ރަފާހްގެ ކޭމްޕަކަށް މިދިޔަ އާދީއްތަ ދުވަހުގެ ރޭ އިސްރާއީލުން ބޮން އަޅައި އެތަނުގައިތިބި އަންހެނުންނާއި ކުޑަކުދިންގެ ތެރެއިން ގިނަ ބަޔަކު ދިރިދިރި ތިއްބާ އަންދާ އަޅިޔަށް ހަދާލައިފިއެވެ.
މި މައްސަލާގައި ދުނިޔޭގެ ކަންކޮޅުތަކުން ގެންދަނީ ދުނިޔޭގެ އަދުލު އިންސާފުގެ އެންމެ އިސް ކޯޓުގެ ޙުކުމް ތަންފީޒުކުރުމަށާއި ރަފާހް އަށް ޙަމަލާދިނުން ހުއްޓާލަން އިސްރާއީލަށް ގޮވާލަމުންނެވެ.
އިސްރާއީލުން ބުނެފައިވަނީ އެ ކޭމްޕަށް ޙަމަލާދީފައިވަނީ ރަފާހް އިން އިސްރާއީލުގެ ވިޔަފާރީގެ މައި މަރުކަޒު ތެލް އަވީވަށް މިސައިލް ޙަމަލާތަކެއް ދިނުމާގުޅިގެން ކަމަށެވެ.
ހުޅަނގު ރަފާހްގެ ތެލް އަލް ސުލްތާން ކައިރީގައިހުރި އެ ކޭމްޕަށް އިސްރާއީލުން ދިން ބޮމުގެ ހަމަލާގައި އެ ކޭމްޕް ވިރިގެން ފައިބަމުން ދިޔައިރު އެތައް ބަޔަކު ދިރި ތިއްބާ އަދައިގެން މަރުވިކަމަށާއި އޭގެތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންކަން މަންޒަރު ވަރަށް ގާތުން ދުށް މީހުން ރޮއިޓާރސްއަށް ކިޔާދީފައިވެއެވެ.
އިސްރާއީލުގެ ޑިފެންސް ފޯސަސް އިން އަންގާފައިވާ އަމުރާގުޅިގެން އެތައް ހާސް ބަޔަކު އެ ސަރަހައްދުން ވަގުތީ ބޯހިޔާވަހިކަން ހޯދަން ވަނީ މަސައްކަތް ކޮށްފައެވެ.
އެ ޙަމަލާގައި އާންމު ރައްޔިތުންގެ ގިނަ ބަޔަކު މަރުވިކަމަށް އިސްރާއީލުން ވަނީ އިއުތިރާފު ވެފައެވެ. ހަމަ އެއާއެކު އިސްރާއީލުގެ މަގްސަދަކީ އާންމުންނަށް ޙަމަލާ ދިނުން ނޫންކަމަށާއި ހަމާސްގެ މުޖާހިދުންގެ 2 ކޮމާންޑަރު މަރާލުން ކަމަށް ބުނެފައިވެއެވެ. އަދި އެއީ އިސްރާއީލުގެ ޖަސޫސީ އިދާރާތަކުން ހޯދި މަޢުލޫމާތުތައް ކަށަވަރު ކުރުމަށްފަހު ބައިނަލް އަގްވާމީ ގާނޫނާ ޚިލާފު ނުވާނެ ގޮތުގެ މަތިން ދިން ޙަމަލާއެއް ކަމަށެވެ.
އެހެންނަމަވެސް އެ ޙަމަލާގައި ގިނަ އަދަދެއްގެ އާންމު ރައްޔިތުން މަރުވެ އަދި އެތައްހާސްބަޔަކު ޒަޚަމް ވެފައިވާކަން އިސްރާއީލް ސަރުކާރަށް އެނގިފައިވާ ކަމަށާއި އެކަންއެގޮތަށް ދިޔައީ ކިހިނެއްކަން ބަލަމުން ގެންދާކަމަށެވެ. އަދި އެ ޙަމަލާގައި އާންމު ރައްޔިތުން ގިނަބަޔަކަށް ގެއްލުން ވުމަކީ އިސްރާއީލުން ހިތާމަކުރާކަމެއް ކަމަށާއި އަދި އެ މައްސަލައިގެ އެންމެ ފުނަށްދާންދެން އިސްރާއީލުގެ ބާރ އެސޯޝިއޭޝަނުން ތަހްގީގު ކުރާނެކަމަށް މޭޖަރ ޖެނެރަލް ޔިފަތު ޓޮމަރ ޔެރޫޝަލްމީ ބުނެފައިވެއެވެ.
އެ ޙަމަލާގައި ހުޅަނގު އައްސޭރީގައި ހަމާސްގެ ހަރަކާތްތަކަށް ފައިސާ ހޯދުމާއި އަދި ހަމާސްގެ ހަރަކާތްތަކުގައި އިސް ދައުރެއް އަދާކުރަމުންގެންދާ ޔާސީން ރާބިޢާ އާއި އަދި ހަމާސްގެ އިސް ބޭފުޅަކު ކަމުގައިވާ ޚާލިދު ނައްޖާރު ޝަހީދު ވެފައިވާކަމަށް އިސްރާއީލުން ބުނެފައިވެއެވެ.
ރަފާހް ގައި ހަރަކާތްތެރި ވަމުން ގެންދާ މެޑިކަލް ޓީމުތަކުން މީޑިއާ ތަކަށް ޚަބަރު ދީފައިވަނީ ގޮއްވާލާފައިވާ ބާރުގަދަ ބޮންތަކުގެ ސަބަބުން މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް އެކި ދިމާލަށް ވިއްސިގެން ގޮސްފައިވާކަމަށާއި އަނދާފައިވާލެއް ބޮޑުކަމުން ގިނަމީހުން ފާހަގަކޮށް ދެނެގަނެވޭ ވަރުވެސް ނުވާކަމަށެވެ.
