މިދިޔަ އަހަރު އޮކްޓޯބަރުގައި ރައީސަކު ހޮވުމަށް ބޭއްވި އިންތިޚާބު ކާމިޔާބުކޮށް ރައީސްކަމަށް ހޮވިވަޑައިގަތީ ތިންދައުރުގައި ރައީސްކަން ކުރެއްވި އީވޯ މޮރޭލްސްއެވެ. ހޮވުނުކަން އިއުލާންކުރިތާ ގިނައިރުތަކެއް ނުވަނީސް ފުލުހުންނާއި ސިފައިންގެ ފަރާތުން އައި އިންޒާރުތަކާއެކު ފިއްލަވަން މެކުސިކޯއަށް ވަޑައިގަންނަވަން މޮރޭލްސަށް މަޖުބޫރުވެ ވަޑައިގަތެވެ. ފުރުސަތު ލިބިވަޑައިގަތްނަމަ މީ މޮރޭލްސް ރައީސްކަން ކުރައްވާނެ ހަތަރުވަނަ ދައުރެވެ.
އެމެރިކާ ސަރުކާރުގެ އެހީތެރިކަމާއެކު ރައީސްގެ މަގާމަށް ގެނައީ ބަޣާވާތްކުރި، އިންތިޚާބުނުވާ ކަނާތުފިޔާގެ ޖީނީ އެނޭޒް ކިޔާ މީހެކެވެ. ”އިންތިގާލީ ރައީސް“ ކަމަށް އަމިއްލައަށް ކަނޑައަޅައިގެން ރައީސްކަމަށް އަރާ، މިލިޓަރީ ސިފައިންލައްވާ މޮރޭލްސްއަށް ތާއީދުކުރާ އެތައްބަޔަކު ގަތުލުކުރިއެވެ. މި ނުބައި އަމަލު ހިންގި މީހުންނަށް ފަހުން ހިމާޔަތްދިނެވެ.
ބޮލީވިއާގައި ބޭއްވި އިންތިޚާބަކީ މަކަރާއި ހީލަތް އެކުލެވުނު އިންތިޚާބެއްކަމަށް ބުނެ އޯގަނައިޒޭޝަން އޮފް އެމެރިކަން ސްޓޭޓްސް (އޯއޭސީ) އިން ދެއްކި ވާހަކަތަކަށް ރިޢާޔަތްކޮށް އެމެރިކާގެ ސެކެއްޓަރީ އޮފް ސްޓޭޓު މައިކު ޕޮމްޕޭ ބަޣާވާތްކުރި މީހުންނަށް ހިތްވަރު ދެއްވާ، ރައްޔިތުން ތަމްސީލުކުރާނެ ހަގީގީ ޑިމޮކްރަސީއެއް ގެނައުމަށް އެއިރު އެދިވަޑައިގެންނެވިއެވެ. މި ދެންނެވި މައިކު ޕޮމްޕޭ ދިވެހިރާއްޖެއަށް ޒިޔާރަތް ކުރައްވަނީ އޭނާގެ ބައިވެރިންނާއި ބައްދަލުކުރެއްވުމަށެވެ.
އެމެރިކާގެ ތާއީދު ލިބިފައިވާ އެނޭޒްގެ ސަރުކާރުން ތާވަލުކުރި އިންތިޚާބު ދެަފަހަރު މަތިން ލަސްކޮށްފައިވަނީކޮށް، އެންމެފަހުން މިދިޔަ އާދީއްތަ ދުވަހު ބޮލީވިއާގައި އިންތިޚާބު ބޭއްވިއެވެ. މިހާރުގެ އިނދިކޮޅު ކެންޑިޑޭޓު ލުއިސް އާކޭވަނީ ޝައްކެއްނެތް މިންވަރުގެ ކާމިޔާބެއް ހޯއްދަވާފައެވެ. ލުއިސް އާކޭއަކީ މޮރޭލްސްގެ ކުރީގެ ފިނޭންސް މިނިސްޓަރެވެ.
އިންތިޚާބުގެ ރަސްމީ ނަތީޖާ އަދި އިއުލާން ނުކުރިކަމުގައިވިޔަސް، އިތުބާރުކުރެވޭ ފާމްތަކުން ނެގި ޚީޔާލުހޯދުމުގެ ވޯޓުން ދައްކަނީ ބަޣާވާތް ގެނައި ލީޑަރާއި ވާދަކޮށް 50% އަށްވުރެ ބޮޑު ކާމިޔާބީއެއް އާކޭއަށް ލިބޭނެކަމަށެވެ. އެނޭޒް ވަނީ ބަލި ގަބޫލުކޮށް އެމް އޭ އެސް އަށް ކާމިޔާބު ލިބުނުކަމަށް ބުނެފައެވެ. “ ރަސްމީ ނަތީޖާ ނުލިބުނަސް، ލިބިފައިވާ ނަތީޖާތަކުން އެނގެނީ މިސްޓަރ އާކޭ އާއި ނައިބުރައީސަކަށް ކުރިމަތި ލެއްވި މިސްޓަރ ޗޮކުއެހުއަންކާ އިންތިޚާބު ކާމިޔާބުކޮށްފިކަން، އެދެ ބޭފުޅުނަނަށް މަރުހަބާ ދަންނަވަން، ބޮލީވިއާ އާއި ޑޮމޮކްރަސީ ސިނކުޑީގައި ބަހައްޓަވައިގެން ބޮލީވިއާގެ ވެރިކަން ކުރެއްވުމަށް ދަންނަވަން“
ލެޓިން އެމެރިކާގައި އެމެރިކާގެ އެހީތެރިކަމާއެކު ގެނައި ބަޣާވާތެއް މިހާ ފާޅުކަން ބޮޑު ގޮތަކަށް ފޭލިވި ހަނދާނެއް ނުވެއެވެ. އެމރިކާގެ ބާރުވެރިކަން އޮންނަ އޯގަނައިޒޭޝަން އޮފް އެމެރިކަން ސްޓޭޓްސް އިންވެސް ހަމައެކަނި ކުރި ސުވާލަކީ މޮރޭލްސަށް ލިބުނު ހަނި ކާމިޔާބީއަކީ ދެވަނަ ބުރަކަށް ނުގޮސް ރައީސް ކަމަށް އިންތިޚާބުކުރަން އެކަށޭނަ މިންވަރެއްތޯއެވެ. އެއިރު އޯ އޭ ސީންވަނީ ވޯޓު އޮޅުވާލިކަމަށްބުނެ އަޑު ފަތުރާފައެވެ. އެކަމަކު މިދިޔަ އޮކްޓޯބަރުގައި ބޭއްވި އިންތިޚާބުން އެހެން ކެންޑިޑޭޓުންނަށްވުރެ ގިނައިން މޮރޭލްސަށް ވޯޓު ނުލިބޭކަމަށް ޝައްކުކޮށް، އެއްވެސް ބަޔަކު ވާހަކަ ދައްކާފައެއް ނުވެއެވެ.
މޮރޭލްސް އިންތިޚާބު ކާމިޔާބު ކުރެއްވުމުންވެސް، ބޮލީވިއާގެ ފުލުހުންނާއި ސިފައިން މޮރޭލްސްއަށް އިންޒާރު ދިނީ، ވަގުތުން ގައުމުން ފޭބުމުން ނޫނީ މޮރޭލްސްއާއި އޭނާގެ އާއިލާއާއި އޭނާގެ ބައިވެރިންނަށް ރައްކާތެރިކަމެއް ނެތްކަމުގައެވެ.
މޮރޭލްސްއާއި ދެކޮޅަށް 2019 ވަނަ އަހަރު ބޮލީވިއާގައި ގެނެވުނު ބަޣާވާތަށް ހުޅަނގުން ރައްދުދިނީ އަބަދުވެސް އެމީހުން ފަތުރާ ޕްރޮޕަގެންޑާ ފަތުރާގޮތަށެވެ. ހުޅަނގުގެ އޮފިޝަލުންނާއި، ޚަބަރުފަތުރާ މީޑިއާތަކާއި، ތަޖުރިބާކާރު ލިޔުންތެރިން، ޑިމޮކްރަޓިކް ހަމަތަކުގެ މަތިން އިންތިޚާބުވާ ލީޑަރުންގެ ތެރެއިން އެމީހުންނަށް މަގުބޫލުނޫން ލީޑަރުންނާއި ދެކޮޅަށް ގެންނަ ބާޣާވާތްތައް ޕްރޮމޯޓުކުރަން އަބަދުވެސް އެހީވެއެވެ. އެފަދަ ބަޣާވާތްތަކަކީ “ ޑިމޮކްރަސީއަށް ލިބުނު ކާމިޔާބެއް“ ކަމުގައި އެފަރާތްތަކުން ސިފަކުރެއެވެ.
މި ކޮރަޕްޓު ސިޔާސީ ފޯމިއުލާގައި ”ޑިމޮކްރަސީއަށް ނުރައްކަލަކަށްވަނީ“ އެމެރިކާގެ އެހީތެރިކަމާއެކު ބަޣާވާތްގެންނަ މީހުންނެއްނޫނެވެ. ޑިމޮކްރަސީގެ ހަމަތަކުން އިންތިޚާބު ކާމިޔާބުކުރުމުން، ވެރިކަމުންދުރުކުރާ ފަރާތެވެ.
އެމެރިކާއިން އެހީވެދީގެން ގެންނަ ބަޣާވަތަކީ ޑިމޮކްތަސީ ކަމަށާއި، އެމެރިކާއަށް ކަމުނުދާ އެހެންނަމަވެސް ޑިމޮކްރަސީގެ އުސޫލުތަކުން އިންތިޚާބުވާ ލީޑަރުންނަކީ ޑިކްޓޭޓަރުންގޮތަށް ސިފަކުރުމަކީ އެމެރިކާގެ ޚާރިޖީ ސިޔާސަތުގެ ބައެއްގެ ގޮތުގައި އޮންނަތާ ދަހަރު(ޑިކޭޑު) ތަކެއް ވެއްޖެއެވެ. ދުނިޔޭގެ އެންމެ ނުބައި އެންމެ ބޮޑު ޑިކްޓޭޓަރު މިސުރުގެ ޖެނެރަލް ޢަބްދުލް ފައްތާހު އަލް ސީސީ އަކީ “ ޑިމޮކްރަސީ އިއާދަކުރައްވާ“ ބޭފުޅެއްގެ ގޮތުގައި އޮބާމާގެ ސަރުކާރުންނާއި އެމެރިކާގެ ސެކެއްޓަރީ އޮފް ސްޓޭޓް ޖޯންކެރީ ފާހަގަކުރެއްވީ ކުރިންދެންނެވި ފޯމިއުލާއަށް ބަލައިގެންނެވެ. ޖެނެރަލް ޢަބްދުލް ފައްތާހު އަލް ސީސީ އަކީ ޑިމޮކްރަސީގެ ހަމަތަކުގެ މަތިން އިންތިޚާބުކުރި އިޚްވާނުލް މުސްލިމީން (މުސްލިމް ބްރަދާހުޑް)ގެ ވެރިކަން އަނިޔާވެރި މިލިޓަރީ ބަޣާވާތަކުން ވައްޓާލައި ވެރިކަމަށް އެރި ޑިކްޓޭޓަރެވެ.
އެކަމަކު މިދިޔަ އާދީއްތަދުވަހު ބޮލީވިއާއިން މިފަދަ ކަންކަމާދެކޮޅަށް ދެއްކި ހިއްވަރަށް ޝުކުރުވެރިވާން ޖެހެއެވެ. ހުޅަނގުގެ ރޭވުންތައް ފެއިލްކޮށްލިއެވެ. މީގެ ސީދާ އެއް އަހަރުކުރިން މޮރޭލްސް އިންތިޚާބު ކާމިޔާބުކުރި ފަހުން މިއަދާއި ހަމައަށް އެމީހުން ކުރަމުންއައި މުޒާހިރާތައް ހުއްޓާނުލައެވެ. މި ބޮޑު ބަލިމަޑުކަމުގެ ތެރޭގައި އެމީހުންގެ މިނިވަންކަމާއި ދިރުއުޅުން ނުރައްކަލުގެ ތެރެއަށް ހުށަހަޅައިގެން އެމީހުން ގޮވަމުން، އެދެމުންދިޔައީ ޑިމޮކްރަސީއާއި އެއްގޮތަށް އެމީހުން ބޭނުންވާ ވެރިއަކު އިންތިކާބުކުރުމުގެ ހައްގު ދިނުމަށެވެ. އެމީހުންގެ ގައުމުގެ ދާޚިލީ ކަންތައްތަކާއި ސަރުކާރުގެ ކަންކަމަށް ބޭރު ގައުމުތަކުގެ ނުފޫޒު ނުބޭއްވުމުގެ ހައްގު ދިނުމަށެވެ.
މޮރޭލްސްއަކީ އިޒުރޭލުން ފަލަސްތީނުގެ ބިންތައް ހިފައިގެން އުޅޭތީ އެކަމާއިދެކޮޅަށް އަޑުހަރުކޮށް ވާހަކަދައްކާ އެއް ލީޑަރެވެ. އެމެރިކާގެ ޚާރިޖީ ސިޔާސަތުގެ މަޅީގައި ނުޖެހުމަށް ފަރުވާތެރިވެތިބުމަށް ފަގީރު ކުދި ގައުމުތަކަށް އޭނާ އަބަދުވެސް އިންޒާރު ކުރެއެވެ.
ބޮލީވިއާގައި މިހިނގި ހާދިސާތަކުން ދިވެހިންނަށް ފަހަރެއްގައި ދުނިޔޭގެ ސިޔާސީ ކަންކަން ހިންގާގޮތް ފަސޭހައިން ދޭހަވެދާނެއެވެ. އެމެރިކާއަށާއި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އެމެރިކާގެ ބައިވެރިންގެ ދާޚިލީ ޕޮލިސީތަކަށް ތާއީދުނުކުރާ ފަރާތްތަކާއި ދެކޮޅަށް ރާވާ، ހިންގާ ޕްރޮޕަގެންޑާތައް ހިންގަނީ ކިހިނެތްކަން ކޮންމެވެސް ވަރަކަށް އެނގިދާނެއެވެ.