ޕޭޖަރުތަކާ ވޯކީ ޓޯކީ އަދި ރޭޑިއޯ ފަދަ މުވާސަލާތީ ޑިވައިސްތައް ގޮއްވާލައިގެން ލުބްނާންގައި ދެމުން ގެންދާ ހަމަލާތަކާ އިންޑިޔާގެ ކެރަލާއަށް އުފަން މީހަކާ ގުޅުން ހުރި ކަމަށް ބެލެވިގެން ތަހްގީގުތައް ފަށާފައިވާކަމަށް ޚަބަރު ލިބެއެވެ. އޭނާއަކީ އުމުރުން 39 އަހަރުގެ ވިޔަފާރިވެރިއެއްކަމަށްވާ ރިންސަން ޖޯސް އެވެ. އޮސްލޯގައި ދިރިއުޅެމުން ގެންދާ ޖޯސް ކެރަލާގެ ވަޔަނާޑުން ނޯވޭ އަށް ހިޖްރަ ކުރުމަށްފަހު މިއަދު އޭނާއަކީ ނޯވޭގެ ރައްޔިތެކެވެ.
އިންޑިއަން އެކްސްޕްރެސް ގައިވާ ރިޕޯޓަކާ ހަވާލާދީ ވިއޯން ޗެނެލް ބުނާ ގޮތުން ޖޯސް އަކީ ހިޒްބުﷲ ޖަމާއަތުގެ ހަނގުރާމަވެރިންނަށް ޕޭޖަރު ފޯރުކޮށްދިން ބަލްގޭރިޔާގެ ޝެލް ކުންފުނި ނޯޓާ ގްލޯބަލް ލިމިޓަޑް ގެ ވެރިޔާއެވެ.
ތަހުގީގަށް ހާމަވެފައިވާ ގޮތުގައި ޕޭޖަރު އުފެއްދުމަށްޓަކާ ޖޯސްގެ ކުންފުންޏަށް ކޮމްޕޯނަންޓްސް ނުވަތަ ވަކިވަކި ބައިތައް ފޯރުކޮށްދެނީ ތައިވާނުންނެވެ.އެއަށްފަހު ގޮވާބާވަތް ލައިގެން ޕޭޖަރު ތައް އުފައްދަނީ އެކުންފުނިންނެވެ. ރިޕޯޓް ގައިވާ ގޮތުން މިކަން ހާމަވުމާއިގުޅިގެން ޖޯސްވަނީ އެމެރިކާ އަށް ނުވަތަ އިގިރޭސިވިލާތަށްގޮސް ފިލާފައެވެ. މިތުހުމަތުތަކާއި ގުޅިގެން ކެރަލާގައިތިބި އޭނާގެ އާއިލާއިން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
ވަޔަނާޑް ޑިސްޓްރިކްޓް ޕުލުހުން ޖޯސް ގެ އާއިލާގެ މެމްބަރުންނަށް ސަލާމަތީ ރައްކާތެރިކަންވެސް ދީފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.
ލުބްނާނުގައި ޕޭޖަރާ ވޯކީޓޯކީ ފަދަ އެކި ޑިވައިސްތައް ގޮއްވާލައިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 37އަށް އަރާފައެވެ.އަދި 2931 މީހުން ވަނީ ޒަޚަމްވެފައެވެ.
ލުބްނާން އިސްރާއިލްގުޅޭ ބޯޑަރު ހުރަސްކޮށް ދެފަރާތުން ދޭހަމަލާތައް އިތުރު ވެފައިވަނީ،އޮކްޓޯބަރު 7ވަނަ ދުވަހު ފެށުނު ހަމާސް އިސްރާއިލް ހަނގުރާމައިގައި، ހަމާސްޖަމާއަތަށް މަދަދުވެރި ވުމުގެ ގޮތުން އޮކްޓޯބަރު 8ވަނަ ދުވަހު ހިޒްބުﷲ ޖަމާއަތުން އިސްރާއިލް އަށް ދިން ރޮކެޓް ހަމަލާތަކަށް ފަހުއެވެ. އެއަށްފަހު އިސްރާއިލުން ވަނީ ދެކުނު ލުބްނާނަށް ބާރުގަދަ އާޓިލަރީ ހަމަލާތަކެއް ދީފައެވެ.