ޑޮކްޓަރުކަން ކިޔަވައިގެން އައި ޒުވާނަކަށް ވަޒީފާއެއް ނުލިބި ގިނަ ދުވަސް ތަކެއްވަންދެން ހުންނަން ޖެހުނެވެ. އެންމެ ފަހުން އޭނާ އަމިއްލަ ކްލިނިކެއް ހުޅުވަން ނިންމިއެވެ.
އޭނާގެ ކްލިނިކްގެ ބޭރުގައި ޚާއްސަ ބޯޑެއް ލިޔެފައި ބެހެއްޓިއެވެ. ”މިތަނުން 500 ރުފިޔާއަށް ކޮންމެ ބައްޔަކަށްވެސް ފަރުވާ ލިބޭނެއެވެ. ފަރުވާ ނުދެވިއްޖެނަމަ އެއްހާސް ރުފިޔާ ދޭނަމެވެ.“
މި ބޯޑު، ކްލިނިކްގެ ބޭރުގައި ހަރުކުރިތާ މާގިނަ އިރެއްނުވެ ޒުވާނަކު އެމަގުން ދަނިކޮށް އެއްކަލަ ބޯޑު ފެނިއްޖެއެވެ. އަދި ހިތަށް އެރިއެވެ. މަކަރެއް ހަދާލައިގެން އެއްހާސް ރުފިޔާ ހޯދަންވެއްޖެއެވެ. މިހެން ހިތާ އެތަނަށް ވަދެއްޖެއެވެ. އަދި ބުންޏެވެ. ”އަޅުގަނޑަށް އެއްވެސް އެއްޗެއްގަ ރަހަޔެއް ނުލައެވެ. މިކަމަށް ފަރުވާއެއް ދެއްވާށެވެ.“
މިހެން ބުނުމުން ޑޮކްޓަރު ބުންޏެވެ.“ތިޔައީ އެއްވެސް ކަމެއް ނޫނެވެ.“ މިހެން ބުނެފަ އޭނާގެ ނަރުހަށް ގޮވާލާފައި ބުންޏެވެ. ”20 ވަނަ ފުޅިން ތިން ތިކި މީނަގެ އަނގަޔަށް ޖަހާދޭށެވެ.“
ޑޮކްޓަރު ބުނި ގޮތަށް ނަރުސް ހެދުމުން ޒުވާނާ ސިއްސައިގެން ގޮސްފައި ބުންޏެވެ.“ތިޔައީ ކަރާސީނު ތެލެއްނޫން ހެއްޔެވެ؟“ މިހެން ބުނުމުން ޑޮކްޓަރު ބުންޏެވެ. ”ރަހަލާން ފަށައިފި ދޯއެވެ. އަވަހަށް 500 ރުފިޔާ ދައްކާލާށެވެ.“
ޒުވާނާ ނިކުމެގެން ދަމުން ހިތަށް އެރިއެވެ. އަދި މިގޮތަކަށް ދުލެއް ނުކުރާނަމެވެ. އަދި އެއްފަހަރު ދާނަމެވެ. ކުޑަދުވަސްކޮޅެއް ފަހުން ދެވަނަ ފަހަރަށް ކްލިނިކަށް ގޮސް ބުންޏެވެ. އަޅުގަނޑުގެ ހަނދާން މާބޮޑަށް ބަލިވަނީއެވެ. މިކަމަށް ފަރުވާއެއް ދެއްވާށެވެ.“މިހެން ބުނުމުން ޑޮކްޓަރު ނަރުހަށް ގޮވާލާފައި ބުންޏެވެ. ”ވިހިވަނަ ފުޅިން ތިންތިކި މީނާގެ އަނގަޔަށް ޖަހާށެވެ.“ މިހެން ބުނުމުން ޒުވާނާ ބުންނެވެ. ”ރަހަލުން ރަނގަޅު ކުރަންވެސް ދެނީ އެ ބޭސް ނޫން ތޯއެވެ؟“ މިހެން ބުނުމުން ޑޮކްޓަރު ބުންޏެވެ. ”ކޮބާ ހަނދާނުގެ ކަންތައް ރަނގަޅު ވީދޯއެވެ. އަވަހަށް ފީ ދައްކާލާށެވެ.“
ޒުވާނާ ވަރަށް ރުޅި އައިސްފިއެވެ. އަދި ހަމަ ޔަގީނުންވެސް މިފަހަރު އެއްހާސް ރުފިޔާ ހޯދާނެކަމަށް އަމިއްލަ ނަފްސަށް ވައުދުވަމުން އެހެން ދުވަހަކު އަނެއްކާވެސް އެއްކަލަ ކްލިނިކަށް ހިނގައްޖެއެވެ.
ތަންތާ އަތް ކާއްތަމުން އެތަނަށް ގޮސް ވަދެފައި ބުންޏެވެ. ”އަޅުގަނޑުގެ ލޮލަކަށް ނުފެނެއެވެ. މިކަން ރަނގަޅު ކޮށްދެއްވާށެވެ.“
މިހެން ބުނުމުން ޑޮކްޓަރު ބުންޏެވެ.“ވަރަށް ދެރައެއެވެ. ތިކަމުގެ ބޭހެއް އަހަރެންގެ އަތަކު ނެތެވެ. މިއޮތީ އެއްހާސް ރުފިޔާއެވެ. މިހެން ބުނެ ނޫޓެއް ނަގާދިއްކޮށްލިއެވެ. ޒުވާނާ ކުއްލިއަކަށް ބުންޏެވެ. ތިޔައީ އެއްހާސް ރުފިޔާއެއް ނޫނެވެ. ފަސްސަތޭކަ ރުފިޔާއެވެ.“މިހެން ބުނުމުން ޑޮކްޓަރު ބުންޏެވެ. ”އަހަ، ލޮލުގެ ފެނުން ރަނގަޅުވީ ދޯއެވެ. ހާދަ ރަނގަޅެވެ.“
އެއްކަލަ ޒުވާނާ ވަރަށް ރުޅިއައިސްގެން ހުރެ 500 ރުފިޔާ ދީފަ ނިކުމެގެން ހިނގައްޖެއެވެ. އެއްހާސް ރުފިޔާ ހޯދަން އުޅެގެން އަތުން 1500 ރުފިޔާ ގެއްލުނީއެވެ.