ރާއްޖޭން މި ވަގުތަށް އެންމެ ބޭނުންވާ ކަންކަން ޗައިނާއިން އޮޅުންފިލުވައިފި

Loading

Facebook
Twitter
WhatsApp

ދިވެހިރާއްޖެއިން މިވަގުތަށް އެންމެ ބޭނުންވާ ކަންކަން ޗައިނާއިން އޮޅުންފިލުވައިފިއެވެ.

ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ވަން ލިޒިން މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ޗައިނާ ސަފީރު ވަނީ ރާއްޖޭން މި ވަގުތަށް އެންމެ ބޭނުންވާނެ ކަންކަން ރައީސްގެ ފަރާތްޕުޅުން އޮޅުންފިލުއްވައި, އެ ކަންކަން ކޮށްދިނުމަށް ޗައިނާ ސަރުކާރަށް ވެވެން އޮތް އެހީތެރިކަމަކާއި، އެއްބާރުލުމެއް ދެއްވާނެކަމަށް ވިދާޅުވެފައެވެ.

ދެގައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ސަފީރު ވަނީ ޗައިނާގެ ރައީސް ރާއްޖެއާމެދު ބަހައްޓަވާ ޚާއްސަ ގާތްކަމާއި ދެއްވާ އަހަންމިއްޔަތުކަން ވެސް ފާހަގަކުރައްވައިފައެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ދެ ގައުމު ގުޅިގެން ކުރެވެންހުރި ކަންކަމާ ގުޅޭ ގޮތުން ރައީސާއި ސަފީރު ވަނީ މަޝްވާރާ ކުރައްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެ ގައުމުގެ ލީޑަރުން މަޝްވަރާ ކުރެއްވި ކަންކަމާއި، އެއްބަސްވެވަޑައިގެންފައިވާ ކަންކަން ތަންފީޒުކޮށް ހަލުވި ދުވެލީގައި ކުރިއަށްގެންދިއުމަށް ކުރެއްވެވެން ހުރި ކަންކަމާ ގުޅޭ ގޮތުން ވެސް މިއަދުގެ ބައްދަލުކުރެއްވުމުގައި ޚިޔާލު ބަދަލުކުރައްވާފައިވެއެވެ.

ބައްދަލުކުރެއްވުން ނިންމަވައިލައްވަމުން ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް ވަރުގަދަކުރުމަށް އެއްބާރުލުންދެއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފައެވެ.

މިދިޔަ ޖަނަވަރީ މަހުގައި ރައީސް ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ވިއްސަކަށް އެއްބަސްވުން ގާއިމުކުރެވިފައިވެއެވެ.

އޭގެތެރޭގައި ޑިޒާސްޓަރ ރިސްކް ރިޑަކްޝަންގެ ދާއިރާ، މަސްވެރިކަމުގެ ދާއިރާ، މަސްވެރިކަމުގެ އިންޑަސްޓްރީ ފުޅާކުރުމާއި، ތަރައްގީ ކުރުމުގެ ދާއިރާ ހިމެނެއެވެ. އޭގެތެރޭގައި، މަސް ޕްރޮސެސިންގ ފެކްޓްރީތައް ހެދުމާއި، ޑިޖިޓަލް އިކޮނޮމީ ޑިވެލޮޕް ކުރުމުގެ ދާއިރާ ހިމެނެއެވެ.

މީގެއިތުރަށް، ލޯ ކާބަން ގްރީން އިކޮނޮމީ، ގްރީން ޑިވެލޮޕްމަންޓްގެ ދާއިރާއިން އިންވެސްޓްމަންޓް އިތުރުކުރުމުގެ ގޮތުންނާއި، ޕަބްލިކް ސަރވިސް މީޑިއާ ތަރައްގީ ކުރުމާ ބެހޭގޮތުން ވެސް އެއްބަސްވުމުގައި ސޮއިކުރެވުނެވެ.

ހަމައެއާއެކު އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ދާއިރާގައި އެކިއެކި ކަންތައްތައް ހިމެނޭ ގޮތުންނާއި، އެގްރިކަލްޗަރގެ ދާއިރާއިން ފުޑް ސެކިއުރިޓީ ގާއިމުކުރުމަށާއި އެގްރިކަލްޗަރ އިންޑަސްޓްރީ ފުޅާކޮށް ތަރައްގީ ކުރުމާ ގުޅޭގޮތުންނާއި، ޓޫރިޒަމްގެ ދާއިރާ ފުޅާކުރުމާ ބެހޭ ގޮތުން ވެސް އެއްބަސްވުންތައް ހެދިގެންދިޔައެވެ.

ރައީސް ވިދާޅުވި ގޮތުގައި ޗައިނާއިން ރާއްޖެއަށް 920 މިލިއަން ޗައިނާ ފައިސާ ( ގާތްގަނޑަކަށް 130 މިލިއަން ޔޫއެސް ޑޮލަރުގެ) ހިލޭ އެހީ ވެސް އެ ދަތުރުފުޅުގައި ހަމަޖެހިފައިވެއެވެ.

އެ ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެން ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ އެތެރޭގެ ކަންކަމަކަށް ޗައިނާއަކުންނެއް އެއްވެސްވަރަކަށް ނުފޫޒެއް ނުފޯރުވާނެއެވެ.

“އަޅުގަނޑުމެންގެ އަމިއްލަ އެތެރޭގެ ކަންކަމަކަށް ޗައިނާއަކުންނެއް އެއްވެސްވަރަކަށް ނުފޫޒެއް ނުފޯރުވާ. ކުރީގައި، ދާދިފަހަކާ ޖެހެންދެން ފެނުނީ، މިދިޔަ ސަރުކާރުގެ ދުވަސްވަރު ފެނުނީ، އެއް ގޮނޑިން ތެދުވެ، އަނެއް ގޮނޑީގައިވެސް އިށީނދެވެނީ، ވަކި ބައެއްގެ ހުއްދަ ހޯދައިގެންކަން. އެގޮތް ދިވެހި ރައްޔިތުން ބޭނުމެއްނުވޭ.“ ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެން ވެލާނާ އެއާޕޯޓުގައި ހުންނަވައި ވިދާޅުވެފައިވެއެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް