ރާއްޖެއާއި ޗައިނާގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަޝްވަރާކޮށްފި 

Loading

Facebook
Twitter
WhatsApp

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް، ޗައިނީޒް ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސްގެ 14 ވަނަ ނެޝަނަލް ކޮމިޓީގެ ވައިސް ޗެއާމަން، ބާޓަރ، ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ބޭނުން ފުޅުވާކަން ހާމަކުރައްވައިފިއެވެ. 

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. 

މި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ވަނީ ޗައިނާ އާއި ރާއްޖޭގެ ގާތްގުޅުން ފާހަގަކުރައްވާފައެވެ. 

އެގޮތުން މި އަހަރު ޗައިނާއަށް އެންމެ ފުރަތަމަ ފުރަމާނަ ދަތުރުފުޅެއް ކުރެއްވީ އެ މަނިކުފާނުކަން ފާހަގަކުރައްވައި، އެ ފުރުޞަތު އެމަނިކުފާނަށް ދެއްވިކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.

ހަމަ އެހެންމެ ޗައިނާގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ މުހިންމު މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ ކާމިޔާބީއަށް އިޝާރާތްކުރެއްވިއެވެ.

މިގޮތުން ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ބޭނުންފުޅުކަން ރައީސް މުޢިއްޒު ވަނީ ފާހަގަކުރައްވާފައެވެ. 

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ވައިސް ޗެއާމަން، ބާޓަރ، ވަނީ ޗައިނާގެ ރައީސްގެ ފަރާތްޕުޅުން ހެޔޮއެދުންތައް ރައީސް މުޢިއްޒުއަށް އަރިސްކުރައްވައި، ރާއްޖޭގައި އެންމެފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރުން ސުޕަރ މެޖޯރިޓީ ހޯދާފައިވާތީ އެކަން ފާހަގަކުރައްވައި ރައީސްއަށް މަރުޙަބާ ވިދާޅުވެފައެވެ.

ހަމައެއާއެކު ވައިސް ޗެއާމަން ވެސް ޗައިނާ އާއި ދިވެހިރާއްޖޭގެ ޒަމާންވީ ގުޅުން މި ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވިއެވެ.

ޗައިނާ ސަރުކާރުން ރާއްޖޭގެ އިސްތިޤްލާލަށް އިޙްތިރާމްކޮށް، އެއްބާރުލުން ދީ، ދެ ޤައުމުގެ ޚިޔާލު އެއްގޮތް ކަންކަމުގައި އެކުގައި މަސައްކަތްކޮށް، ދެ ޤައުމުގެ މެދުގައި ގުޅުން ބަދަހިކުރުމަށް އުންމީދުކުރައްވާކަން ތަކުރާރު ކުރެއްވިއެވެ. 

މީގެ އިތުރުން، 2014 ވަނަ އަހަރު ޗައިނާގެ ރައީސް ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅާއި، ދާދިފަހުން ރައީސް މުޢިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ގުޅުން ގާތްވެ، ރަޙްމަތްތެރިކަން އިތުރަށް ބަދަހިވެއްޖެކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސް މުޢިއްޒު އާއި ވައިސް ޗެއާމަންވެސް ވަނީ އެކުގައި ގާތްކޮށް މަސައްކަތްކުރުމަށް ދެ ޤައުމުންވެސް ވަރަށް ޝައުޤުވެރިވާކަން ހާމަކުރައްވާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް