ގއ. ދެއްވަދޫއަށް މިވަގުތު އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ކުރިމަތިވެފައިވާ ބަނދަރުގެ ޖާގައިގެ ދަތިކަމާއި، ރަށް ގިރުމާއި ކުނިކޮށީގެ މައްސަލައަށް އެކުއެކީގައި ޙައްލު ހޯއްދެވުމުގެ މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމަަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ ހުވަދު އަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގއ. ދެއްވަދޫއަށް މިއަދު ހެނދުނު ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
އެގޮތުން ރައީސް ވަނީ ދެއްވަދޫ ކައުންސިލުން ކޮންސްޓްރަކްޝަން މިނިސްޓްރީއާ ގުޅިވަޑައިގެން 3 މައްސަލަ އެކުގައި ޙައްލުވާނެ ވަށާޖެހޭ ޙައްލަކަށް ވަޑައިގަތުމަށް އެދިވަޑައިގެންފައެވެ. މިހާރު ފެށި، ހުއްޓިފައިވާ މަސައްކަތްތައް އަލުން ހިންގަން ފަށާއިރު ރަށްގިރުމުގެ މައްސަލައާއެކު ބަނދަރަށް ދިމާވެފައިވާ ދަތިތައް ޙައްލުކޮށް، ބިމުގެ ޖާގަ އިތުރުކޮށް، ކުނިކޮށީގެ މައްސަލައަށް ޙައްލު ލިއްބައިދެނިވި ގޮތަކަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބެމުންދާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.
ހަމައެހެންމެ އެ ރަށުގެ އައިސްޕްލާންޓްގެ މަސައްކަތް ހުއްޓިފައި ހުންނަތާ 3 އަހަރު ވެފައި ވާ ކަން ފާހަގަކުރައްވާ އައިސްޕްލާންޓް މަރާމާތު ކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ހަމަ އެއާއެކު އިތުރު އައިސްޕްލާންޓެއް ގެނެސް އޮޕަރޭޝަންތައް ފެށުމަށް ފިޝަރީޒް މިނިސްޓްރީން މަސައްކަތް ކުރައްވަމުން ގެންދަވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ދެއްވަދޫގެ ޞިއްޙީ މަރުކަޒުގައި އިތުރު ފެސިލިޓީތައް ޤާއިމުކުރައްވައި، ކުޑަކުދިންގެ ޑޮކްޓަރަކާއި، އެކްސްރޭގެ ޚިދުމަތް ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ދެއްވަދޫ ފަދައިން ޖިއޮގްރަފީ ގޮތުން އެކަހެރި، އަދި ދުރު ދަތުރުތައް ކުރަންޖެހޭ ސަރަޙައްދުތަކަށް ސީ-އެމްބިއުލާންސް ޚިދުމަތް އަދިވެސް އިތުރަށް ފުޅާ ކުރަންޖެހޭއިރު، އެ މަސައްކަތްތައްވެސް މިހާރު ފަށްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން ސްކޫލަށް ބޭނުންވާ މަލްޓިޕަރޕަސް ހޯލު ހަމަޖައްސަވައިދެއްވާނެ ކަމަށްވެސް ރައީސްގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.
ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށްޓަކައި ކުޅިވަރަކީ ހުރިހާ ރައްޔިތުންނަށްވެސް މުހިންމު ކަމެއް ކަމުގައި ފާހަގަކުރައްވައި، ރައީސް ވަނީ، ގއ. ދެއްވަދޫގެ އަންހެން ބޭފުޅުން އެދިވަޑައިގެންފައިވާ ފަދައިން ވޮލީ ކޯޓަކާއި، ދަނޑުގެ ސަބް-ބޭސް ހެދުމާއެކު ޓަރފް އަޅައި ދަނޑު ނިންމަވައިދެއްވުން ފަދަ، ކުޅިވަރުގެ ދާއިރާއިން ކަންކަން ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. މިގޮތުން ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސް.ޓީ.އޯ)ގެ ސީ.އެސް.އާރްގެ ދަށުން ގއ. ދެއްވަދޫގައި އައުޓް-ޑޯ ޖިމެއް ތަރައްޤީ ކުރެވެމުންދާކަމާއި، ދާދި އަވަހަށް އެ ޚިދުމަތްވެސް ލިބެމުންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.