ޙާލަތު ގޯސްވެ ގްރީސްގައި ކާފިއު އިޢްލާނު ކޮށްފި

Loading

Facebook
Twitter
WhatsApp

ކޮވިޑް-19 ފެތުރުން ހަލުވިވެ ޙާލަތު ގޯސްވުމާއި ގުޅިގެން ގްރީސްގައި ކާފިއު އިޢްލާނު ކޮށްފިއެވެ.

ކޮވިޑް-19 ފެތުރޭ މިންވަރު ކޮންޓްރޯލް ކުރުމުގެ ގޮތުން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ކާފިއު ހިންގަން ނިންމާފައިވަނީ ގްރީސްގެ އެންމެ ނުރައްކާ ބޮޑުވެފައިވާ ސަރަޙައްދުތަކުގައި އެކަންޏެވެ. މި ސަރަޙައްދުތަކުގައި ކާފިއު ހިންގަން ނިންމާފައިވަނީ ރޭގަނޑުގެ ވަގުތުތަކުގައި އެކަންޏެވެ.

ގްރީސްގައި ކާފިއުއާއި އެކު ފުރަބަންދުގެ ފިޔަވަޅުތައް ޤާއިމްކޮށްފައިވާކަން އިއުލާނުކުރައްވަމުން އެޤައުމުގެ ބޮޑުވަޒީރު، ކީރިއާކޯސް މިޓްސޮތާކިސް ވިދާޅުވެފައި ވަނީ، ނުރައްކާ އެންމެ ބޮޑު ސަރަޙައްދުތަކުގައި ހަރުކަށި ފިޔަވަޅުތައް އަޅަން މަޖުބޫރުވެފައިވާ ކަމަށެވެ. އަދި މި ފިޔަވަޅުތަކުގެ ސަބަބުން ކުރިޔަށް އޮތް ދުވަސްތަކުގައި ބަލީގެ ޙާލަތަށް ރަނގަޅު ބަދަލެއް އަންނާނެ ކަމަށް ޤަބޫލުފުޅު ކުރެއްވޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިޓްސޮތާކިސް ވިދާޅުވީ މިވަގުތު ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ޔޫރަޕުގެ ޤައުމުތަކާއި، އަޅާބަލާއިރު ގްރީސްގެ ޙާލަތު ރަނގަޅު ކަމަށެވެ. ނަމަވެސް މިވަގުތު އޮތް މިންވަރަށްވުރެ ނުރައްކާ ބޮޑުވުމަކީ އަރައިނުގަނެވޭ ވަރުގެ ގެއްލުންތަކަކައި ކުރިމަތިވެދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ހުރިހާ ފަރާތްތަކުން ވެސް އުސޫލުތަކަށް ބޯލެނބުމަށް އެމަނިކުފާނު އިލްތިމާސްކުރައްވިއެވެ.

ގްރީސްގައި ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ސަރަޙައްދުތަކުގެ ތެރޭގައި އެޤައުމުގެ ވެރިކަންކުރާ އެންތަންސް ހިމެނެއެވެ. މީގެ އިތުރުން އެޤައުމުގެ އެނޫންވެސް ބޮޑެތި ބައެއް ސިޓީތަކުގައި ބަލި ފެތުރޭ މިންވަރު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ.

ކޮވިޑް-19 ގެ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ގްރީސް އަށް ކޮވިޑް-19 ގެ ނުރައްކާ މިހާތަނަށް އެންމެ ބޮޑުވެފައި ވަނީ ފާއިތުވެދިޔަ ހަފްތާއެއްހައި ދުވަސް ތެރޭގައެވެ. މިގޮތުން އިއްޔެއަކީ އެޤައުމުން ރެކޯޑް އަދަދަކަށް މީހުން ފައްސިވި ދުވަހެކެވެ.

ދިހަ މިލިއަން މީހުންގެ އާބާދީއެއް އޮންނަ ގްރީސް އިން އެންމެ ފުރަތަމަ ކޮވިޑް-19ގެ ކޭހެއް ރިކޯޑު ކުރެވިފައި ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުއެވެ. އެޤައުމުގައި ބަލި ފެތުރޭ މިންވަރު ވަރަށް ބޮޑަށް ކޮންޓްރޯލްވެފައި އޮތުމަށްފަހު ނުރައްކާ ބޮޑުވާން ފެށީ އޮގަސްޓު މަހުން ފެށިގެންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް