އިނގިރޭސިބަސް ކިޔަވައިދޭ މުދައްރިސުންގެ ކިޔަވައިދިނުމުގެ ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

Loading

Facebook
Twitter
WhatsApp

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން އިންތިޒާމުކޮށްގެން ޘާނަވީ މަރުޙަލާގެ އިނގިރޭސި ކިޔަވައިދިނުން ހަރުދަނާ ކުރުމަށް ކުރިއަށް ގެންދާ ޓްރެއިނިންގ އޮފް ޓްރެއިނަރސް (ޓީ.އޯ.ޓީ) ޕްރޮގްރާމް އިއްޔެ ފަށައިފިއެވެ.

އެން.އައި.އީ ސެމިނަރ ރޫމުގައި ކުރިއަށްދާ މި ތަމްރީނު ޕްރޮގްރާމް ރަސްމީ ކޮށް ފައްޓަވައިދެއްވީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑރ. އަޙުމަދު މުޙައްމަދެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަޤުޞަދަކީ، ޘާނަވީ މަރުޙަލާގެ އިނގިރޭސި މާއްދާގެ މަންހަޖަށް ގެނެވުނު ބަދަލުތަކަށް މުދައްރިސުން އަހުލުވެރިކުރުމާ، ޒަމާނީ ކިޔަވައިދިނުމުގައި މިހާރު ބޭނުންކުރެވޭ އުކުޅުތައް މުދައްރިސުންނަށް ފޯރުކޮށްދިނުމަށް މުޅިރާއްޖޭގައި ޙަރަކާތްތެރިވާނެ ޓީ.އޯ.ޓީން ތަމްރީނު ކުރުމެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ބުނީ 2 ބުރަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ މި ތަމްރީނުގެ ފުރަތަމަ ބުރު ކުރިއަށް ދާނީ މި މަހުގެ 23 އިން 27 އަށް ކަމަށެވެ. އަދި ދެވަނަ ބުރު ޖޫން 29 އިން ޖުލައި 3 އަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.

އެގޮތުން ފުރަތަމަ ބުރުގައި 55 ބޭފުޅުން ތަމްރީނު ފުރިހަމަ ކުރައްވާނެ ކަމަށާއި ދެވަނަ ބުރުގައި 58 ބޭފުޅުން ތަމްރީނު ފުރިހަމަ ކުރައްވާނެ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މި ތަމްރީނު ޕްރޮގްރާމްގެ ބައިވެރިންނަށް މަޢުލޫމާތު ދެއްވާނީ، އެޑިޔުކޭޝަން ކޮންސަލްޓެންޓް އަލްފާޟިލާ މަރިޔަމް ތައުފީޤާ އާއި ޓްރެއިނިންގ އެކްސްޕާރޓް އަލްފާޟިލާ ފަސީލާ ޝަކީބު ކަމަށެވެ.

މީގެ އިތުރުން މި ޕްރޮގްރާމް ފެށިގެން ކުރިއަށް ދާއިރު އިނގިރޭސިބަސް އުނގެނުމަށް ދަރިވަރުންގެ ޝައުޤުވެރިކަން އިތުރުކުރުމަށްޓަކައި  ރާއްޖޭގެ 206 އަށްވުރެ ގިނަ ސްކޫލަށް ޖޮންރާގެ ތަފާތު އިނގިރޭސި ފޮތްތައް ފޯރުކޮށްދޭނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ހާމަކުރެއެވެ. މި ފޮތްތައް ސްކޫލްތަކަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައި ވަނީ، 2 ބުރަކަށް ބަހާލައިގެންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް