އދ. ދަނގެތީ ކައިރިން ފާނަ މަސްވެރިކަމަށް މޫދަށް ފައިބައިގެން އުޅުނު ބިދޭސީ މީހާގެ ގައިގައި ލޯންޗަކުން ޖެހި މަރުވި މައްސަލައިގައި އެ ލޯންޗު ދުއްވަން އިން މީހާ ހައްޔަރު ކޮށްފިއެވެ.
މި ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު 07:55 ހާއިރުއެވެ. އަދި ލޯންޗުގައި ޖެހުނު މީހާ ދަނގެތީ ސިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް ވަނީ މަރުވެފައެވެ.
މިކަމަށް އިޝާރާތްކޮށް ފުލުހުން ދެންމެ ބުނީ އެ ހާދިސާގައި މަރުވި މީހާ ގައިގައި ޖެހުނު ލޯންޗު ދުއްވީ މީހާ މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާ އަކީ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ހާމަކުރެއެވެ.
މި ހާދިސާގައި މަރުވި ބަންގްލަދޭޝް މީހާ އަކީ ފ. ފީއަލީ ފާނަ މަސްވެރިކަންކުރާ ދޯންޏެއް ކަމަށްވާ ”ޓްވިންސް“ ދޯނީގައި ބަޔަކާއި އެކު މަހަށް ނިކުމެ އުޅުނު މީހެކެވެ.
އެ މީހާ ގައިގައި ޖެހުނީ މާމިގިލިން މާލެއަށް ދަތުރުކުރި ލޯންޗަކުންނެވެ. އަދި އެ ލޯންޗުން އަޅާނުލާ ދިއުމުން ޒަހަމްވި ބިދޭސީ މީހާ ނެގީ އެހެން ލޯންޗަކުން ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.