ޢަދުލުވެރިވުމުން ޤައުމަށް ބަރަކާތާއި ކާމިޔާބު ލިބި ޤައުމުގެ ކުރިމަގު އުޖާލާވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ ޕީއެންސީގެ މާލޭގެ މައި ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން ރައީސް ވިދާޅުވީ ކޮންމެ ކަހަލަ ޕްލެޓްފޯމެއް ހަދައިގެން ފާޑު ކިޔަސް ފާޑު ކިޔުން އެ މަނިކުފާނަށް ބަލައިގަނެވޭނެ ކަމަށެވެ.
ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި ވެރިކަމުގައި ހޭދަވެގެން މިދިޔަ ދުވަސްތަކުގައި ބަދަލު ހިފުމުގެ ގޮތުން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާނެ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ސިޔާސީ ބަދަލު ހިފުން އެ މަނިކުފާނުގެ ސަރުކާރުގެ ތެރެއިން ފެނިގެން ނުދާނެ ކަމަށެވެ.
ދިވެހި ރައްޔިތުން ބޭނުންވީ ބަދަލު ހިފުމުގެ ރޫހު މި ޤައުމުން ނައްތާލަން ކަމަށާއި އެކަން މިވަނީ މިހާރު މި ޤައުމުން ނައްތާލާފައި ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ކަރަޕްޝަނާއި ވައްކަމާއި ގަވައިދާ ހިލާފަށް ކަންކަން ކުރުމަށް މި ސަރުކާރުގައި އެ ފުރުސަތެއް ނޯންނާނެ ކަމަށާއި އެކަން އޮންނަ އުސޫލުގެ ތެރެއިން ބަލާ އަދުލު އިންސާފު ގާއިމުކުރުމަކީ ބަދަލު ހިފުމެއް ނޫން ކަމަށެވެ.
މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ އަދުލުވެރިވުމުން ޤައުމަށް ބަރަކާތާއި ކާމިޔާބު ލިބި ޤައުމުގެ ކުރިމަގު އުޖާލާވާނެ ކަމަށެވެ.
One Response
އަދުލުވެރި ވެރިންނަކީ ގިޔާމަތް ދުވަހުގައި ޢަރުޝީގެ ހިޔާ ލިބޭނެ ބައެއް