މުޖްތަމަޢުގައި ވަރަށް މުހިންމު ދައުރެއް އެން.ޖީ.އޯތައް އަދާކުރާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ މަމްސް އެއިޑްގެ 6 ވަނަ އަހަރީ ގާލާ އެންޑް ފަންޑްރައިސިންގް ޙަފްލާ ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުންނެވެ.
ވިލާ ކޮލެޖުގެ ކިއު އައި ކެމްޕަހުގައި ބޭއްވި މި ޙަފްލާގައި އެކަމަނާ ދެއްކެވި ވާހަކަފުޅުގައި، މުޖްތަމަޢުގައި ވަރަށް މުހިންމު ދައުރެއް އެން.ޖީ.އޯތައް އަދާކުރާ ކަމުގައި ވަނީ ފާހަގަކުރައްވާފައެވެ.
ދައުލަތުގެ އިދާރާތަކާއި މުއައްސަސާތަކަށް ވާސިލު ނުވެވި ތިބޭ ފަރާތްތަކާ ހަމަޔަށް ވާސިލުކޮށް ދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރެވޭނީ އެން.ޖީ.އޯތަކަށްކަން އެ ކަމަނާ ވަނީ ވިދާޅުވެފައެވެ. އަދި ކޮންމެ ސަރުކާރަކުންވެސް އެން.ޖީ.އޯތަކާ ގުޅިގެން މަސައްކަތް ކުރުމުން ލިބޭނެ ފައިދާތަކުގެ މައްޗަށް އަލިއަޅުވައިލެއްވިއެވެ.
ހަމައެހެންމެ އަންހެނުންނަށް ކުރާ އަނިޔާތަކާއި، ކުރިމަތިވާ ގޮންޖެހުންތަކުން ސަލާމަތްކޮށްދީ، އަންހެނުން ބާރުވެރިކުރުވުމުގެ ވާހަކަ ދައްކާއިރު، ޢަމަލީ ގޮތުން މިކަން ހާޞިލްކުރެވޭނީ މިފަދަ އެން.ޖީ.އޯތަކަށް މުޖްތަމަޢުގައި ދެވޭ މަގާމާއި ހަައިސިއްޔަތު ވަރުގަދަ ކޮށްގެން ކަމުގައި އެކަމަނާ ވިދާޅުވިއެވެ.
މަމްސް އެއިޑަށް ކޮށްދިން ޚިދުމަތް ފާހަގަކޮށް، އެ ޖަމްޢިއްޔާގެ 5 މެންބަރަކަށް މި ޙަފްލާގަައި ދިން ހަނދާނީ ފިލާ އެ ފަރާތްތަކާ ޙަވާލުކޮށް ދެއްވީވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ.
މި ޙަފްލާގައި، މަމްސް އެއިޑު އުފެދި، މި ވޭތުވެދިޔަ 6 އަހަރު ދުވަހުގެ ތެރޭ ޖަމިއްޔާއިން ކުރި މުހިންމު މަސައްކަތްތަކުގެ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާފައިވެއެވެ. އަދި މަމްސް އެއިޑަށް އެކި ގޮތްގޮތުން އެހީތެރިވެދެއްވާ ސްޕޮންސަރުންނާއި ޕާޓްނަރުންގެ އަގުވަޒަންކުރިއެވެ. މީގެ އިތުރުން 2025 ވަނަ އަހަރުގެ މުހިންމު ޙަރަކާތެއްގެ ގޮތުގައި، “ފަންޑް ރެއިޒަރ ފޮރ ހޯޕް ފޮރ މަމްސް ކެމްޕެއިން”ވެސް މި ޙަފްލާގަައި އިފްތިތާޙު ކުރިއެވެ. އަދި މަމްސް އެއިޑުން މި އަހަރަށް ކަނޑައެޅި “2025 އިމްޕެކްޓް ޕާޓްނަރުން“ވެސް އިޢުލާނު ކުރިއެވެ.