ބޮޑުމުރީދުގެ އަންހެންދަރި ޤުރުބާންކޮށް އަތިރީގެއަށް ދޮށިމޭނާކިލެގެފާނުކަން. (1)

Loading

Facebook
Twitter
WhatsApp

(އަތިރީގޭ ޙުސައިން ދޮށިމޭނާކިލެގެފާނުގެ ދަރީންގެ ……)

އައްސުލްޠާން ޙަސަން ނޫރައްދީން އިސްކަންދަރު (އެއްވަނަ) ސިރީ ކުލަސުންދުރަ ބޮވަނަ މަހާރަދުންގެ ދެވަނަ އަނބިކަނބަލަށްވީ ހުރާ ދޮންމަރުދުރު ފަޑިއްތަކުރުފާނުގެ އިބްރާހީމް އެދުރުތަކުރުފާނުގެ ބޮޑުމުރީދު ތަކުރުފާނުގެ ދަރިކަނބަލެއް ކަމުގައިވާ ދޮންމަނިކެ ފަހުން ދޮންދީދީއެވެ. މި ކައިވެނިފުޅު ކުރެވުނުތަނާ ބޮޑުމުރީދު ތަކުރުފާނުގެ ޙުސައިން މަނިކަށް ދޮށިމޭނާކިލެގެ ކަމަށް ކޮލިލެވިއްޖެއެވެ. ދިވެހިރާއްޖޭގެ ރަސްކަމުގެ ކޮއިލުގެ ތެރޭގައިވެސް އަންހެންކަނބަލުންގެ ބާރު ގަދަކަމުންނެވެ. މިވީ އަތިރީގޭ އައުލާދަށް ލިބުނު ބޮޑު ހަދިޔާ އަކަށެވެ.

ބޮޑުމުރީދުގެ ދަރި ހުސައިނަށް ދޮށިމޭނާކިލެގެ ކަމަށް ކޮލިލުން ވާރުތަވުން ހުއްޓުނީ އަތިރީގޭ މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނަށް ފިރިހެން ދަރިއަކު ނުލިބުމުންކަމަށް އަޅުގަނޑު ދެކެމެވެ. އެއީ އަމީނާ މުޙައްމަދު އަމީން ދޮށިމޭނާކަނބައިދިކިލެގެ ނުކިޔުނީމައެވެ. ބުނެ އުޅެއެވެ. ކޮންމެ ނުބައިކަމެއްވެސް ނިމުމަކަށް އަންނާނެއެވެ. އެގޮތުން މުޙައްމަދު އަމީނާ ހިސާބުން ދޮށިމޭނާކިލެގެކަން ނިމުނީއެވެ. ބޮޑުމުރީދުގެ މިނިމިންޏަށް ލިބުނު ދޮށިމޭނާކިލެގެ ކަމަކީ ދިވެހިރާއްޖެއަށް އެތަކެއް ގޮތުން ލިބުނު ގެއްލުމެކެވެ. މި ގެއްލުންތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ ކަމަކީ ދިވެހިރާއްޖެ އިނގިރޭސިންގެ ޙިމާޔަތަށް ދިޔުމެވެ.

އައްސުލްޠާން ޙަސަން ނޫރައްދީން އިސްކަންދަރު (އެއްވަނަ) ސިރީ ކުލަސުންދުރަ ބޮވަނަ މަހާރަދުންގެ ރަސްކަމަށްފަހު ދެން ފެށުނީ މި ރަސްގެފާނުގެ ދަރިކަލެއް ކަމުގައިވާ މުޙައްމަދުގެ ރަސްކަމެވެ. އެއީ އައްސުލްޠާން މުޙައްމަދު މުޢީނުއްދީން އިސްކަންދަރު (އެއްވަނަ) ގެ ރަސްކަމެވެ. ކުރިން ނަންގަނެވުނު ޙުސައިން ދޮށިމޭނާކިލެގެފާނުގެ ދަރީންގެ ގަދަފަދަކަން މި ރަސްކަމުގައި ދިޔައީ ފާޅުގައި ދައްކަމުންނެވެ. ރަސްކަމުގެ ތެރޭގައި ޢާއިލީ ހަމަނުޖެހުން ހިނގަމުން ދިޔައީ އިންތިހާއަށެވެ. ޚާއްޞަކޮށް ޢާއިލީ ގޮތުން ކުރެވިފައިވާ ހުރި ކައިވެނީގެ ގޮށްޖެހުންތަކުންނެވެ.

ނަންގަނެވުނު ޙުސައިން ދޮށިމޭނާކިލެގެފާނުގެ ބޭފުޅުންނަކީ އިސްމާޢީލް ދީދީ، ޢަލީ ދީދީ، ދޮން އަޙްމަދު ދީދީ އަދި އިބްރާހީމް ދީދީ އެވެ. މިތަނުން އަޙްމަދު ދީދީ ކައިވެނި ބައްލަވައިގެން ހުންނެވީ މުޙައްމަދު މުޢީނުއްދީން އިސްކަންދަރު ރަދުންގެ ފުރަތަމަ އަނބިކަނބަލުން ލާމިގަސްދޮށުގޭ ދީދީ (އާމިނާ މަނިކުފާނު) ގެ ދޮށީ ދަރިކަނބަލުންނާއެވެ. 

ދެން މި ނަކަލު ކޮށްލަނީ ދިވެހިރާއްޖޭގެ ރަހުންނާއި ރަނީންގެ މިފޮތުގެ 246 ވަނަ ޞަފުޙާއިންނެވެ. “ އާމިނާ މަނިކުފާނުގެ އަނެއް ދަރިކަނބަލުން ފާޠިމަތު ކައިވެނި ބައްލަވައިގެން އިންނެވީ، އިބްރާހީމް ރަންނަބަނޑޭރި މަނިކުފާނުގެ ދަރިކަލުން އަޙްމަދު މަނިކުފާނާއެވެ. ޙުސައިން ދޮށިމޭނާކިލެގެފާނުގެ ފުތް ދޮން އަޙްމަދު ދީދީ އެދިވަޑައިގަތީ، އޭނާގެ އަނބިކަނބަލުންނާ އެއްބަނޑު ކޮއްކޯފުޅު ފާޠިމަތު، އެކަމަނާގެ ފިރިކަލުން އަރިހުން ވަރިކުރައްވައި، އިސްމާޢީލް ދީދީގެ ދަރިކަލުން އިބްރާހީމް ދީދީއާ ކާވެނިފުޅު ކުރެއްވުމަށެވެ. މި ރޮނގުން ހުރާގޭ ދޮން އަޙްމަދު ދީދީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވައިގެން، އެ ގޮމާގެ ފިރިކަލުން، ރަންނަބަނޑޭރި މަނިކުފާނުންގެ އަޙްމަދު މަނިކުފާނު، އަނބިކަނބަލުން ވަރިކުރައްވައިފިއެވެ. މީގެ ތިން މަސްދުވަސް ފަހުން އިސްމާޢީލްދިދީގެ އިބްރާހީމްދީދީއާ އެ ގޮމާ ކައިވެނިފުޅު ކުރެއްވިއެވެ. ރަދުންގެ މި އަނބިކަނބަލުން ލާމިގަސްދޮށުގޭ ދީދީ އަވަހާރަވީ 1244ޙ ވަނަ އަހަރުއެވެ.

މިފަދައިން، ދެ ފަރާތުގެ ގުޅިވަޑައިގަތުންތައް ކަމަށް ހީކުރެވުނު ކައިވެނިފުޅުތަކާ މެދު ޙުސައިން ދޮށިމޭނާ ކިލެގެފާނުންގެ ބޭފުޅުން ވަރަށް އުފާފާޅުކުރެއްވި ކަމަށް ތާރީޚުގައި ލިޔެފައިވެއެވެ. މި ސަބަބަށްޓަކައި، އިތުރު ކައިވެނިފުޅެއް ކުރައްވަން އެބޭފުޅުން ޚިޔާލުފުޅު ކުރެއްވިއެވެ. މި ގޮތުން އެބޭފުޅުން އެދިވަޑައިގަތީ ރަދުންގެ ޢަލީ ކިޔުނު ދަރިކަލަކާއި އިސްމާޢީލްދީދީގެ ދަރިކަނބަލަކާ ކައިވެނިފުޅު ކުރެއްވުމަށެވެ. އަދި މިކަމަށްޓަކައި ފަންޑިތަ ވެސް ހަދައި އުޅުނު ކަމަށް ބުނެވުނެވެ.

ކޮންމެއަކަސް، މީގެ ކުޑަ ދުވަސްކޮޅެއް ފަހުން ރަދުންގެ މި ދަރިކަލުން، ޢަލީ ޢަލާއުއްދީން، އާލާސްކަންފުޅެއް ޖެހިވަޑައިގެންފައި، 1245ޙ ވަނަ އަހަރު ޖުމާދިލްއާޚިރު މަހުގެ 11 ވަނަ ދުވަހު (8 ޑިސެމްބަރ 1829) އަވަހާރަވެއްޖެއެވެ. އޭގެ ދުވަސްކޮޅެއް ފަހުން، ލިޔެފައި އޮތް ކަރުދާސްގަނޑެއް ގަނޑުވަރުގެ ފާރު ތެރެއިން ފެނިއްޖެއެވެ. އެ ކަރުދާސްގަނޑުގައި ލިޔެފައި އޮތީ، އެ މަނިކުފާނު އަވަހާރަވީ އާލާސްކަންފުޅަކީ، ދެކަނބަލުން ހިތްޕުޅުހަމަކުރައްވަން ފަންޑިތަ ހައްދަވައިގެން އެ މަނިކުފާނަށް ޖެހިވަޑައިގެންނެވި އާލާސްކަންފުޅެއް ކަމަށެވެ. އެމަނިކުފާނުގެ ޅިޔަންމަނިކުފާނާއި އޭނާއާ އެކުގައި އުޅޭ މީހުން އެ މަނިކުފާނަށް ސިޙުރު ހެދީ ކަމަށް ވެސް ބުނެފައިވެއެވެ. މި ވާހަކަ ރަށުތެރޭގައި ދެކެވިގެން، އަސްކަރުގެ މީހުން ގުޅަކުޅޭފަސްގަނޑަށް އެއްވެ، އެތައް ވާހަކައެއް ދެއްކުމަށް ފަހު، އެކިއެކި މީހުންގެ ނަންތައް ކިޔަކިޔައިފައި، ދޮން އަޙްމަދުދީދީ އަރިހުގައި އުޅޭ މީހުން ގެނެސް ބަނދެ ހައްޔަރުކުރިއެވެ.

އޭގެ ފަހުގައި، އެއިރު ހުންނެވި ފަނޑިޔާރު މަނިކުފާނު، އިބްރާހީމް ސިރާޖުއްދީން ގެންނަވައިފައި، އެ ކަރުދާހުގައި ލިޔެފައި އޮތް ކަންތައްތަކުގެ މައްސަލައިގައި ހިފައިގެން ގެނެވުނު މީހުނަށް، ޢަސްކަރީން އެދިފައިވާ ގޮތަށް އަދަބު ދިނުމާމެދު އޭނާއަށް ފެނިވަޑައިގަންނަވާ ގޮތަކާމެދު ރަދުން ސުވާލުކުރެއްވިއެވެ. ފަނޑިޔާރު މަނިކުފާނުގެ ޚިޔާލުފުޅަކީ، މިފަދަ އެއްޗެއް މީހަކު ލިޔެފައި އޮތް ނަމަވެސް، އެކަމަކީ ސާބިތުވެފައި އޮތް ކަމަކަށް ނުވާތި އެ މީހުންނަށް އަދަބުދެއްވައިގެން ނުވާނެ ކަމަށެވެ.

ނަމަވެސް ރަދުން މިގޮތާ ޤަބޫލުފުޅު ނުވުމާއެކު، މިބައިމީހުން ތަޅައިފައި އަރުވާލެއްވީއެވެ. ދެން މި ކަމުގައި ހިނގައިފައި ހުރި ތަފާތު ކަންތައްތަކުގެ ވާހަކަތައް ރަދުން އަރިހުގައި މީހުން ދެއްކީމައި، އަދި ޢަލީ ޢަލާއުއްދީން ކައިވެނިފުޅު ކުރައްވަން އުޅުއްވި ބޭފުޅަކާމެދު މީހުން ދެންނެވި ވާހަކަތައް ވެސް އައްސަވައި، ހުރާގޭ ޙުސައިން ދޮށިމޭނާކިލެގެފާނުގެ ބޭބޭފުޅުންނަށް ރަދުން ވަރަށް ބޮޑަށް ކޯފާއިސްވެއްޖެއެވެ. އަދި، އެ ޢާއިލާގެ ދެ ބޭފުޅުންނާ ކައިވެނިފުޅު ކުރައްވައިގެން ތިއްބެވި، އެ ރަދުންގެ ދެ ދަރިކަނބަލުންގެ އަރިހުގައި، އެ ބޭފުޅުންގެ ފިރިކަލުންނަކީ ތިމަން މަނިކުފާނުގެ ޢަދާވާތްތެރިންނޭ ވިދާޅުވިއެވެ.

އެ ދުވަހުން ފެށިގެން ހުރާގޭ ޙުސައިން ދޮށިމޭނާ ކިލެގެފާނުގެ ބޭފުޅުންނަށް ރަދުންގެ ހިތްޕުޅު ތަފާތު ވެއްޖެކަން މީހުންނަށް އެނގިއްޖެއެވެ. އަދި، ހުރާގޭ ޙުސައިން ދޮށިމޭނާ ކިލެގެފާނުންގެ ބޭފުޅުންނަކީ ރަދުން ނުރުއްސަވާ ބޭފުޅުން ކަމަށްވިއެވެ. މި ކަންތަކާ ވިދިގެން، ދޮން އަހްމަދިދީދީ އާއި އިބްރާހީމްދީދި އާ ދެ ބޭފުޅުން ކައިވެނިބައްލަވައިގެން ތިއްބެވި، ރަދުންގެ ދެ ދަރިކަނބަލުން ވަރިކުރެއްވިއެވެ.“

ނުނިމޭ.

މި މަޒުމޫނަށް މަޢުލޫމާތު ނެގީ ދިވެހިރާއްޖޭގެ ރަހުންނާއި ރަނީންގެ ފޮތުންނެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް