މާލޭ ޢީދު މިސްކިތުން ވައްކަން ކުރި މައްސަލާގައި މީހަކު ހައްޔަރުކޮށް އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
މިކަންހާމަކޮށް ފުލުހުން މިއަދު ބުނީ މާލޭ ޢީދު މިސްކިތުން ވައްކަން ކުރާ މައްސަލާގައި 41 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެގޮތުން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތަކަށް ބަންދު ކުރަން އަމުރު ކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ޢީދު މިސްކިތުން ވައްކަން ކުރި މީހަކު ހައްޔަރުކޮށް އޭނާގެ ބަންދުގެ މުއްދަތު ޖަހާފައިވާއިރު، މާލޭ ސިޓީ ކައުންސިލުން މި ހަފްތާގައި ބުނީ މި ޖޫން މަހު އެކަނިވެސް މާލޭ ޢީދު މިސްކިތުން 10 ފަންކާއެއް ވަގަށް ގެންގޮސްފައިވާ ކަމަށެވެ.
މީގެ އިތުރުން ސިޓީ ކައުންސިލުން މިދިޔަ އާދިއްތަ ދުވަހުގެރޭ ބުނީ މާލޭގެ މިސްކިތެއްގެ ތަޅުގައި އަލިފާން ރޯކޮށް ވައްކަން ކުރުމުގެ ބޭނުމުގައި އެ މިސްކިތަށް ގެއްލުންދޭން މަސައްކަތްކޮށްފައިވާ ކަމަށެވެ.
މިސްކިތްތަކުން ވައްކަން ކުރާ މައްސަލައަށް އިޝާރާތްކޮށް ފުލުހުން ބުނީ މި އަހަރުގެ މިހާތަނަށް މާލޭގެ މިސްކިތްތަކުން ވައްކަން ކުރުމުގެ 21 މައްސަލައެއް ފުލުހުންނަށް ހުށައަޅާފައިވާ ކަމަށާއި އެ މައްސަލަތައް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.