މަގުމައްޗަކީ އެންމެނަށް އަމާން ތަނަކަށް ހެދުމަށް ކުރެވުނު މަސައްކަތުން ފާއިތުވި އަހަރު ޖުމްލަ 73،953 އުޅަނދު ޗެކްކޮށް، 7،606 އުޅަނދަކާމެދު ފިޔަވަޅު އަޅާފައިވާކަމަށް ޓްރެފިކް އަދި ޓޯވިންގ ތަފާސްހިސާބުން ދައްކާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
އެގޮތުން، ފުލުހުން ބުނީ 66،347 މީހަކަށް ނަސޭހަތް ދީފައިވާއިރު، 7،606 މީހަކަށް ވަޔަލޭޝަން ސްލިޕް ދޫކޮށްފައިވާ ކަމަށެވެ.
އަދި ލައިސަންސް ނެތި ދުއްވި 2،138 މީހަކު ފާހަގަކުރެވިފައިވާ ކަމަށާއި އޭގެ ތެރޭގައި ދެފުރޮޅުލީ 2،005 އުޅަނދާއި ހަތަރު ފުރޮޅުލީ 133 އުޅަނދު ހިމެނޭކަމަށް ފުލުހުން ހާމަކުރެއެވެ. ނުރައްކާތެރިކޮށް ދުއްވުމުގެ 293 މައްސަލަ ފާހަގަކުރެވިފައިވާއިރު އޭގެތެރޭގައި ދެފުރޮޅުލީ 271 އުޅަނދާއި ހަތަރު ފުރޮޅުލީ 22 އުޅަނދު ދުއްވުމުގެ މައްސަލަ ހިމެނޭ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މީގެ އިތުރުން ފުލުހުން ބުނީ ފާއިތުވި އަހަރު ޓޯވކޮށްފައިވާ އުޅަނދުތަކުގެ ތަފާސްހިސާބަށް ބަލާއިރު، ޓޯވ އޮޕަރޭޝަންތަކުގައި ޖުމްލަ 15،514 އުޅަނދު ޓޯވ ކޮށްފައިވާ ކަމަށާއި މީގެ ތެރޭގައި 11،645 މޮޓޯސައިކަލް، 2،567 ކާރު، 478 ޕިކަޕް، 369 ވޭން އަދި 87 ޓްރަކް ހިމެނޭ ކަމަށެވެ. ޓޯވ ކުރެވުނު އުޅަނދުތަކުގެ ތެރެއިން 546 އުޅަނދު ނައްތާލެވުނު އިރު، 13،562 އުޅަނދު ވަނީ ވެރިފަރާތާ ހަވާލުކުރެވިފައި ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.