ނ.އަތޮޅުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގާ އޮޕަރޭޝަނަކާ ގުޅިގެން އެ އަތޮޅު ހެނބަދޫގައި ރޭ ދަންވަރު ފުލުހެއްގެ ސައިކަލުގައި ރޯކޮށްލައިފިއެވެ.
ފުލުހުންގެ ތަރުޖަމާނު އަދި އެސިސްޓެންޓް ކޮމިޝަނަރ އޮޮފް ޕޮލިސް އަޙްމަދު ޝިފާން މިއަދު ވިދާޅުވީ ހެނބަދޫގައި ފުލުހެއްގެ ސައިކަލަށް ފުރަތަމަ ގެއްލުން ދިނީި މިދިޔަ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ.
މީގެއިތުރުން އެހެން ފުލުހެއްގެ ސައިކަލުގައި ރޭ ދަންވަރު ހުޅުޖަހައި ބޭނުން ނުކުރެވޭ ވަރަށް ގެއްލުން ދީފައިވާ ކަމަށެވެ.
ސައިކަލަށް ގެއްލުންދީ އެހެން ސައިކަލެއްގައި ރޯކޮށްލީ ނ.އަތޮޅުގައި ފުލުހުން ހިންގާ މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ތުހުމަތު ކުރެވޭ ބައެއް ކަމަށް ފުލުހުން ވަނީ ތުހުމަތުކޮށްފައެވެ.
ޝިފާން ވަނީ މިފަދަ ފިނޑި އަމަލެއްގެ ސަބަބުން ޕޮލިހުންގެ ހިތްވަރާއި ސާބިތުކަމަށް ކުޑަވެސް ބަދަލެއް ނާންނާނެކަން, އެ ވިސްނުމުގައި އެފަދަ އަމަލުކުރަމުންދާ މީހުންނަށް ހަނދާންކޮށްދޭ ކަމަށް ވެސް ވިދާޅުވެފައެވެ.
ޝިފާން ވިދާޅުވީ މި ދެ މައްސަލަ ވެސް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.