އިޒްރޭލުން އަނެއްކާވެސް އީރާނަށް ހަމަލާތަކެއް ދީފި

Loading

Facebook
Twitter
WhatsApp

އިޒްރޭލުން އަނެއްކާވެސް ރޭގައިވަނީ އިރާނަށް ވައިގެ ހަމަލާތަކެއް ދީފައެވެ.މިހަމަލާތަކާގުޅިގެން ވެރިރަށް ތެހެރާނުން ގޮވުންތަކުގެ އަޑު އިވެމުން ގޮސްފައި ވެއެވެ.އިޒްރޭލުން ބުނެފައިވަނީ އީރާންގެ މިލިޓަރީ ތަންތަނަށް ހަމަލާދިނުމަށްފަހު ބޯޓުތައް ސަލާމަތުން އެބުރި އައިސްފައިވާ ކަމުގައެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑްގެ ނުފޫޒު އޮންނަ އީރާނުގެ ނޫސް އެޖެންސީ އަކުން ޚަބަރުދީފައިވާ ގޮތުގައި މިހަމަލާތައް އަމާޒު ކޮށްފައިވަނީ އީރާނުގެ ހުޅަގު އަދި ހުޅަގު ދެކުނު ފަޅީގައި ހުންނަ މިލިޓަރީ ބޭސް ތަކަށެވެ. ނަމަވެސް އީރާނުގެ ސްޓޭޓް މީޑިޔާއިން ބުނެފައިވަނީ ހަމަލާތަކުން މާބޮޑު ގެއްލުމެއް ލިބިފައި ނުވާ ކަމުގައެވެ.

އިޒްރޭލުން ބުނެފައިވަނީ މިހަމަލާތަކަކީ ފާއިތުވި އަހަރެއްހާދުވަހުގެތެރޭ އެކި ފަހަރު މަތިން އީރާނުން އިޒްރޭލަށް ދެމުން އައި މިސައިލް ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމުގައެވެ.

އިޒްރޭލްގެ ހަމަލާ ތަކުގެ މައުލޫމާތު އެމެރިކާގެ ރައީސް އަށާއި ނާއިބްރައީސް އަށް އެރުވި ކަމަށް ވެއެވެ. ނަމަވެސް އެކަމުގައި އެމެރިކާގެ ބައިވެރިވުމެއް ނުވާ ކަމަށް ޕެންޓަގަން އިން ބުނެފައި ވެއެވެ.

އެމެރިކާގެ ރައީސް ޖޯބައިޑަން ވަނީ އިޒްރޭލުން އީރާނަށް ދޭހަމަލާއެއްގައި އީރާނުގެ ނިއުކްލިއާ، ތެޔޮ އަދި ގޭސް މަރުކަޒު ތަކަށް އަމާޒު ކޮށްގެން ނުވާނެކަމަށް ނަތަންޔާހޫ އަށް މީގެ ކުރިން އަންގަވާފައެވެ. އެހެންކަމުން މިފަހަރުގެ ހަމަލާތައް ދިންއިރު މިދެއްވި އިރުޝާދުގައި އިޒްރޭލުން ހިފާފައިވާ ކަމަށް ބެލެވެއެވެ.

އިޒްރޭލްގެ ހަމަލާތަކާގުޅިގެން އީރާންގެ ވައިގެ ސަރަހައްދު އޮތީ ރޭ ހަތަރުދަމު ބަންދު ކޮށްފައެވެ.ނަމަވެސް ހެންދުނު ރާއްޖޭ ގަޑިން ދިހަގަޑި ތިރީސް އެހާއިރު ވަނީ ވައިގެ ސަރަހައްދު ހުޅުވާފާއެވެ.

އިޒްރޭލްގެ ރޭގެ ހަމަލާތަކާއި ގުޅިގެން ދުނިޔޭގެ އެކި ލީޑަރުން ކޮމެންޓް ކުރައްވަމުން ގެންދަވާއިރު އިގިރޭސި ބޮޑުވަޒީރު ކީރު ސްޓާމާ ވިދާޅުވެފައިވަނީ ރައްދުގައި އީރާނުން ހަމަލާ ދީގެން ނުވާނެ ކަމުގައެވެ. އެމެރިކާއިންވެސް ވަނީ އީރާނުން ރައްދު ހަމަލާ ދީގެން ނުވާނެ ކަމަށް ބުނެފައެވެ.

މިހާރު އުފެދޭ އެންމެ ބޮޑު ސުވާލަކީ އީރާނުން ރައްދުދޭނެތޯ ނުވަތަ ރައްދު ދޭނީ ކޮންގޮތަކަށްތޯ މިސުވާލެވެ.

އަނެއް ކޮޅުން ޚަބަރު ލިބޭ ގޮތުގައި 101.5މިލިއަން ޑޮލަރުގެ ހަތިޔާރު އިޒްރޭލަށް ވިއްކަން ޖާމަނީ އިން އެއްބަސް ވެއްޖެ އެވެ.ނަމަވެސް މިކަމަށް ޖާމަނީގެ ލޯމޭކަރުން ގަބޫލު ނޫންކަމަށް ޚަބަރުތައް ބުނެއެވެ.އިޒްރާއިލްއަށް ހަތިޔާރު ފޯރުކޮށް ދިނުމުން ޖާމަނީގެ ކޯލިޝަން ސަރުކާރަށްވެސް ޣައްޒާއަދި ލުބްނާނުގައި ހިންގަމުން ގެންދާ ހަނގުރާމައިގެ ޖަރީމާތަކުގައި ބައިވެރިވެ އެހީތެރި ވެދެވެނީ ކަމަށް އެފަރާތްތަކުން ބުނެފައިވެއެވެ.

އިތުރަށް ޚަބަރުލިބޭ ގޮތުގައި އިޒްރޭލުން ޣައްޒާގެ އުތުރުގެ ހިސާބުތަކަށް ދޭހަމަލާތައްވެސް ވަނީ ވަރުގަދަ ކޮށްފައެވެ.އދގެ ހިއުމަން ރައިޓްސް ޗީފް ޓާކް ވިދާޅުވެފައިވާގޮތުގައި މިއަދު ފެންނަމުން ދަނީ ޣައްޒާހަނަގުރާމައިގެ އެންމެ ކަޅު އަނދިރި ދުވަސްތައް ކަމުގައެވެ.މިގޮތުން މުޅި އާބާދީ ވަނީ ވަރުގަދަ ބޮމުގެ ހަމަލާ ތަކުގެ އިތުރުން ދަތިކުރުމުގެ ފިޔަވަޅުތަކާ އިންތިހާދަރަޖައިގެ ހައިހޫނުކަމާ ކުރިމަތިލާން ޖެހިފައި ކަމަށް އޭނާ ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް