ލުބްނާންގެ ހިޒްބުﷲ ޖަމާއަތުގެ ހަނގުރާމަވެރިން ނަށް އަމާޒުކޮށް ކަމަށް ބުނެ އިޒްރޭލުން ހޯމަދުވަހު ދިން ވަރުގަދަ ހަމަލާތަކެއްގައި 492މީހުން މަރުވެއްޖެއެވެ.
ފާއިތުވި ވިއްސަކަށް އަހަރުތެރޭވެސް އެސަރަހައްދަށް އެއްދުވަހު ދެވުނު އެންމެ ވަރުގަދަ ހަމަލާތަކުގައި ލުބްނާންގެ އެކި ސަރަހައްދު ތަކަށް ހަމަލާތައް ވަނީ ދީފައެވެ.
ފުރަތަމަ ހެނދުނު 6.30ން ފެށިގެން ދިން ވަރުގަދަ ހަމަލާތައް އަމާޒުކޮށްފައިވަނީ ދެކުނު ލުބްނާނުގެ އެކި ސަރަހައްދު ތަކަށެވެ.އޭގެ ފަހުން ބެކާވެލީއާއި ބާލްބެކް އަދި އުތުރު ލުބްނާނަށް ބޮމުގެ ހަމަލާތައްވަނީ ދީފައެވެ.
ހޯމަދުވަހުގެ ހަމަލާތަކުގައި މަރުވި 492މީހުންގެ ތެރޭގައި 58 އަންހެނުންނާއި 35 ކުޑަކުދިން ހިމެނޭ ކަމަށް ލުބްނާނުގެ ހެލްތު މިނިސްޓްރީން މައުލޫމާތު ދީފައި ވެއެވެ.މަރުވި މީހުންގެ އަދަދު މިހާމައްޗަށް ގޮސްފައިވަނީ ހަމަލާތަކުން ސަލާމަތްވުމަށް އެކިތަންތަނަށް ދަތުރު ކުރަމުން ދިޔަ އާއިލާތަކަށް ހަމަލާތައް އަމާޒު ވުމުންނެވެ.އެހެންނަމަވެސް ދެކުނު ލުބްނާނުގައި އާއިލާތަކުން އަދިވެސް ގެންދަނީ އެކިތަންތަނަށް ބަދަލުވުމަށް މަސައްކަތް ކުރަމުން ކަމަށް ޚަބަރުތައް ބުނެއެވެ.
އަނެއްކޮޅުން ޚަބަރުލިބޭގޮތުގައި ހިޒްބުﷲ އިންވެސް 200 ރޮކެޓް އުތުރު އިޒްރޭލަށް ފޮނުވާލާފައިވެއެވެ. ނަމަވެސް ދެމީހަކަށް ބިއްލޫރިން ޒަޚަމްތައް ލިބުން ފިޔަވާ އިތުރު ގެއްލުމެއް ލިބިފައެއް ނުވެއެވެ.
ހަމަލާތައް ދުވަހެއް ދުވަހަކަށް ވަރުގަދަވަމުން ދިއުމާއިއެކު ބޮޑު ސަރަހައްދީ ހަނގުރާމަޔަކަށް މިކަން ބަދަލުވެގެން ހިނގައިދާނެ ކަމަށްބުނެ ދުނިޔޭގެ ލީޑަރުން ދަނީ އިންޒާރު ދެއްވަމުންނެވެ.
އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސްވަނީ ލުބްނާން ދެވަނަ ޣައްޒާ އަކަށް ވާތަން ދެކެން ބޭނުންފުޅުނުވާކަމަށް ވިދާޅުވެފައެވެ.