ޔޫކްރެއިންގެ ހަނގުރާމަ ސީ އެން އެން ގެ ކެމެރާއިން

Loading

Facebook
Twitter
WhatsApp

ކޮންމެ ހަނގުރާމައަކާއި ދެކޮޅުވެރިކަމެއްގައިވެސް ލަނޑުދަނޑި އަކަށް ވެފާ އޮންނަނީ ”އަހަރެންގެ“ ކާމިޔާބީއެވެ. އޭގެ އަގު އަދާކުރަން ޖެހެނީ އަދި މުޅިން އެހެން ބައެވެ. 

ގިނަ ފަހަރަށް މައުސޫމް އާންމު ރައްޔިތުންނެވެ. އަހަރެހެންގެ ކާމިޔާބީ އަށްޓަކައި މީޑިއާތައް ގަނެލާނެއެވެ. އެއަށްފަހު އެ މީޑިއާތަކުން މަޢުލޫމާތު ފަތުރަމުން ގެންދާނީ އަހަރެން ބުނާގޮތަކަށެވެ.

މިފަދަގޮތަކަށް ދުނިޔޭގެ މަސްރަޙް އަހަރެންގެ ބާރާއި ނުފޫޒުގެ ދަށަށް ގެނެވިފައިވާ އިރު އެ ޙާލަތު ބަދަލު ކުރުމަށްޓަކައި އަނެއްކާވެސް އަގުއަދާ ކުރަންތިބެނީ ހަމަ އެ މައުސޫމް ރައްޔިތުންނެވެ. 

މިއަދުގެ ފަލަސްތީނަކީ އަހަރެންގެ ބާރު ކަނޑުވާލުމުގައި މައުސޫމް ރައްޔިތުންގެ ފިއްތުންތަކުގެ ކުރިމަތީގައި މީޑިއާތައް ކުޑަކަކޫ ޖެއްސި މަންޒަރުގެ މިސާލެކެވެ. މީޑިއާތަކަށް ހޭދަކުރަމުން ގެންދިޔަ އަހަރެންގެ ބާރު ކެނޑެމުން ދާތަން އަހަރެންގެ ލޮލުގެ ކުރިމަތީގައި ކޮންމެ ސިކުންތަކު އެ ދަނީ ތަމްސީލު ވަމުންނެވެ. 

ބާރުގަދަ އަހަރެންނަށް ކުރެވިދާނެ ކަންތައްތަކުގެ ހައްދު ކަނޑައެޅިއްޖެއެވެ. މީޑިއާތަކުން އަހަރެންގެ ހޭދަކުރުންތައް އިންސާނިއްޔަތަށްޓަކައި ބޮލާލާ ