ޗިސްމޭ

Loading

Facebook
Twitter
WhatsApp

ޗިސްމޭ (Pancreas)  އަކީ ހަޖަމުކުރާ ނިޒާމް ގައި ހިމެނޭ ގުނަވަނެކެވެ. އަދި އެންޑަކްރިން ނިޒާމް ގައި ހިމެނޭ ގޮށެއް ވެސް މެއެވެ. ޗިސްމޭ އަކީ އެންޑަކްރިން އަދި އެކްސަކްރިން ގްލޭންޑެއްގެ ގޮތުގައި ބެލެވޭ ގުނަވަނެއް ވެސް މެއެވެ. ޗިސްމޭ އަކީ އެންޑަކްރިން ގްލޭންޑް (Endocrine gland) އެއްގެ ގޮތުގައި ބެލެވެނީ ތަފާތު ހޯރމޯންތައް ޗިސްމޭގައި އުފައްދައި ދޫކުރާތީއެވެ. އެކްސަކްރިން ގްލޭންޑް (Exocrine gland) އެއްގެ ގޮތުގައި ބެލެވެނީ ހަޖަމުކުރާ އެންޒައިމްތައް ހިމެނޭ ޗިސްމޭ ޖޫސް އުފައްދައި ދޫކުރާތީ އެވެ.

ޗިސްމޭ ގެ އެންޑަކްރިން ވަޒީފާ އަދާކުރަނީ އޭގައި ހިމެނޭ ”އައިލިޓްސް އޮފް ލޭންގަރހޭންސް“ (Islets of langerhans) ކިޔާ ސެލްތަކުންނެވެ. މިސެލްތަކުން އިންސުލިން އަދި ގްލޫކަގޮން އުފައްދައެވެ. ޗިސްމޭގެ އެކްސަކްރިން ވަޒީފާ އަދާކުރަނީ އޭގައި ހިމެނޭ ”ކަމްޕައުންޑް އެސިނަރ ގްލޭންޑް“ (Compound acinar gland) ތަކުންނެވެ. މިގްލޭންޑް ތަކުން ޗިސްމޭ ޖޫސް އުފައްދައެވެ. ޗިސްމޭގެ ހަރަކާތް ކޮންޓްރޯލް ކުރަނީ ވޭގަސް ނާރު (Vagus nerve) އަދި މައި ސްޕްލެންކްނިކް ނާރު  (Splanchnic nerve) ތަކުންނެވެ.

ޗިސްމޭ އުފެދިފައިވާގޮތް

އިންސާނާގެ ޗިސްމޭގެ ދިގުމިނަކީ 10-6 އިންޗި އެވެ. އެވްރެޖް ދިގުމިނަކީ 7 އިންޗި އެވެ. އެވްރެޖް ފުޅާމިނަކީ 1.5 އިންޗި އެވެ. ޗިސްމޭ އޮންނަނީ މައިދާގެ ތިރިން ހިމަ ގޮހޮރުގެ ފުރަތަމަ ބައި ”ޑޫއަޑިނަމް“ގެ ފެށޭތަނުގައި ”ސީ“ އަކުރުގެ ބައްޓަމަށް އިންނަ ބަޔަށް ޗިސްމޭ ގެ ބޯކޮޅު ވަދެފައި އިންނަ ކަހަލަ ގޮތަކަށެވެ. ޗިސްމޭ ގައި މައިގަނޑު 3 ބައެއް ވެއެވެ. އެއީ :-

·        ޗިސްމޭގެ ބޯ: މިބައި އިންނަނީ ކުރިން ބުނިހެން ޑޫއަޑިނަމްގެ އެތެރެއަށް ވަދެ ފައްތަރުވެފައެވެ.

·        ޗިސްމޭގެ ޖިސްމު: މައިބަދައިގެ އުނަގަނޑަށްވުރެ މަތިން ހިމެނޭ ކަށިތަކުގެ ދެވަނަ ކަށިކޮޅާއި އެއް ހަމައެއްހަމައެއްގައި މިބައި އޮވެއެވެ.

·        ޗިސްމޭގެ ނިގޫ: ނިގޫ އިންނަނީ ހަށިގަނޑޫ ހުރަސްކޮށް ކަނާތުން ވާތަށް ހުންކޮށްޓާއި ދިމާލަށް ގޮސްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް