1978 އިން 2008 އަށް ކިނބިގަސްދޮށުގޭ މައުމޫން ރައީސްކަން ކުރެއްވި ދުވަސްވަރު ހުދުމުޚުތާރުކަން ބޮޑުވެގެން އޭރުގެ ބައެއް ހަރުމީހުން، މެދު އުމުރުގެ މީހުން އަދި ޒުވާނުން ރައީސް މައުމޫނުގެ ވެރިކަމާ ދެކޮޅަށް އެކިސިފަސިފައިގައި އިދިކޮޅު ހެދިއެވެ.
މީގެ ތެރެއިން ބައެއް މީހުން 2008 ގައި މައުމޫންގެ ވެރިކަން ބަދަލުވިއިރު ދުނިޔެ ދޫކޮށް، އަނެއް ބައި މީހުން ބަލި އެނދުގައި، ބައެއް މީހުންގެ ދިރިއުޅުން މުޅީން ފަނާކޮށްލާ، އަނެއް ބައި މީހުންގެ އަބުރު މުޅިއުމުރަށް ކަތިލައި އަދި ޒުވާން ޖީލު މަސްތުވާ ތަކެތީގެ ނުރައްކާތެރި ވަބާގައި ޖައްސާ ހަލާކުވެފައި ވެއެވެ.
އިސްވެދިޔަ ކަންތައްތައް ދިވެހިރާއްޖޭގައި ހިންގަމުން ދިޔައިރު، ހުޅަނގުގެ ޤައުމުތަކުން ދިވެހިރާއްޖޭގެ އަމާންކަން ނަގާލާނެ ގޮތެއް ދިޔައީ ހޯދަމުންނެވެ. އެގޮތުން އިނގިރޭސި ވިލާތުގައި ފްރެންޑްސް އޮފް މޯލްޑިވްސް ކިޔާ ގުރޫޕަކުން މިކަން ރަވައި ދިވެހީންގެ ބަޔަކާއި ގުޅިގެން ހިންގަމުން ދިޔައެވެ.
ރައީސް މައުމޫން ދައުރުގައި މިބުނި ގްރޫޕް މީހުން ދިވެހިރާއްޖެ ނާދެވޭ ގޮތަށް ބްލެކްލިސްޓް ކޮށްފައި އޮތްއޮތުން 2008ގައި އުފަންވި ރައީސް ނަޝީދުގެ ވެރިކަމުގައި އުވާލިއެވެ. ތޫނިސް، އީރާގް އަދި ލީބިޔާ ފަދަ ގައުމުތަކުގައި އަހުލީ ހަނގުރާމަ އަށަގެންނެވި ގޮތަށް ދިވެހިރާއްޖޭގައި “ މިނިވަންކަން “ ޑިމޮކްރެސީ ލިބާސް ލައްވައިގެން ފިތުނަ ފަތުރަން ޖާގަ ހޯދުނެވެ.
30 އަހަރުގެ ޖައްބާރު ވެރިކަމަކާއި ދެކޮޅަށް ތިބި މީސްތަކުން، ޚާއްޞަކޮށް ޒުވާނުން މިނިވަންކަމުގެ ދަލުގައި ރަނގަޅަށް ޖެހުނެވެ. ވިލާތުގެ އިއްތިޙާދު ނުވަތަ އިޔުރޮޕިއަން ޔުނިއަންގެ ގައުމުތަކުން ދިވެހިރާއްޖެ އަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުތައް ދިނުމުން، ދިވެހިރާއްޖޭގައި މަލްޓި ޕާރޓީ ސިސްޓަމްގެ ރިޔާސީ ވެރިކަމަކާއި ދިމާލަށް މިސްރާބު ޖަހާން ޖެހުނެވެ.
ދެނެކާ ދެނެވެ! އަބާދީ ނިސްބަތަށް ބަލާއިރު ގައުމަށް ނުކަތާވަރުގެ ދެތިން ހަތަރު ޕާރޓީ އެއް އުފަން ވިއެވެ. ގައުމުގެ ރައްޔިތުން ބައިބައި ވިއެވެ. ޢާއިލާތަކުގެ އެއްބައިވަންތަކަން ގެއްލި ކެއުމުގެ ސުފުރާގައި ޢާއިލާގެ އެއްބަޔަކު އަނެއްބަޔަކާއި ރުޅިވެރިކަމާއި އެކު ވާހަކަ ނުދައްކަން ތިބޭތަން ފެންނާން ފެއްޓިއެވެ.
2008 އިން ފެށިގެން އައި ވެރިކަން ތަކުން ގައުމުގެ ޚަޒާނާ ދޮވެލަމުން ދިޔައީ އަމިއްލަ ތަރިކަ މުދާ ހެންނެވެ. ޕާރޓީތަކުގެ ސަޕޯޓަރުންނަށް ބޭނުންވީ ވަޒީފާ ތަކެވެ. މުސާރައެވެ. އަދި ރައްޔަތުންގެ ޚަޒާނާއިން އެ ޕާޓީތައް ހިންގާނެ ފައިސާއެވެ.
ޤައުމު އޮތް ޙާލަތު ބަލާކަށް އެއްވެސް ބަޔަކު ބޭނުމެއް ނުވިއެވެ. އެހެންދެއްތޯ ވާނީވެސް ކޮންމެ ޕާރޓީ ސަޕޯޓަރަކު ބޭނުންވީ އެމީހެއްގެ ޕާރޓީ ވެރިކަމަށް އަންނާށެވެ. 2018 ނޮވެމްބަރ ގައި ރައިސް ޞާލިޙު ދިވެހިރާއްޖޭގެ ހުންގާނާ ޙަވާލުވިއިރު ހުރި ދަރަނިއާ އެއްވަރުގެ ދަރަންޏެއް ރައީސް ޞާލިޙުގެ ވެރިކަމުގައި ޤައުމަށް އިތުރު ކޮށްލެއްވިއެވެ.
ރައީސް ޑރ. މުޢިއްޒު މިހާރު ވިދާޅުވަނީ މިއޮތީ ހިތިބޭސް ބޯންދޭން ޖެހިފައި ކަމަށެވެ. އެހެނަސް ކެމްޕޭންގައި އުޅުއްވިއިރު ރާއްޖެ ދަރާވިކިފައިވާ ވާހަކަފުޅާއި އެ ދަރަނި ދަންތޫރާއިން ދިވެހީން ސަލާމަތް ވުމަށްޓަކާއި އިބޫގެ ސަރުކާރު ނިންމަން ޖެހޭކަށް ވިދާޅުވެ ރައްޔަތުންނަށް ވިސްނަވައި ދެއްވިއެވެ. އަދި ރައްޔަތުން އިބޫގެ ވެރިކަން ބަދަލުކޮށް ދެއްވުމުން ގައުމު އަރަނިވެރި ކުރުއްވާނެކަމުގެ ވަޢުދާއި އެކަން ކުރުމަށް މިހާރުވެސް އެތެރެއިންނާއި ބޭރުގެ ފަރާތްތަކުން އެނހީތައް އޮހޮރޭނެކަމުގެ ސިގްނަލްތައް ލިބިފައިވާކަމަށް ވިދާޅުވިއެވެ.
އެގޮތުން ރައްޔަތުން ރައީސް ޔާމީނުގެ އެންޑޯޒް ކެންޑިޑޭޓެއްގެ ގޮތުން ޑރ. މުޢިއްޒުއަށް ވޯޓްދީ ވެރިކަން ބަދަލު ކޮށްލެވުނެވެ. ނަމަވެސް މިހާރު އޭރު ވިދާޅުވެވުނެ އެއްޗެއް ހަނދުމަފުޅުނެތި ދެއްވާފައިވާ ފަހުގެ މެސެޖަކީ ރައްޔިތުންނަށް މިވަގުތު މިވަނީ އެ މިދަރަންޏާ ޙަވާލުވާން ޖެހިފައި ކަމަށާއި ރައްޔަތުންނަސް ހިތިބޭހެއް ބޯންދިނުން ނޫންގޮތެއް ނެތްކަމަށެވެ.
ރަގަޅެއްނޫންތޯ ގައުމަށް މިއޮތީ ޑިމޮކްރެސީގެ ހުން ރަނގަޅަށް ޖެހިފައިތާއެވެ. ދިވެހީންނަށް މި ޑިމޮކްރެސީ އަކުން ލިބުނު ފައިދާ އެއް ނެތްކަން އެނގޭ އިރުވެސް މިޑިމޮކްރެސީ އަކުން ދޫކޮށްލައިގެން ވާކަށް ނެތެވެ.
އަނެއްކޮޅުން ލާމަރުކަޒި އުޞޫލުން ރަށްރަށަށް އަދި ބައިތުލް މާލަށް ނުކަތާވަރުގެ ގިނަ ވެރިން ހޮވައިގެން ވާނޭ ފައިދާ އެއްނެތްކަން އެނގޭ އިރުވެސް އެކަންވެސް މުރާޖައާ ކުރާކަށްވެސް ބޭނުންފުޅެއް ނުވެއެވެ.
ރާއްޖޭގެ ގިނަ ރައްޔަތުން މިހާރު ގަބޫލުކުރަނީ މި ގެނެވުނު ޑިމޮކްރެސީގެ ދަށުން އުފެދިގެން ހިންގޭ ޕާޓީތަކަކީ ފިތުނަ ޖާޑިތަކެއް ކަމުގައެވެ. އަދި އެންމެ ދެރަކަމަކީ ރައްޔަތުން ބައިބައިކޮށް ނަފުރަތު އުފައްދާ އެ ފިތުނަ ޖާޑިތަކަށް ރައްޔަތުންގެ ބުރަ މަސައްކަތުން ހޯދައިދޭ ޓެކްސް ފައިސާއިންވެސް ބައި އަޅާކަމެވެ.
ބައެއް ފަހަރު ހިތަށް އަރަނީ އަޅުގަނޑުމެންގެ ރިޒްގް ނުވަތަ ރޯދި ދެނީ ޔޫރަޕުން ތޯއެވެ؟ ނުވަތަ ޔަހޫދީންތޯއެވެ؟ ނިމިދިޔަ (2023ވަނައަހަރު) ވެރިކަމުގައި އެތަކެއް ރަށްރަށުގެ މަސްދޯނިތައް ފަޅުވެ ދިވެހި މަސްވެރިކަމުގެ ސިނާއަތު މަރުވުމާއި ގާތަށް ގެންދިޔައެވެ.
މަސްދޯނި ފަހަރުގެ ފަޅުވެރިންނަށް އެއްގަމުން ދައުލަތުގެ ބޭނުންނެތް ކުންފުނިތަކުން، ޚާއްޞަކޮށް ފެނަކައިން ވަޒީފާ ބަހާލުމުން މަސްދޯނި ފަހަރު މަހަށް ނުފުރާ ގިނަދޯނިތަކެއް ވިއްކާލަން ޖެހުނެވެ. މިޙަގީގަތް ގަބޫލުކުރާނެ ބަޔަކު ނެތްކަހަލައެވެ.
ބޮޑެތި މުއްސަނދިން ތަކެއްގެ ޓެކްސް ފައިސާ މައާފުކުރެވިއްޖެއެވެ. ނިކަމެތި ރައްޔިތުން އަތުން ޖީއެސްޓީ އަދި ކޮތަޅު ރުފިޔާ ނަގައިގެން ނުވަތަ ރައްޔަތުންގެ ނަމުގައި ބޭރު ގައުމުތަކުން ސަލާމް ޖަހައިގެން ނުވަތަ ބަހޭހަށް ލޯން ނަގައިގެން ގައުމު ހިންގަނީއެވެ. ޢަޖާއިބުވަނީ މިލޯންތައް ރައްޔަތުން ކުރެން އެހުމެއްނެތި ރައްޔަތުންގެ ބޮލުގައި އަޅުވަމުން ގެންދަނީ ސަރުކާރަށް ސަޕޯޓްކުރާ ޝޭޚުންތައްވެސް ލޯން އަކީ ޙަރާމް އެއްޗެކޭބުނެ ފަތުވާ ދެއްވަމުން ދާއިރުގައިވެސް މެއެވެ.
ރައްޔިތުންގެ މަޖިލިސް ތެރޭގައި ދިވެހިރާއްޖޭގެ ބައިތުލް މާލަށް ވަންނަން ޖެހޭ ފައިސާ މަޢާފު ކުރުވައިގެން (ބޮޑެތި މަހުޖަނުން އެބައިމީހުންގެ ޓެކްސްފައިސާ) އަޗާ ތަޅަނީ މި ގެނެވުނު ޑިމޮކްރެސީގެ ވެރިކަމުގައެވެ.
ދިވެހީންނަށް މިތިބީ ކިހިނެއް ވެފައިތޯއޭ އަޅުގަނޑު ހިތައްއަރައެވެ؟ ބައެއް މީހުން ތިބީ ގެނެވުނު ޑިމޮކްރެސީގެ ސަބަބުން ރީދޫ ހުން ނުވަތަ އެހެންވެސް ނުރައްކާތެރި ވައިރެސްއެއް ޖެހިފައޭވެސް މިހާރު ބުނާ މީހުން މަދެއް ނޫނެވެ.
މަސްކޮޅު ކިރާ މަސްވެރީން ފައިސާކޮޅު ނުލިބުނީމަ ހަޅުތާލު ކުރާންވީއެވެ. ނޫނީ މުދައްރިސަކު ނެތުމުން ސްކޫލް ތަކުގެ ބެލެނެވެރިން ސްކޫލްގައި ތަޅު އަޅުވާންވީ އެވެ. އެކަމަކު ދިވޭހީންނާއި ދިވެހިރާއްޖޭގެ ޚަޒާނާއަށް ފުނޑިގެން ގޮސް ރައްޔަތުން ދަރަނިބޯތަކަށް ވެގެން ދިއުމުންވެސް ޑިމޮކްރެސީވެފަ ތިބެންވީތޯއެވެ؟ މި ތަޖުރިބާ ކުރެވުނު “ ޑިމޮކްރެސީ “ އަށް ވުރެ ހިތިބޭހެއް އަދި ނުބޮމެވެ.
4 Responses
ޔޫރަޕް ރުއްސްން އުޅެގެން އަމިއްލަ އޮރިޔާން ނިވާ ނުވިޔަސް ޑިމޮކްރެސީ ގައި ހެވެވެ. އެހެންކަމުން ހިތިބޭސް ބުއިން އެއްކިބާގަ އޮވެފަ ޤައުމު ބަނޑަށްވެސް ޖެހެނީއެވެ.
Varah nayaa varah ves salhi liunkolheh,
Hageegaiy badhaleh nuvaane.
ވަރަށް ބަރާބަރު ވާހަކަ ކޮޅެކެވެ. މި ޑިމޮކްރެސީ އަކީ ދިވެހިންނަށް ދިން ހަމަ ހިތި ބޭހެކެވެ. ދެން ޕނސ އިން ދޭ ހިތިބޭސް ބޯލީމާ އެދެން ނިމުނީއެވެ. ޑިމޮކްރެސީ ފުރިހަމަވީއެވެ. އަހަރެމެންގެ ޓެކްސް ފައިސާއިން ފިތުނަ ޖާޑިތަކަށް ފައިސާ އެޅުން ހުއްޓުވާށެވެ. ވަރަށް ސަލާމް.
ރައްޔަތުންނަށް އެއްވެސް ކުރިއެރުމެއް ނުލިބުނެވެ. ރައްޔަތުންގެ ޚާދިމުންތަކަށް ހަބޭހަށް އިނާޔަތާއި ކަޓް ލިބޭސިސްޓަމް ކޮން ސިސްޓަމްއެއް؟ ޑިމޮކްރެސީ ސިސްޓަމް!