ހުޅުމާލޭގެ ވިނަރެސް ފްލެޓް ސަރަހައްދުގައި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ކާރަކުން ޖެހި މީހަކު ވިއްސައިގެން ދިޔުމުން، ކާރުގެ ޑްރައިވަރު އެ ސަރަހައްދު ދޫކޮށް ފިލައިފި އެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑްގައި ދުއްވާފައި އައި ކާރެއް ކޮންޓްރޯލް ނުވެގޮސް މަގުގެ އެއް ފަރާތުގައި މީހަކު މަޑުކޮށްގެން އިން ސައިކަލެއްގައި ޖެހިގެން ކަމަށެވެ. ސައިކަލްގައި މަޑުކޮށްގެން އިން ފިރިހެން މީހާއަށް އަނިޔާވެ އޭނާ އަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މި ހާދިސާ ހިނގުމާއެކު ފުލުހުން ބުނީ ކާރުގެ ޑްރައިވަރު އެސަރަހައްދުން ފިލާފައިވާ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިހާރު ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯ އިން ސައިކަލެއްގައި ދުއްވާފައި އަންނަ މީހަކު މަގުގެ އެއް ފަަރާތުގައި މަޑުކޮށްލާ މަންޒަރު ފެންނައިރު ކޮންޓްރޯލުން ނައްޓާފައިވާ ކާރެއް ބާރު ސްޕީޑްގައި އޭނާ އާ ދިމާލަށް އައިސް ސައިކަލުގައި ޖެހި އޭނާ ވިއްސައިގެންދާ މަންޒަރު ފެނެއެވެ.