އެކާވީސް އަހަރުވީ ކައިވެންޏަކަށްފަހު އަހަރެންގެ އަންހެނުން އެއްދުވަހަކު އަހަރެން އެހެން އަންހެނަކު ގޮވައިގެން ރޭގަނޑުގެ ކެއުމަކަށް ދިއުމަށް އެދުނެވެ.
”އަހަރެން ވެސް އަހުމަދު ދެކެ ވަރަށް ލޯބިވެއެވެ.އެކަމަކު މިއަންހެންމީހާވެސް އަހުމަދު ދެކެ ވަރަށް ލޯބިވެއެވެ.އަދި އަހުމަދާ އެކު ވަގުތު ހޭދަކުރަން ވަރަށް ބޭނުންވާނެ ކަން އަހަރެންނަށް އިނގެއެވެ.“ އަންހެނުން މަރީ ބުންޏެވެ.
އަންހެނުން މިބުނި އަނެއް އަންހެންމީހާ އަކީ،ހަޔާތުގެ ބައިވެރިޔާ(އަހަރެންގެ ބައްޕަ) މަރުވެ، އެކަނި ދިރިއުޅެމުންގެންދާ އަހަރެންގެ މަންމައެވެ.މަންމަ އެކަނި އުޅޭތާ 19 އަހަރުވެއްޖެއެވެ.އަހަރެންގެ އޮފީހުގެ މަސައްކަތްތަކާ ތިންކުދިންގެ ކަންތައްތައް ބަލަހައްޓަން ޖެހުމުގެ ސަބަބުން މަންމަ ކައިރިޔަށް ގޮސްލުން އޮތީ އެހާފަސޭހަ ކަމެއްގެ ގޮތުގައެއް ނޫނެވެ.ނޫނީ އަހަރެން ދެކެމުން އައީ އެގޮތަށެވެ.
ކެއުމަކަށް ދައުވަތު ދިނުމަށް އެރޭ އަހަރެން މަންމަޔަށް ގުޅާލުމުން މަންމަ ފުރަތަމަ ގަތީ ބިރެކެވެ.ހާސްވެފައި ހުރެ ސުވާލި ކުރިއެވެ.“ތިޔަގުޅީ އަނެއްކާ މީހަކަށް ކަމެއް ވީ ހެއްޔެވެ؟ދަރިފުޅާ ކުދިން އޯކޭ ހެއްޔެވެ؟“ މަންމަ އަކީ ނުގަޑިއެއްގައި ގުޅާލައިފިނަމަ އެއީ ގޯސްހަބަރެއް ދޭން ގުޅީކަމަށް ބަލާވައްތަރުގެ މީހެކެވެ.އަހަރެން ބުނީމެވެ. ”ހުރިހާކަމެއްވެސް ބަރާބަރެވެ.މިގުޅާލީ ކަމަކުއެވެ.މަންމައާއާއެކު ވަގުތު ހޭދަ ކޮށްލަން ބޭނުންވާހަކަ ބުނެލަން ވެގެންނެވެ. ދެމީހުން ރޭގަނޑުގެ ކެއުމަކަށް ގޮސްލުން ކިހިނެއް ވާނެހެއްޔެވެ؟ ދެމީހުން އެކަންޏެވެ.“ މިހެން ބުނުމުން ވިސްނާލުމަށް ކުޑައިރުކޮޅެއް ނެގުމަށްފަހު މަންމަ ބުންޏެވެ.“އާނ ތިޔައީ މަންމަވެސް ވަރަށް ބޭނުން ކަމެކެވެ.“
ހުކުރު ދުވަހު އިރުއޮއްސި 6ޖަހާ އެހާއިރު އަހަރެން ކާރުގައި މަންމަބަލާ އެގޭދޮށަށް ދިޔައިރު އަހަރެން ވަނީ ކުޑަކޮށް ހިތް އަވަސް ވެފައެވެ.އެގެޔަށް ދެވި މަންމަ ފެނުނު އިރު މަންމަގެ ކިބައިގައިވެސް ހިތްއަވަސް ވުމެއް ހުރިކަން ފާހަގަވިއެވެ.އަތުގަ އޮތް އެންމެ އާ ހެދުންލައިގެން އަހަރެންނަށް އިންތިޒާރު ކުރުމަށް ގޭދޮރުމަތީގައި މަންމަ ހުރިއިރު ކުޑަކޮށް ހާސްވެފައި ހުރިކަމަށް ފެނުނެވެ.ބޯހުރީ ރީތިކޮށް ދޮވެ ސެޓް ކޮށްފައެވެ.މޫނުގައި މޭކަޕްގެ އަސަރުވެސް ފެންނަން ހުއްޓެވެ. އަހަރެން ފެނުމުން ހީލި ލޯބިގޮތުން އަހަރެންނަށް ހީވީ ޕަރީއެއް ފެނުނު ހެންނެވެ.
ހެވިފަހުރެ އައިސް ކާރަށް އަރަމުން މަންމަ ބުންޏެވެ.“އަހަރެންގެ ދަރިފުޅާ އެކީ ރެސްޓޯރަންޓަކަށް ދަނީއޭ ބުނީމަ މަންމަ ގެ ރައްޓެހިން ތިބީ ވަރަށް މަޖާވެފައެވެ.“
އަހަރެން މަންމަ ގޮވައިގެން ދިޔައީ އެންމެ އަގުބޮޑުނޫނަސް ވަރަށް ވެސް ރީތި ހިތްހަމަޖެހޭ މާހައުލެއް އޮތް ރެސްޓޯރަންޓަކަށެވެ. އެތަނަށް ވަދެގެން ދިޔައިރު އަހަރެންގެ މަންމަ ހުރީ އުފަލުން ފޮޅިފައެވެ.އަހަރެންގެ އަތުގެ މުލައްދަނޑީގައި ހިފާލައިގެން ދިޔައިރު ހީވަނީ ގައުމެއްގެ ރައީސްގެ އަނބިކަބަލުންހެންނެވެ.
ރަނގަޅު ތަނެއްހޯދާ އިށީނުމަށްފަހު މެނޫ ގެނައުމުން އަހަރެން މެނޫކިޔަން ފެށީމެވެ.މަންމަ އަށް އެހާރަގަޅަށް އަކުރު ނުފެންނަ ކަމަށް ބުނީމައެވެ.
މެނޫ ކިޔަމުން މެދަކާ ހަމަޔަށް ދިޔަތަނާ އަހަރެން މަންމައާދިމާލަށް ބަލާލިއިރު މަންމަ އިނީ ފާޑަކަށް ހިނިއައިސްފަ އަހަރެންނާ ދިމާލަށް ބަލާށެވެ. އަދި ބުންޏެވެ.“ކުރިން ދަރިފުޅަށް މެނޫ ނުކިޔޭތީ މެނޫ ކިޔަނީ މަންމަ ދޯއެވެ؟“ މިހެން ބުނުމުން އަހަރެންގެވެސް ހަންދާންތަކެއް އާވެގެން ދިޔައެވެ.
ކެއުމަށް އިންސާފު ކުރަމުން ދިޔައިރު ދެމީހުން ވާހަކަ ދައްކަމުން ދިޔައީ އެކަކު އަނެކަކަށް ނޭގިހުރި ކަންތައްތައް ކިޔާދިނުމަށެވެ.މާބޮޑެތި މައްސަލަ ތަކެއް ނޫނެވެ.ނަމަވެސް މައުލޫމާތު ފުރިހަމަ ކޮށްލުމެކެވެ. ވަރަށް އުފަލުން ހަމަޖެހިގެން ތިބެ ދެމީހުން ކެއުމުގައި ވަގުތު ހޭދަވިގޮތެއްވެސް ނޭނގެއެވެ.
ނިންމާފަ މަންމަ ގެޔަށްލާން ގޮސް އެގޭދޮރުކައިރިޔަށް ކާރު މަޑުކޮށްލުމުން މަންމަ ބުންޏެވެ.“މަންމަ ވަރަށް އުފާވެއްޖެއެވެ. އަދިވެސް މިގޮތަށް ގޮސްލަންވާނެދޯއެވެ.އެކަމަކު މިފަހަރު ބިލުދައްކާނީ މަންމައެވެ.“އަހަރެން އެއްބަސްވީމެވެ.
