ސްކޫލްތަކުން ބެލެނިވެރިންނާ މުއާމަލާތު ކުރަން ބޭނުން ކުރާ ވައިބާ ގްރޫޕްތަކަކީ ކޮމިއުނިޓީ ގްރޫޕްތަކަކަށް ހަދަނީ

Loading

Facebook
Twitter
WhatsApp

ސްކޫލްތަކުން ބެލެނިވެރިންނާ މުއާމަލާތު ކުރުމަށް ބޭނުން ކުރާ ވައިބާ ގްރޫޕްތަކަކީ އެއް ފަރާތުން މުއާމަލާތު ކުރެވޭ ކޮމިއުނިޓީ ގްރޫޕްތަކަކަށް ހަދަން އެޑިއުކޭޝަން މިނިސްޓްރީން އަންގައިފިއެވެ. 

އެގޮތުން އެޑިޔުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ ދަރިވަރުންނަކީ އަމިއްލަ އުނގެނުމަށް ޒިންމާވާ ބަޔަކަށް ހެދުމަށްޓަކައި ސްކޫލްތަކުން ކުރާ މަސައްކަތްތައް އިތުރުކޮށް ހަރުދަނާ އުސޫލުތަކެއް ޤާއިމް ކުރަން ޖެހޭ ކަމަށެވެ.

އެހެންކަމުން ސްކޫލްތަކުން ބެލެނިވެރިންނާ މުއާމަލާތު ކުރުމަށް ބޭނުން ކުރާ ވައިބާ ގްރޫޕްތައް ފަދަ ޕްލެޓްފޯމްތަކަކީ އެއް ފަރާތުން މުއާމަލާތް ކުރެވޭ ކޮމިއުނިޓީ ގްރޫޕްތަކަކަށް ހެދުމަށް ވަނީ އަންގާފައެވެ. 

މިގޮތުން އެ ކޮމިއުނިޓީ ގްރޫޕްތައް ސްކޫލްގެ ޑިޖިޓަލް ނޯޓިސް ބޯޑުގެ ގޮތުގައި ވެސް ބޭނުން ކުރެވިދާނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ. 

އަދި ސްކޫލުން ބެލެނިވެރިންނާ މުއާމަލާތް ކުރުމަށް ބޭނުން ކުރާ ކޮމިނިއުޓީ ގްރޫޕް މެދުވެރިކޮށް މެސެޖް ފޮނުވާ އެންމެ ލަސް ގަޑިއަކީ ސްކޫލްގެ ކިޔަވައި ދިނުމުގެ ދަންފަޅި ނިމޭތާ ދެ ގަޑިއިރަށް ވުރެ ލަސް ގަޑިއަކަށް ނުހަދަން ވެސް އަންގާފައި ވެއެވެ.  

ހަމަ އެހެންމެ ރަސްމީ މުއާމަލާތު ކުރުމަށް އިތުރު ގްރޫޕެއް ހަދާނަމަ، އެފަދަ ގްރޫޕްތަކަކީ ވަކިވަކި ކީ ސްޓޭޖްތަކަށް ނުވަތަ ގްރޭޑްތަކަށް ހާއްސަ ގްރޫޕްތަކަކަށް ހެދިދާނެ ކަމަށާއި މުދަރިއްސުންނާއި ބެލެނިވެރިން މުއާމަލާތު ކުރުމަށް ވަކިވަކި ކްލާސްތަކަށް ރަސްމީ ގްރޫޕްތައް ބޭނުން ނުކުރަން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. 

މީގެ އިތުރުން އެ މިނިސްޓްރީގެ ސާކިއުލާގައި ވަނީ ދަރިވަރުންނާ ހަވާލު ކުރެވޭ މަސައްކަތްތައް ބެލެނިވެރިޔާއަށް އެންގުމަށް ގްރޫޕްތައް ބޭނުން ކުރުމުގެ ބަދަލުގައި ދަރިވަރުންގެ އަމިއްލަ އުނގެނުމަށް ޒިންމާވާން ދަސްވާނެ ފަދަ އާދަތައް އަށަގެންނެވުމަށް މަސައްކަތް ކުރުމަށް ވެސް އިލްތިމާސްކޮށްފައެވެ. 

Loading

One Response

  1. މީ ރަގަޅު ނިންމުމެއް ނޫން. ބެލެނެވެރިންނަށް އުނދަގޫ ކުރުން. މިޔަށް ކިޔަންވީ ބެލެނެވެރިންގެ އަޑު އަހަން ބޭނުން ނުވުން. ބެލެނެވެރިންނަށް ފަސޭހަ ގޮތެއް ހޯދައިދިން ބޭނުން ނުވަނީ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް