ހިތި ބޭސް

Loading

Facebook
Twitter
WhatsApp

އަހަރެންނާއި މަންމަ ދޫކޮށް ބައްޕަ ދިޔަދުވަސް އަހަރެންގެ ހިތުން ދުވަހަކުވެސް ފޮހެވިގެން ނުދާނެއެވެ.އޭރު އަހަރެންގެ އުމުރުން 13 އަހަރެވެ.އެދުވަހު އަހަރެންގެ ދުނިޔޭން ކުލަ ފޮހެވިގެން ދިޔައެވެ. ހުރިހާ ތަނެއް ފެނުނީ ކަޅާހުދުންނެވެ.

ބައްޕަ ދުއްވާ ބައު ކާރަށް އަރާ ދުއްވާލި ވަގުތު އަހަރެން ރޮމުން ދުވެފަ މަގުމައްޗަށް ނިކުތީމެވެ. އަދި ބައްޕާ އަންނާށޭ ބާރަށް ގޮވާ ހަޅޭއްލެވީމެވެ.އެކަމަކު ވަދާއުގެ ސަލާމް ވެސް ކޮށްލުމެއް ނެތި އަދި ފަސް އެބުރި ބަލާލުމެއްވެސް ނެތި ގޮސް ގޯޅިއަޅަމުން ކާރުގެ ބުރަކި ޖައްސާލިވަގުތު އިވުނު އަޑަކީ އަހަރެންގެ އުންމީދުތަކުގެ މައްޗަށް ވެހިކަލް އަރާ އުންމީދުތައް ފުޑުފުޑު ކޮށްލުމުން އިވުނު އަޑުކަމަށް އަހަރެންނަށް ހީވިއެވެ.

ކާރުގޮސް އޮބާލުމުން އަހަރެން އެބުރި ގެޔަށް ވަންނަން އައިއިރު އަހަރެންނަށް ފެނުނީ މަންމަވެސް ގޭދޮރުމަތީ ބުދެއްހެން ހަރުދަނޑިއަރާފަ ހުއްޓައެވެ.އަހަރެން ގޮވާލުމުން ސިއްސައިގެން ގޮއްސަ އަހަރެންގެ ގައިގައި ބައްދާލިއެވެ.އޭރު މުޅި މީހާ ތުރުތުރުއަޅައެވެ. ރޮވޭވަރުން ވާހަކަވެސް ނުދެއްކެއެވެ.މަންމަގެ ދެއަތުގެ ތެރެޔަށްލާ އަހަރެންނަށް ހިމާޔަތް ދޭން މަސައްކަތް ކުރިނަމަވެސް މަންމަ ހުރީ އެކަން ކުރެވޭފަދަ ހާލަކު ނޫނެވެ.

”ބައްޕަ އެދިޔައީ ކީއްވެގެން ހެއްޔެވެ.ބައްޕަ އަހަރެން ދެކެ ލޯބި ނުވަނީ ހެއްޔެވެ؟“އަހަރެން ތަކުރާރުކޮށް މަންމަކުރެން ސުވާލުކުރަމުން ގެންދިޔައިމެވެ. ޖަވާބުގައި، ހަލާކުވެފައިވާ ހޮޅިގަނޑެއްހެން ”މަންމަ އަކަށްވެސް ނޭނގޭ،ދަރިފުޅާ މަންމައަކަށްވެސް ނޭނގޭ“ މިހެން ކިޔަކިޔާ ހުއްޓެވެ.  އަހަރެންގެ ބޮލުގަ ފިރުމާލަމުން މަންމަ އެހެން ބުނަމުން ދިޔަނަމަވެސް އެފިރުމާލުމުގައިވެސް ޔަގީންކަމެއް ނެތް ކަހަލައެވެ.އެވަގުތު މަންމަވެސް ވަނީ ހިތް ހުއްޓޭފަދަ ހާލެއްގައެވެ.

ދެމީހުން އެކަކު އަނެކަކު ގައިގައި ބައްދާލައިގެން އެގޮތަށް ތިބެވުނީ ކިހާއިރަކު ކަމެއްވެސް ނޭނގެއެވެ.އެވަގުތު މަންމައަށްޓަކާ އެކަނި ނަމަވެސް މިހިތާމައިން އަރައިގަތުމަށް އަހަރެން އަޒުމު ކަނޑައެޅީމެވެ.އަދި މަންމަ އަށް ހިއްވަރު ދެވޭތޯ ބެލީމެވެ.އަހަރުމެން ދެމީހުން މިތިބީ ނޫންހޭ ބުނަމުންނެވެ. މަގޭ އަމިއްލަ ނަފްސްގައި ނެތް ހިއްވަރެއް ނެރެވުނީ ކޮންތަނަކުން ކަމެއްވެސް ނޭގެއެވެ.

ދާދި އަވަހަށް ދިހަ އަހަރު ފާއިތުވެއްޖެއެވެ. މަންމަގެ ގަދަ ހިއްވަރާ އެކަނިކުރި ބުރަ މަސައްކަތުން އަހަރެންނަށް ކިޔަވާދީ ނިމުމަށްފަހު އަހަރެން ރަގަޅު ވަޒީފާއެއްހޯދާ ދެމައިންގެ ހުރިހާ ޒިންމާއަކާ އަހަރެން ހަވާލުވީމެވެ.

ނަމަވެސް އަހަރުމެންގެ ހަޔާތުގައި ބައްޕަނެތްކަން ވަރަށް ބޮޑަށް އިހުސާސު ކުރެވޭ ވަގުތުތައް އާދެއެވެ.

އެއްދުވަހަކު ހަވީރު އަހަރެން އޮފީހުން ގެޔަށް ދިޔަމަގުމަތީގައި ލިފްޓަކަށް އެދި އަތް ހިއްލާލައިގެން ހުރި ފިރިހެނަކު އަހަރެންނަށް ފެނުނެވެ.ކައިރީގައި ކުޑައަންހެން ކުއްޖަކު ހުއްޓެވެ.އެމީހާޔާ ތަންކޮޅެއް ކައިރިޔަށް ދެވުނުވަގުތު އަހަރެންގެ ނޭވާ ހުއްޓުނު ކަހަލައެވެ.އެއީ އަހަރެންގެ ބައްޕައެވެ.ބޮލުގައި އިތުރަށް ވަނީ ނުރަޖަހާފައެވެ. މިބަދަލު ފިޔަވާ އެހެން މާބޮޑު ބަދަލެއް ނުފެނެއެވެ.

ބައްޕަފަސްދީ ތަންކޮޅަކަށް ދިއުމަށްފަހު އަހަރެން ކާރު ހުއްޓީމެވެ. އަދި ކާރުން ފައިބައިގެން ބައްޕަޔާދިމާލަށް އަންނަމުން ލިފްޓެއް ބޭނުންވީތޯ ސުވާލު ކުރީމެވެ.

ޝުކުރުވެރި ވުމުގެ ގޮތުން ހީނލަމުން ބައްޕަ އަހަރެންނާ ދިމާލަށް އެބުރިލުމާއި އެކު ހިނިތުންވުން ފޮހެވިގެން ހިނގައްޖެއެވެ.އެއާއެކު ހައިރާންކަމާ އަދި ”ގިލްޓް“ ބައްޕަގެ މޫނުމަތިން ފެނުނެވެ.

”މަރީތަ؟“މިހެން ބުނިއިރު ބައްޕަގެ ދެލޯހުރީ ބޮޑުވެފައެވެ. އެވަގުތު ބައްޕަކައިރީ ހުރި ކުޑަކުއްޖާ ބައްޕައާ ދިމާލަށް ބަލާލުމަށްފަހު    ބުންނެވެ.“މިއީ އަހުމަދުބޭ ދަންނަ މީހެއް ހެއްޔެވެ؟“ މުހާތަބް އެކުރީ ނަމުންނެވެ. ކީބައްޕަ އެއްނޫނެވެ. އަހަރެން ހިންދިރުވާލުމަށްފަހު ބަންޕަ ބުނާ އެއްޗެއް ބަލާލަން މަޑުން ހުރީމެވެ.އެވަގުތު ބައްޕަ ބުންނެވެ. ”އާނ އެއީ އަހުމަދުބޭ ދަންނަ މީހެކެވެ.“

ކާރަށް އަރާ ފެށި ދަތުރުގައި އެކަކުވެސް އެއްޗެއް ނުބުނެ އެތައް އިރަކު ތިބީމެވެ.ނަމަވެސް ހުންގާނުގައި އަހަރެންނަށް ހިފިފައިވަނީ ވަރަށް ބާރަށެވެ. އަހަރެންނަށް މަޑުން އިނދެވުނީ ވަކިއިރެއްވަންދެނެވެ. މި ކުޑަ ކުއްޖާއަކީ އަހަރެންގެ ކޮއްކޮއެއްތޯ ސުވާލު ކުރީމެވެ.

މިހެން ބުނުމުން ބައްޕައަށް ހީވީ އަހަރެން ބައްޕަ ގައިގައި ޖެހި ހެންނެވެ.އަދި ބުންޏެވެ. ”އޭނަޔަށް ކިޔަނީ ސާރާ އެވެ.އެއީ ލޭގެ ގޮތުން މަރީގެ ކޮއްކޮއެއް ނޫނެވެ.“އަދި ފުންނޭވާއެއް ލުމަށް ފަހު ދެކޮނޑު އެލުވާލިއެވެ. އެއަށްފަހު ބުންޏެވެ.“ސާރާއަކީ އަހަރެން ރައްޓެހިވި އަންހެނެއްގެ ދަރިއެކެވެ.ނަމަވެސް އެއަންހެންމީހާ ވަނީ މީގެ ހައެއްކަމަސް ކުރިން އަހަރުމެން ދެމީހުން އެކަނި ދޫކޮށް ގޮސްފައެވެ.އޭނަދިއުމުން އަހަރެން މިބަލަނީ އެކަނި ސާރާ ބެލެހެއްޓޭތޯއެވެ.“

އެވަގުތު ބައްޕަޔަށް އަސަރުކޮށްލާކަހަލަ އެއްޗެއް ބުނެލަން ބޭނުން ވިއެވެ. އަދި ހިނިގަނޑެއް ޖަހާލުމަށްފަހު ބުނެލީމެވެ. ”ލޯބިވާ މީހަކު ތިބާ ދޫކޮށް ދިއުމުން ކުރެވޭ އިހުސާސް މިހާރު ބައްޕައަށް ވެސް އެގިއްޖެ ދޯއެވެ. ތިމާ އަނެކާއަށް ދޭ އަނިޔާ ތިމާޔަށް ލިބޭނެޔޭ ބުނާއަޑު ބައްޕަ އަހަން ހެއްޔެވެ؟“

އަހަރެން މިހެން ބުނުމުން ބައްޕަ އަށް ވަރަށް އަސަރު ކުރިތަން ފެނުނެވެ.ދަތްކުޑި ވިކާލި ކަހަލަ އެވެ. އަދި ބުންޏެވެ. ”ގަބޫލު ކުރަމެވެ. ބައްޕަޔަށް ވަނީ ގޯސް ތަކެއް ހެދިފައެވެ. ވަރަށް ގިނަ ގޯސްތަކެކެވެ.ނަމަވެސް މިހާރުމިބަލަނީ ކުރިޔަށްވުރެ ރަނގަޅު މީހަކަށް ވެވޭތޯއެވެ.“

އަހަރެންގެ ދެލޯ އެވަގުތު ކަރުނުން ފުރި ބާރުވިއެވެ.އަދި ބުނީމެވެ.“ބައްޕަ އަހަރުމެން ދޫކޮށް ދިއުމުން އަހަރުމެންނަށް ކުރިމަތިވީ ދަތިތައް އިހުސާސް ކުރެވޭ ހެއްޔެވެ؟އަހަރުމެން ގަނަތެޅެން ޖެހުނު ވަރު އިނގޭ ހެއްޔެވެ؟މަންމަ އެކަނި އުފުލި ބުރަ އެނގޭހެއްޔެވެ؟ކުއްލިއަކަށް ބައްޕަ ގެއްލުނީއޭ ކިޔާ ސްކޫލް ކުދިން ކުރި މަލާމާތް އެނގޭ ހެއްޔެވެ؟“

ކާރުގެ ފަހަތު ސީޓުގައި އިން ސާރާޔަށް އެވަގުތު އަހަރެން ބަލާލީމެވެ. އެދުވަހު އަހަރެންނަށް ކުރިމަތިވި ހިތާމަ ސާރާޔަށް ކުރިމަތިވާކަށް އަހަރެން ނޭދެމެވެ.އެހެން ކަމުން ހަމަޔަކަށް އެޅޭތޯ މަޑުމަޑުން ބެލީމެވެ.

އެވަގުތު އަހަރެންގެ ކައިރީގަ އިން އަހަރެންގެ ބައްޕަ މަޑުމަޑުން ”އައިއޭމް ސޮރީ“އޭ ބުނެލިއެވެ.ވަރަށް ވަރަށް ބޮޑަށް ސޮރީއޭ ބުންޏެވެ.