ގެޔަށް ދިއުމުން މަރީ ހެވިފަ ހުރެ ސުވާލު ކުރިއެވެ.“މަންމައާއެކު ދިޔަ ”ޑޭޓް“ ކިހިނެއް ހެއްޔެވެ؟“ އަހަރެން ބުނީމެވެ.“ވަރަށް ފުރިހަމައެވެ. އަހަރެން ހީކުރިވަރަށް ވުރެވެސް ބޮޑަށް އެކަމަށް ދެމީހުންވެސް ބޭނުންވެފައިވާ ކަމެއްކަން އިހުސާސް ވިއެވެ.އަދިވެސް މާލަސްނުކޮށް ދާން ޚިޔާލު ކުރަމެވެ.“
އޭގެ ދެތިން ދުވަސް ފަހުން ވަރުގަދަ ހާޓް އެޓެކެއް ޖެހިފަ އަހަރެންގެ މަންމަ މަރުވިއެވެ.ފަރުވާ ކުރުމުގެ ގޮތުން އަހަރެންނަށް އެއްވެސް ކަމެއްކޮށްދިނުމުގެ ފުރުސަތެއް ނުލިބުނެވެ.އެހާވެސް ކުއްލި މަރެކެވެ. އަހަރެންގެ ހިތާމައިގެ ކޮޅެއްވެސް ނެތެވެ. މަންމައާ ދެން ބައްދަލް ނުވާނެކަން އިނގޭތީއެވެ.އަހަރެން މަންމަގެ އެލޯބި ލޯބި ގައިގައި ބައްދާލާ މަންމަ ދެކެ ލޯބިވާކަމަށް ބުނެލުމުގެ ފުރުސަތު ނުލިބޭނެ ކަން އިނގޭތީއެވެ.
އަހަރެންނަށް ވީ އެންމެ ފުރިހަމައެއްކޮށް މަންމަގެ ޖަނާޒާގެ ކަންތައް ނިންމާލުމަށް ފަހު މަންމަ ވަޅުލާފަ ގެޔަށްގޮސް ހިތާމައިގައި ގެނބިގެން އަހަރެން އިނީމެވެ.
އޭގެ ދެތިން ދުވަސް ފަހުން އަހަރެންގެ އަތަށް އެރީ ސިޓީ އުރައެކެވެ. އަހަރެން މަންމަ ގޮވައިގެން ދިޔަ ރެސްޓޯރަންޓުން ފޮނުވި ސިޓީ އުރައެކެވެ.
އޭގައިވަނީ ފައިސާ ދައްކާފައިވާ ބިލެކެވެ.އަދި ނޯޓެކެވެ. މަންމަގެ ރީތި އަތުލިއުމުން ލިޔެފައިވާ ނޯޓެކެވެ. އޭގައި ވެއެވެ. “ އެންމެ ލޯބިވާ ދަރިފުޅު އަހުމަދަށް،
ދަރިފުޅާއެކު އެގޮތަށް ބޭރަށް ގޮސްލުމަކީ ބައްޕަ ނިޔާވި ފަހުންވެސް މަންމަޔަށް ލިބުނު އެންމެ ބޮޑު އުފަލެވެ. އެހެންވެ އަދިވެސް ގޮސްލުމަށް އެދޭވަރުން މަންމަ މިވަނީ އިތުރު ރެޔަކަށް ދެމީހަކަށް ބިލު ދައްކާފައެވެ.
އެއްވެސް ކަމެއް ދިމާވެގެން މަންމަޔަށް ނުދެވިއްޖެ ނަމަ ދަރިފުޅު މަރީ ގޮވައިގެން ދާށެވެ. އެރޭގެ އުފާ މަންމަޔަށް ބުނެދޭންވެސް ނޭގެއެވެ. ދަރިފުޅުދެކެ އަބަދުވެސް އެންމެ ލޯބިވާ މަންމަ“
ލޯބިވާ މީހުންނާދިމާލަށް ވަގުތު ލިބި އޮއްވާ ލޯބިވާކަމަށް ބުނުމުގެ މުހިންމުކަން އަހަރެންނަށް އިހުސާސް ވީ އެވަގުތުއެވެ. އަމިއްލަ އާއިލާއަށް ވުރެ މުހިންމު އެއްއެއްޗެއް، ކަމެއް މިދުނިޔެ އަކު ނޯންނާނެއެވެ. މަންމައާއި އާއިލާގެ މެމްބަރުން ނަށް ދޭންޖެހޭ ލޯބި މިއަދު، މިހާރު ދޭށެވެ.އެހެނީ އެއީ ފަހުން ކުރަން ބޭއްވޭނެ ކަމެއްނޫނެވެ. އަހަރެންނަށް މިފިލާވަޅު ދަސްމިވީ އަހަރެންދެކެ އެންމެ ލޯބިވާ މަންމަ އަހަރެންނާ ވަކިވި ހާދިސާއިންނެވެ.