އަޅުގަނޑުމެންނަށް ބޭނުން ވަނީ އެއްބައިވަންތަ އެކުވެރި ދައުލަތްތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ އާންމު ބަހުސްގައި ތަޤުރީރު ކުރައްވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މުހިންމު މައްސަލަތައް ޙައްލުކުރުމުގައި ބައިނަލްއަޤުވާމީ އެއްބައިވަންތަކަމަށް ގޮވާލެއްވިއެވެ. ދުނިޔެއަށް މިއަދު ކުރިމަތިވެފައިވާ ގިނަ މައްސަލަތަކަކީ، ޚުދު އަޅުގަނޑުމެންގެ ޢަމަލުތަކުން އުފެދިފައިވާ މައްސަލަތައްކަން އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. އަޅުގަނޑުމެންނަށް ބޭނުން ވަނީ އެއްބައިވަންތަ އެކުވެރި ދައުލަތްތަކެއް ކަމަށާއި، ބައިބައިވެ މާޔޫސްވެފައިވާ އދ. އެއް ނޫންކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އދ. އިން ފަރުދީ ދިރިއުޅުމަށް ޙަޤީޤީ ނުފޫޒު ފޯރުވަންޖެހޭނެ ކަމަށާއި، އެ ޖަމްޢިއްޔާއިން ނިންމާ ނިންމުންތައް ދުނިޔޭގެ ފެންވަރުގައްޔާއި ދާޚިލީ ފެންވަރުގައި ތަންފީޒުކުރުމަށް ގޮވާލެއްވިއެވެ.
ދިވެހިރާއްޖެ ފަދަ ކުދި ޤައުމުތަކަށް އެހީތެރިވެދޭ މަލްޓިލެޓަރަލް ނިޒާމެއް ބޭނުންވާ ކަމަށާއި ”އަޅުގަނޑުމެންނަށް ބޭނުންވަނީ އަޅުގަނޑުމެންގެ ނަމުގައި ވަކާލާތުކޮށްދީ، އަޅުގަނޑުމެންނަށް ނަތީޖާ ފޯރުކޮށްދޭ ނިޒާމެއް“ ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ، މޫސުމަށް އަންނަ ބަދަލުތަކާއި ހަމަނުޖެހުންތައް ހައްލުކުރުމާއި ބޭއިންސާފު ނައްތާލުން ފަދަ މުހިންމު މައްސަލަތައް ޙައްލުކުރުމުގައި އެކަށީގެންވާ ގޮތެއްގައި އދ. އިން މަސައްކަތް ނުކުރާތީ އެކަމާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ”މަލްޓިލެޓަރަލް ނިޒާމު ނާކާމިޔާބުވަމުންދާއިރު ދިވެހިރާއްޖެއަށް މަޑުން ތިބެވޭކަށް ނެތް، އަދި ނުތިބޭނަންވެސްމެ. އަޅުގަނޑުމެންގެ ދިރިތިބުން ބިނާވެގެންވަނީ ދުނިޔޭގެ ދުޅަހެޔޮކަމުގެ މައްޗަށް.“ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޔޫއެންޖީއޭ 79 ވަނަ ސެޝަންގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އދ. ހަރުދަނާކުރުމަށް ފުޅާދާއިރާއެއްގައި އިސްލާޙުތަކެއް ގެނައުމަށް ގޮވާލައްވާފައެވެ.