ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ހަތަރުވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސަކީ ވަރަށް ކާމިޔާބު ކޮންފަރެންސެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން މިހެން ވިދާޅުވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން މި ނޫސް ކޮންފަރެންސްގައި ހީނާ ވަނީ އެންޓީގާ އެންޑް ބާބިޔުޑާގައި ބޭއްވި ތަރައްޤީވަމުން އަންނަ ކުދިޖަޒީރާ ޤައުމުތަކުގެ ހަތަރުވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސްގައި ދިވެހިރައްޔިތުންނަށް މުހިންމު އެކިއެކި ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަކާލާތު ކުރެއްވިކަން ފާހަގަކުރައްވާފައެވެ.
ހަމަ އެހެންމެ މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކާއި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުންވެސް މި ކޮންފަރެންސްގައި ރައީސް ވަކާލާތު ކުރައްވާފައިވާކަން ހީނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ހަތަރުވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސްގެ ހަވާސާގައި ބައްދަލުކުރެއްވި ބައެއް ޤައުމުތަކުގެ އިސްވެރިންނާއި ލީޑަރުންނާއެކު ކުރެއްވި މަޝްވަރާތަކަށް އަލިއަޅުވާލައްވާ ހީނާ ވަނީ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ.