ސައޫދީއަރަބިއްޔާގެ ފިނިހޫނުމިން މިހަފްތާ ގައި ވަރަށް ބޮޑަށް ދަށަށް ދާނެކަމަށް ފޯކާސްޓް ކޮށް އެކަމަށް ސަމާލުވެ ތައްޔާރު ވުމަށް އާންމުންނަށް އަންގަމުން އެބަގެންދެއެވެ. އެގައުމުގެ ނެޝަނަލް ސެނޓަރ ފޯ މިޓިއޮރޮލޮޖީ އިން ފޯކާސްޓް ކޮށްފައިވާ ގޮތުގައި ބައެއް ސަރަހައްދު ތަކުގެ ޓެމްޕަރޭޗަރު މައިނަސް ތިންޑިގްރީ ސެލްސިއަސް އާއި ހަމަޔަށް ދާނެއެވެ.
މި ”ކޯޅްޑް ވޭވް“ ގެ ސަބަބުން އެގައުމުގެ ބޮޑުބަޔަކަށް 15 ޑިސެމްބަރުން 17 ޑިސެމްބަރަށް ވަރަށް ބޮޑަށް ފިނިވާނެއެވެ.
އެންސީއެމް ގެ ތަރުޖަމާން ހުސެއިން އަލް ޤަޠާނީ މައުލޫމާތުދީފައިވާ ގޮތުގައި ފުރަތަމަ އެންމެ ބޮޑަށް ފިނިވާނެ ކަމަށް ބެލެވެނީ އުތުރު އަދި ސެންޓްރަލް ސަރަހައްދު ތަކަށެވެ.މިތަންތަނުގެ ތެރޭގައި ތަބޫކް،އަލްޖަވާފް ،އުތުރު ބޯޑަރާ ކައިރި ސަރަހައްދުތައް،ހައީލް، އަދި އީސްޓަރން ޕްރޮވިންސްގެ އުތުރު ހިސާބު ތަކެވެ.މިހިސާބުތަކަށް ފިނި ހޫނުމިން ސުންޑިގްރީ ސެލްސިއަސް އާއި މައިނަސް ތިން ޑިގްރީ ސެލްސިއަސް އަށް ދަށަށް ދާނެއެވެ.
ފިނިހޫނުމިން ދަށަށް ދިއުމުގެ އިތުރުން މި ”ކޯލްޑް ސްނެޕް“ގެ ސަބަބުން ވައިވެސް ގަދަވާނެ ކަމަށް ވެއެވެ.އަދި ވައިގަދަވުމާއިގުޅިގެން ވެލީގެ ތޫފާންތައްވެސް އަންނާނެކަމަށް ވަނީ ބެލިފައެވެ.
ވެލީގެ އަސަރު ކުރާނެ ސަރަހައްދު ތަކުގެ ތެރޭގައި މައްކާ އަދި މަދީނާ ވެސް ހިމެނެއެވެ. ދުރުނުފެންނަ ވަރަށް ވެލީގެ އަސަރު ހުންނާނެ ކަމަށް ބެލެވޭ އިރު މިކަން އެންމެ ބޮޑުވާނީ އާދީއްތަ އަދި ހޯމަ ދުވަހު ކަމަށް ވެއެވެ.
ހޯމައަދި އަންގާރަ ދުވަހާ ހިސާބަށް ދާއިރު މޫސުމީ ފިނިކަން ދެކުނު ގެ ސަރަހައްދުތަކަށް ޖެހި، އަލް ޣާސިމް، ރިޔާޟްގެ އިތުރުން އީސްޓަރން ޕްރޮވިންސަށްވެސް ވައިގަދަވެ ވެލީގެ ތޫފާންތައް އަންނާނެ ކަމަށް ވަނީ ފޯކާސްޓް ކުރެވިފައެވެ. މިހިސާބުގެ ޓެމްޕަރޭޗަރު ހުންނާނެ ކަމަށް ބެލެބެނީ ދެޑިގްރީ ސެލްސިއަސް އާއި ފަސް ޑިގްރީ ސެލްސިއަސް އާއި ދެމެދު އެވެ.
މިފަދަ ފިނި މޫސުމަކީ އާންމުކޮށް ސައޫދީ އަރަބިއްޔާ އިން ކުރިމަތިލާން ނުޖެހޭ ކަމަށްކަށް ވާތީ ހުރިހާއެންމެންވެސް މިކަމަށް ތައްޔާރު ވުމަށް ދަނީ އަންގަމުންނެވެ. މޫސުމާބެހޭގޮތުން އަންގާ އެންގުންތައް އަޑުއެހުމަށާއި އަޅަށް ޖެހޭ ހުރިހާފިޔަވަޅަޅެއް އަޅައިގެން ތިބުމަށްވެސް ދަނީ އަންގަމުންނެވެ.ވެލީގެ ތޫފާން އަންނަ ވަގުތުތަކުގައި ގޭތެރޭ ތިބުމަށާ ބޭރަށް ނިކުންނަ ނަމަ ފިނިހެދުން ލުމަށްވެސް ދަނީ އަންގަމުންނެވެ.
މައުލޫމާތު :ވިއޯން ޗެނެލް