އިންޓަރނޭޝަނަލް ރެޑްކްރޮސްގެ ފަރާތުން ވާހަކަދެއްކެވި ހިޝާމް އެމް ހަންނާ އެކްސް އަށް ލިއެފައިވަނީ އެ ސަރަހައްދުގައި އައި ސީ އާރް ސީ ( އިންޓަރނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް ) އިން ގާއިމް ކޮށްފައިވާ ފީލްޑް ހޮސްޕިޓަލްގައިވެސް މިހާރު އިތުރު ޖާގައެއް ނެތްކަމަށެވެ.
އަދި ފަލަސްތީނަށް ޚާއްސަ ކުރެވިފައިވާ އ ދ ގެ ރެފިއުޖީ އޭޖެންސީންވެސް ބުނެފައިވަނީ ހޯމަދުވަހުން ފެށިގެން އެ ޖަމާޢަތުގެ މުއައްޒިފުންނާއި މުވާސަލާތު ކެނޑިފައިވާ ކަމަށެވެ.އަދި ގައްޒާއަކީ ދުނިޔެމަތީގެ ނަރަކަ ކަމުގައި ސިފަކޮށްފައިވެއެވެ.
ޔޫރަޕިއަން ޔުނިއަންގެ ޚާރިޖީ ސިޔާސަތާ ބެހޭ އެންމެ އިސްވެރިޔާ އިސްރާއީލަށް ގޮވާލާފައިވަނީ ބައިނަލް އަގްވާމީ އިންސާފުގެ ކޯޓުގެ ޙުކުމަށް އިސްރާއީލުން ތަބާވުމަށެވެ. އަދި ސްޕެއިންގެ ބޮޑުވަޒީރު ވިދާޅުވެފައިވަނީ ޔޫރަޕްގައި އެމަނިކުފާނުގެ ކައުންޓަރޕާރޓުންނާއި ގުޅުއްވައިގެން އިސްރާއީލުން ބައިނަލް އަގްވާމީ އިންސާފުގެ ކޯޓުގެ ޙުކުމަށް ބޯލަންބުވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.
އެމެރިކާ ފިޔަވާ ދުނިޔޭގެ ގައުމުތަކުގެ ވެރިން ގައްޒާގެ ޙަމަލާއާއި ދޭތެރޭ ކުއްލި ޙައިރާންކަމާއި އަދި އެނޫނަސް އެ ބޭފުޅުންގެ މާދަރީ ބަސްފޮތްތަކުގައި ހުންނަ އެފަދަ ޙާދިސާތަކުން ލިބޭ ބިރުވެރިކަމާއި ކުއްލި ސިހުން ހާމަކުރަން ބޭނުންކުރާ ބޮޑެތި ތަފާތު ބަސްތަކުން އިސްރާއީލުގެ އެ ޢުދުވާން ކުއްވެރި ކުރަމުންގެންދާއިރު އިސްރާއީލުގެ ބަލަދުވެރިޔާގެ ބަސްމަގު ހުރިގޮތާއި ދޭތެރޭ އުފެދިފައިވާ ސިހުން ވަކިން ކުޑައެއް ނޫނެވެ.
އިސްރާއީލުގެ ޙަމަލާއާއި ގުޅިގެން އެމެރިކާއިން ބުނެފައިވަނީ އިސްރާއީލުން ރަފާހް އަށް ޙަމަލާދިނުމަކީ އެމެރިކާ ރުހޭ ކަމެއް ނޫން ކަމަށާއި އެކަމަކު އެ ޙަމަލާތަކުގައި މިހާތަނަށް އިސްރާއީލުން ރަތްރޮނގު ހުރަސްކޮށްފައި ނުވާކަމަށެވެ. އެހެން ގޮތަކަށް ބުނާ ނަމަ ހަނގުރާމައިގެ މިންގަނޑުން އިސްރާއީލު މިހާތަނަށް ބޭރުވެފައި ނުވާކަމަށެވެ.
ޖެރޫސަލަމް އާއި ގާހިރާއިން ރޮއިޓާރސްގެ ޚަބަރުގައި އިސްރާއީލުގެ ޙަމަލާގައި މިހާތަނަށް އެތެއްހާސް ބަޔަކު މަރާލައި 45 މީހުން ދިރިތިއްބާ އަންދާލާފައި ވާކަން ވަނީ ކަށަވަރު ކޮށްދީފައެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުން ކަމަށްވެސް ބުނެފައި ވެއެވެ. ފަލަސްތީނަށް އިސްރާއީލުން ދޭކޮންމެ މިފަދަ ފަނާކުރަނިވި ޙަމަލާއަކީ އެމެރިކާގެ ބޮންތަކާއި އެއްބާރުލުމާއި އެކު ހިންގަމުން ގެންދާ ޖަރީމާތަކެއްކަން އެމެރިކާގެ އާންމު ރައްޔަތުންނަށްވެސް މިހާރު ވަނީ ކަށަވަރުވެފައެވެ.
އެހެންވެ އެމެރިކާގެ ހުރިހާ ސްޓޭޓެެއްގައިހެން މި ހަނގުރާމަ ވަގުން ހުށްޓަލުމަށް ގޮވައި އަދި އެމެރިކާގެ ސަރުކާރު ކުށްވެރިކޮށް ބޮޑެތި މުޒާހަރާތައް ކުރެވެމުން އެބަދެއެވެ.