. އަދި ގެޔަށް ބޭނުންވާ ކާބޯތަކެއްޗާއި އެހެނިހެން ސާމާނު ގަންނަން އަމިއްލަޔަށް ނުދެވޭނެ ނަމަ އެކަމަށް އެހެން ގޮތްތައް ހޯދައިގެން ހުރިހާ ސާމާނެއް ހަމަކޮށްފަ ބެހެއްޓުމަކީ އެންމެ ބުރަ އެއްމަސައްކަތެވެ.
މިކަންކަން މިހެން ހުރިއިރު ބެލެނިވެރިންގެ ހައިސިއްޔަތުން ދެމީހުން އެއްވަރުތޯ މީ އަހަރެން ކުރާސުވާލެކެވެ.އަހަރެންނަށްވަނީ އަހަރެން ކުރިން އުޅެމުން އައިގޮތް ދޫކޮށްލަން ޖެހިފައެވެ.ނަމަވެސް ފިރިމީހާގެ ދިރިއުޅުމަށް ހަގީގަތުގައި އައި ބަދަލެއް ނެތެވެ.
މަންމަޔެއްގެ ރޯލަކީ މުސާރަޔެއް ނުލިބޭ އެހެންނަމަވެސް އެހެން އެއްވެސް ވަޒީފާޔަކަށްވުރެ މަސައްކަތް ބުރަ ވަޒީފާއެއްކަން ސޮސައެޓީން ގަބޫލެއް ނުކުރެއެވެ.އަހަރެންފަދަ އެހެންވެސް މަންމައިން ނަށް މިއަދު އަހަރެން ހަމަދަރުދީ ވަމެވެ.އިހުތިރާމް ކުރަމެވެ. ކުރިން އަހަރެންވެސް އެމީހުންނަށް ފާޑު ކީމެވެ.މީހަކު ދިނީމަ ކައިގެން ހުރިހާކަމެއް މީހަކު ކޮށްދިނީމަ އުޅޭ ބައެއް ކަމަށް ބުނަމެވެ. ނަމަވެސް ހަގީގަތުގައި އިންސާނިއްޔަތު ދެމިއޮންނަނީ އަހަރެންފަދަ މަންމައިން ވަރުބަލިކަމެއްނެތި ކުރާ މަސައްކަތުގެ ސަބަބުންނެވެ.ފުރިހަމަ އިންސާނުން ތަކެއް އުފެއްދުމުގައި އަންހެނުންގެ ދައުރު މާބޮޑެވެ. އެހެން ކަމުން މަންމައިން ދަރިން ބަލާގޮތަށް ސޮސައެޓީން މަންމައިންނަށް އަޅާލާ ބަލަހައްޓަން ޖެހޭނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް