ރައްޔިތުން ކަންބޮޑުވާ ކޮންމެ ކަމަކީ ފުލުހުންގެ ކަންބޮޑުވުމެއްކަން އަމަލާއި ބަހުން ދައްކަން އެބަ ޖެހޭ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.
ސީޕީ މިހެން ވިދާޅުވީ ފުލުހުންގެ 36 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމުމަށް ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ރޭ ބޭއްވި ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ސީޕީ ވިދާޅުވީ ކިޔަވައިގެން މެނުވީ ފުލުހުންގެ ޚިދުމަތް ކުރިއަށް ނުދާނެ ކަމަށާއި ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެން ނުދާނެކަމަށެވެ.
ހަމަ އެހެންމެ ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކައި ފުލުހުންނަކީ ޕްރޮފެޝަނަލް ބަޔަކަށް ވުމަށް އުނގެނުކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.
ފުލުހުންގެ އަސާސީ ތަމްރީނު ނިންމުމަށްފަހު ފުލުހުންގެ ފަހުރުވެރި ޔުނީފޯމުގައި ގައުމީ ޚިދުމަތަށް ނުކުންނައިރު ކޮންމެ އޮފިސަރެއްގެ ފަރާތުން ފެންނަން އެދޭ ކަންތައްތަކެއް އެބަހުރި ކަމަށާއި ގައުމުދެކެ ލޯބިވާކަމާއި ގައުމީ ލޭ ކޮންމެ އޮފިސަރެއްގެ ހަށިގަނޑުގައި ހިނގާކަން ފެންނަންޖެހޭ ކަމަށެވެ.
މިގޮތުން އޮފިސަރުންނާ ހަވާލުކުރެވޭ މަސްއޫލިއްޔަތުތައް އަދާކުރާގޮތުން އެ ސިފަތައް ހުރިކަން ދެނެގަންނަން އުނދަގޫ ނުވާނެ ކަމަށް ސީޕީ ވިދާޅުވިއެވެ.
ރައްޔިތުން ކަންބޮޑުވާ ކޮންމެ ކަމަކީ ފުލުހުންގެ ކަންބޮޑުވުމެއްކަން އަމަލާއި ބަހުން ދައްކަން އެބަޖެހޭ ކަމަށާއި ހަވާލުކުރެވޭ ޑިއުޓީ އަދާކުރުމުގައި ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަންކަމަށް އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރަން ޖެހޭކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
ކޮންމެ ރަށެއްގެ ބަނދަރު ސަރަހައްދުގައި އަބަދުވެސް ފުލުހަކު ހުރުމަށް ރައްޔިތުން އެދޭ ކަމަށާއި ޔުނީފޯމު އެޅި ފުލުހަކު ފެންނަން ހުރުމަކީ އޭގެ ޒާތުގައި ވަރަށް ގިނަ ކަންކަން ހައްލުވާ ކަމެއް ކަމަށް ސީޕީ ވިދާޅުވިއެވެ.
އަދި އޭގެ ނަތީޖާއަކަށްވާނީ މަސްތުވާތަކެތި ފާޅުގައި އެތެރެ ކުރުމަށް މީހުން ޖެހިލުންވުން ކަމަށް ވެސް ވިދާޅުވިއެވެ.
ޝައްކުކުރެވޭ މީހުން، އޮންނަ އުސޫލުގެ ތެރެއިން ބަލައި ފާސްކުރާ ހިސާބުން އެ ރަށަކަށް މަސްތުވާތަކެތި އެތެރެކުރުން ވަރަށްބޮޑަށް ހުއްޓިގެންދާނެ ކަމަށާއި މަސްތުވާތަކެތި ހުއްޓުވުމަށް ކޮންމެ ފުލުހަކު ވެސް މަސައްކަތް ކުރަންޖެހޭ ހިސާބަށް މަސްތުވާތަކެތީގެ ވަބާ ފެތުރިފައިވާކަން ސީޕީ ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ މަގުތަކުގައި އަމާންކަން ގާއިމުކުރެވޭނީ ވެސް މަގުތަކުގައި ފުލުހުން ހަރަކާތްތެރިވެގެން ކަމާއި މަގުތައް ބިޒީވާ ގަޑިތަކުގައި އަމިއްލައަށް އިސްނަގައިގެން މަގުމައްޗަށް ނުކުމެ ހަމަހަމަކަމާއެކު ގާނޫނުތައް ތަންފީޒުކުރާތަން ފެންނަން ޖެހޭކަމަށް ސީޕީ ވިދާޅުވިއެވެ.
މީގެ އިތުރުން އަބަދުވެސް ކަންކަން ހައްލުކުރުމުގައި ފުލުހުންނަށް ލިބިފައިވާ ބާރުގެ ބޭނުންކުރުމަކީ އެންމެ ފަހުން ކުރާކަމެއްގެ ގޮތުގައި ހަދަންޖެހޭ ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.