އަހަރެން ޖަވާބުގައި ބުނީމެވެ.“ތިޔަހެން އަދި ސޮރީއޭ ބުނުމަކުން 10 އަހަރުވަންދެން އަހަރުމެން ދެމައިން ކުރި ހިތާމަ ފޮހެވިގެން ނުދާނެއެވެ.ބައްޕަ އަހަރުމެން ދޫކޮށް ނުދާހާވަރަށް އަހަރެންގެ އަގު، ބައްޕަގާތުގައި ނެތުނު ގޮތް ސޮރީ އަކުން ބުނެ ނުދެވޭނެއެވެ.އަހަރުމެންއެޅި ކަރުނައިގެ ބަދަލު ސޮރީއަކުން  ނެދެވޭނެއެވެ.“

ބައްޕަ ދިން އެޑްރެހާ ކައިރި ވެފައި ވަނިކޮން ސާރާ ވާހަކަ ދައްކަން ފެށިއެވެ.“ތިޔައީ އަހުމަދުބޭގެ ފްރެންޑެއް ހެއްޔެވެ؟“

މިކުޑަކުޑަ މައުސޫމް ކުއްޖާގެ މައްޗަށް އަހަރެންގެ ހިތުގައި ވަނީ ހަމްދަރުދީއެވެ. އަދި އެވަގުތު ބުނީމެވެ.“އާން މަރީ މީ އަހުމަދަށް ގެއްލިފައިވާ ފްރެންޑެކެވެ.“

ގެއާހަމަޔަށް އާދެވުމުން ބައްޕަ އަހަރެންނާ ދިމާލަށް ބަލާލުމަށް ފަހު ބުންޏެވެ.“މިހެން އަދި ބުނެލާ ސޮރީއަކުން ބައްޕަޔަށް މާފު ނުކުރެވޭނެ ކަންވެސް އެނގެއެވެ.“

އެވަގުތު ބައްޕައާ ދިމާލަށް ބަލާލަންވެސް އަހަރެން ބޭނުމެއް ނުވިއެވެ.ސީދާ މަގާދިމާލަށް ބަލަން އިނދެ އަހަރެން ބުނީމެވެ.“އަހަރެންގެ ހަޔާތަށް ގެނައި ތޫފާން ސާރާގެ ހަޔާތަށް ނުގެންނައްޗެވެ.އެއްފަހަރު ތިޔަވަނީ ހިތިބޭހެއް ބޮވިފައެވެ.އެކަން ތަކުރާރު ނުކުރާށެވެ“

އެވަގުތު ބައްޕަ ބޯޖަހާލިއެވެ.އޭރު ބައްޕަގެ ލޮލުން ކަރުނަ ފައިބަމުން ދިޔަކަން އަހަރެންނަށް ފާހަގަވިއެވެ.

އެވަގުތު މަންމަގެ މެސެޖެއް އަހަރެންގެ ފޯނަށް އައެވެ. ހުރިހާކަމެއް އޯކޭތޯ އަހާފައެވެ.އެހެން ދުވަސް ދުވަހު ގެޔަށް ދާގަޑިޔަށް ނުދިޔައިމައެވެ.“އާން އޯލް އޯކޭ އޭ، މިހާރު މިދަނީ“އޭ ބުނެ މަންމަޔަށް ޖަވާބު ދިނުމަށްފަހު ބައްޕަޔާއި ސާރާޔަށް ބަލާލި ވަގުތު އަހަރެންގެ ހިތަށް ނޭގޭ ހަމަޖެހުމެއް ލިބުނެވެ.އަހަރެން ފުރިހަމަ މީހަކަށް ވުމަށް މިބައްޕަގެ އޯގާތެރިކަން އަހަރެންނަށް މުހިންމު ނޫންކަން އެވަގުތު ހިތުން ގަބޫލު ކުރެވުނެވެ.އަހަރެން މާޒީގެ ހޮސްޓެޖަކަށް ނުވާނަމެވެ.އަހަރެން އަމިއްލަ ހަޔާތް ކުރިޔަށް ގެންދިއުމުގައި، ކުރިން ލާފައިވާ ލަކުނުތައް އަހަރެންގެ މައްޗަށް ބާރުފޯރުވިޔަކަ ނުދޭނަމެވެ. ލަކުނުތައް ފޮހެލާނަމެވެ.

އެވަގުތު މަންމަޔަށް ”އައިލަވްޔޫ“ މެސެޖެއް ފޮނުވާލުމަށްފަހު ހިނިތުން ވެލަމުން ގެޔަށް ދިއުމަށް ކާރު އިސްޓާޓް ކޮށްލީމެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް