އިސްރާއީލުގެ ދިފާޢީ ބާރުތަކަށް އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވީ ހިޒްބުالله ޖަމާއަތުން މިހާރު ދެމުން އަންނަ ޑްރޯން ހަމަލާތައް ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
ހިޒްބުاللهގެ ޑްރޯންތަކަކީ އިސްރާއީލުގެ ވައިގެ ދިފާއީ ނިޒާމަށް ކުރިމަތިވި ”އެންމެ ބޮޑު ގޮންޖެހުން“ ކަމަށް އިސްރާއީލުގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ވަނީ ބުނެފައެވެ.
އެގޮތުން ހިޒްބުاللهގެ ވަންވޭ އެޓޭކް ޑްރޯންތަކުން އެމީހުންގެ އަމާޒުތަކަށް އަސަރު ކުރަމުންދާ ކަމަށް އަލިއަޅުވާލާ އިސްރާއީލުގެ އަޔަން ޑޯމް ސިސްޓަމާއި ހަނގުރާމަމަތީ މަތިންދާބޯޓުތައްވެސް އެ ހަމަލާތައް ނާކާމިޔާބުކޮށްލުމަށް ނުކުޅެދިފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެފައި ވެއެވެ.
ބްރޯޑްކާސްޓަރުން ހާމަކޮށްފައިވާ ގޮތުގައި ޣައްޒާއާ ދެކޮޅަށް ހަނގުރާމަ ފެށިފަހުން އިސްރާއީލުން ހިފާފައިވާ އުތުރުގެ ސަރަހައްދުތަކާ ދިމާލަށް 1،000 އަށް ވުރެ ގިނަ ޑްރޯން ވަނީ ފޮނުވާލާފައެވެ.
އިސްރާއީލުގެ އޮކިއުޕޭޝަން ފޯސަސް ނޯތަން ކޮމާންޑްގެ ކުރީގެ ކޮމާންޑަރު ޔޯސީ ޕެލެޑްއާ ހަވާލާދީ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން މިއީ ހިޒްބުﷲ ޖަމާއަތަށް ލިބުނު ފާހަގަކޮށްލެވޭ ކާމިޔާބެއް ކަމަށެވެ.
ފަލަސްތީނު ދިފާޢު ކުރުމަށް ހިޒްބުالله އިން އިސްރާއީލަށް ދެމުން އަންނަ ހަމަލާތަކުގައި އުތުރުގެ އިސްތިއުމާރީ އައުޓްޕޯސްޓްތަކުން ދިހަހާސް ވަޒަންވެރިން ނެރެން މަޖުބޫރުވެފައިވާއިރު، އިސްރާއީލުގެ އަސްކަރީ ތަންތަނަށް އަމާޒުކޮށް ކޮންމެ ދުވަހަކު ދަނީ ހަމަލާތައް ދެމުންނެވެ.
ހިޒްބުﷲ އިން ވަނީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން އަންނަ ހަމަލާތަށް ކުރިއަށް ގެންދާހާ ހިނދަކު ބަދަލު ހިފުމުގެ ހަމަލާތައް ކުރިއަށް ގެންދިއުމަށް ވައުދުވެފަ އެވެ. އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ނަސްލު ނައްތާލުމަށް ހިންގަމުން އަންނަ ލާއިންސާނީ ޖަރީމާތަކުގެ ސަބަބުން މިހާތަނަށް 40،878 ފަލަސްތީނުގެ ރައްޔިތުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ ކުށެއްނެތް އަންހެނުންނާއި ކުޑަކުދިންނެވެ.