ކޮފީގެ އަގު ދުވަހަކު ނުދާހާ މައްޗަށް ހިނގައްޖެ

Loading

December 11, 2024
blue-circle-with-white-user_78370-4707
Facebook
Twitter
WhatsApp

ދުނިޔޭގެ ބާޒާރުގައި ކޮފީގެ އަގު ދުވަހަކު ނުދާހާ މައްޗަށް ހިނގައްޖެ ކަމަށް ޚަބަރު ލިބެއެވެ.

މިއީ ހެނދުނު ހޭލައިގެން ފުރަތަމަ ކޮފީތައްޓެއް ބޯން އާދަވެފައިވާ ފަރާތްތަކަށް ވަރަށް ހިތާމަވެރި ޚަބަރަކަށް ވާނެއެވެ. ކޮފީގެ އެންމެގިނަވައްތަރު ކަމަށްވާ އެރޭބިކާ ބީންސް ކިޔާވައްތަރުގެ ކޮފީގެ އަގު އަންގާރަ ދުވަހު ވަނީ އެއް ޕައުންޑް (ގާތްގަނޑަކަށް ބައިކިލޯ) 3.44ޑޮލަރަށް އަރާފައެވެ. މިއީ މިއަހަރުގެ މިހާތަނަށް ކޮފީ ލިބެން ހުރި އަގުތަކަށް ބަލާއިރު 80އިންސައްތައިގެ ބޮޑުވުމެއް ކަމަށް ވެއެވެ.

މީގެ އިތުރުން ނިސްބަތުން މަދު ބާވަތެއް ކަމަށްވާ ރޮބަސްޓާ ބީންސް ކިޔާ ވައްތަރުގެ ކޮފީގެ އަގު ސެޕްޓެމްބަރު މަހުން ފެށިގެން ވަނީ ބޮޑުވާން ފަށާފައެވެ.

ކޮފީގެ އަގަށް މިހާބޮޑު ބަދަލެއް އައިސްފައިވަނީ އެންމެ ގިނައިން ކޮފީ ހައްދާ ދެގައުމު ކަމަށްވާ ބްރެޒިލް އަދި ވިއެޓްނާމް އަށް މޫސުމީ ކާރިސާތައް ކުރިމަތިވުމާއި ގުޅިގެން ދަނޑުތަކަށް ބޮޑެތި ގެއްލުން ލިބިފައިވާ ދަނޑިވަޅެއްގައިވެސް ކޮފީ އަށް އޮތް ޑިމާންޑް އިތުރު ވަމުން ދިއުމުންނެވެ.

ކޮފީގެ އަގު ކުރިޔަށް އޮތް 2025 ވަނަ އަހަރު އަދިވެސް އިތުރަށް ބޮޑުވެގެން ދާނެކަމަށް ގަބޫލުކުރެވޭ ކަމަށް ބައެއް އެކްސްޕާޓުން ބީބީސީ އަށް މައުލޫމާތު ދީފައިވާ ކަމަށް ވެއެވެ. ބައެއް ބޮޑެތި ބްރޭންޑް ތަކުން ބުނެފައިވާ ގޮތުގައި ކޮފީގެ އަގަށް އަންނަ ބަދަލުތައް މާކެޓުން ނުދެއްކުމަށްޓަކައި އެފަރާތްތަކުން ކަންތައް ތަކެއް ކުރަމުން އައި ނަމަވެސް މިހާރު އެކަންވެސް ނުކުރެވޭ ހަމަޔަށް ގޮސްފައިވާކަމަށް ވަނީ ބުނެފައެވެ.

އިޓަލީގެ ކޮފީ ”ޖަޔަންޓް“ ލަވާޒާ އިން ބުނެފައިވާ ގޮތުގައިވެސް އެމީހުންގެ މާކެޓް ޝެއާ ހިމާޔަތް ކޮށް، ރޯމެޓީރިއަލްގެ އަގަށް އަންނަ ބަދަލުތައް ކަސްޓަމަރުންނަށް ނުދެއްކުމަށްޓަކައި މަސައްކަތް ކުރަމުން އައި ނަމަވެސް މިހާރު މިވަނީ އެކަން ދޫކޮށްލުމަށް މަޖްބޫރުވާ ހިސާބަށް ގޮސްފައެވެ. ލަވާޒާ އިން ބުނެފައިވާ ގޮތުގައި ކޮލިޓީ ކޮންޓްރޯލް ކުރުމަކީ ބްރޭންޑުން އެންމެ އިސްކަމެއް ދެމުން އައި ކަންތައް ކަމަށް ވާތީ މިހާތަނަށްވެސް އެއްވަރެއްގައި ކޮލިޓީ އަދި އަގުތައް ހިފެހެއްޓުމަށް އައީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ.
”ނެސްލޭ“ ބްރޭންޑް ގެ އިސް އެގްޒެކެޓިވް އަކުވެސް ބުނެފައިވާ ގޮތުގައި ކޮފީ އިންޑަސްޓްރީ އަށް ވަނީ ވަރަށް ”ޓަފް“ ދުވަސްވަރަކާ ކުރިމަތިވެފައެވެ. މިކަމާ ގުޅިގެން އެބްރޭންޑްގެވެސް އަގުތަކާ އަދި ޕެކްގެ ސައިޒްތައް ބަދަލުކުރަން ޖެހިފައިވާ ކަމަށް އޭނާ ބުނެފައި ވެއެވެ.

ކޮފީ އަކީ ވޮލިއުމުން ބަލާއިރު ކްރޫޑް އޮއިލްއަށްފަހު ދެވަނަޔަށް ދުނިޔޭގައި އެންމެ ގިނައިން ގަންނަ އަދި ވިއްކާ ބާވަތެވެ.އަދި ފަހަކަށް އައިސް ކޮފީ އަށް އޮންނަ ޑިމާންޑް ވަނީ ވަރަށް ބޮޑަށް އިތުރު ވެގެން ގޮސްފައެވެ. މިސާލަކަށް ޗައިނާގައި ކޮފީ އަށް އޮތް ޑިމާންޑް ފާއިތުވި ދިހަ އަހަރުގެ ތެރޭގައި ދެގުނަ ވެފައިވާ ކަމަށް ޚަބަރު ލިބެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް