ދިވެހިންގެ ދީލަތި އެހީގައި ޚިދުމަތް ޖަމިއްޔާއިން ދިވެއްސަކަށް މަސްނޫޢީ ފަޔެއް ޖަހައިދީފީއެވެ.
ދިމާވި ހިތާމަވެރި އެކްސިޑެންޓެއްގައި ފައި ބުރިކޮށްލަންޖެހި ނުކުޅެދޭ މީހަކަށް ވެފައި ވަނިކޮށް ޚިދުމަތް ޖަމިއްޔާއިން ދިވެހިންގެ އެހީގައި މަސްނޫޢީ ފަޔެއް ޖަހައިދިނީ އދ. ފެންފުށި އިބްރާހިމް މުހައްމަދަށެވެ.
މިކަންހާމަކޮށް ޚިދުމަތް ޖަމިއްޔާއިން ބުނީ އެ ޖަމިއްޔާގެ އިސްނެގުމުގެ މަތިން ދިވެހި ރައްޔިތުންގެ ދީލަތި އެހީގައި އދ.ފެންފުށީ،އިބްރާހިމް މުހައްމަދަށް މަސްނޫޢީ ފަޔެއް ޖަހައިދީ އަނބުރާ މުޖުތަމަޢުއަށް ނެރެދީފައިވާ ކަމަށެވެ.
އެގޮތުން އަމިއްލަ ބުރަ މަސައްކަތުން ޢާއިލާއަށް ކާންދީ އޭނާގެ ކުރީގެ ދިރިއުޅުމަށް އެނބުރި ރުޖޫޢަވުމުގެ ހުވަފެން ހަގީގަތަކަށް ހަދައިދެވިފައިވާ ކަމަށް ޚިދުމަތް ޖަމިއްޔާއިން ބުނެފައި ވެއެވެ.
އެހެންކަމުން ނުކުޅެދުންތެރިކަމުން އަރައިގަނެ އަމިއްލަ ޒިންމާތަށް އަދާކުރުމުގެ ފުރުޞަތު ލިބިގެން ދިއުމުން، އެންމެ ފުރިހަމަ ނޫން ނަމަވެސް އިބްރާހިމް ހުރީ ﷲ އަށް ޙަމްދު ކުރާ ހާލު އުފަލުން ފުރިފައި ކަމަށް އެ ޖަމިއްޔާއިން ހާމަކުރެއެވެ.
ޚިދުމަތް ޖަމިއްޔާއިން ބުނީ އާޓިފިޝަލް ފައެއް ޖަހައިދީ އިބްރާހިމްގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދީފައި ވަނީ ހެޔޮއެދޭ ވަރަށްގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއެކު ކަމަށެވެ.
”ތިޔަ ފަރާތްތަކުގެ މުދަލުގައި މާތް ﷲ ބަރަކާތް ލައްވައި މުދާ އިތުރުކުރައްވާށި! އާމީން..“ މިކަމުގައި އެ ޖަމިއްޔާއަށް އެއްބާރުލުން ދިން ފަރާތްތަކަށް ހެޔޮދުޢާކޮށް ޚިދުމަތް ޖަމިއްޔާއިން ބުނެފައި ވެއެވެ.
ދިވެހިންގެ ދީލަތި އެހީގައި ޚިދުމަތް ޖަމިއްޔާއިން ދިވެއްސަކަށް މަސްނޫޢީ ފަޔެއް ޖަހައިދީފައިވާއިރު މިކަހަލަ ދަތި ދިރިއުޅުމެއްގައި އުޅޭ އިތުރު ދިވެއްސެއްގެ ހާލަތު ބަދަލު ކުރުމުގެ މުހިންމު މަސައްކަތްތަކެއް މިހާރު ފަށާފައިވާ ކަމަށް އެ ޖަމިއްޔާއިން ހާމަކުރެއެވެ. މިގޮތުން ހދ.ކުރިނބީއަށް ނިސްބަތްވާ ލޯފަން ފަރާތެއް ކަމަށްވާ އަލީ ޝަމީމް އަށް ގެއެއް އަޅައިދިނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ބުނެފައި ވެއެވެ. އަލީ ޝަމީމް އަށް ގެ އަޅައި ދިނުމުގެ އަމަލީ މަސައްކަތް ފަށާފައި ވާއިރު އެ ޕްރޮޖެކްޓް ފެށޭވަރަށް ޑޮނޭޝަން ލިބިފައިވާ ކަމަށާއި ނަމަވެސް އެ ޕްރޮޖެކްޓް ފުރިހަމަކޮށްދިނުމަށް އެހީ ބޭނުންވާނެ ކަމަށް ޚިދުމަތް ޖަމިއްޔާއިން ހާމަކުރެއެވެ.
ޚިދުމަތް ޖަމިއްޔާގެ މި ޕްރޮޖެކްޓަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް:
އެކައުންޓް ނަމްބަރު (ރުފިޔާ): 7770000129941
އެކައުންޓް ނަމްބަރު(ޑޮލަރު): 7770000129944
One Response
ހިދުމަތް ޖަމިއްޔާގެ ފަރާތުން ތިކުރައްވާ ބުރަ މަސައްކަތަށް ޝުކުރު ދަންނަވަން އަދި ތިކުރައްވާ މަސައްކަތާއިގެން ކުރިއަށް ދިއުމުގެ ތަައުފީގު ދެއްވާށި. އާމީން.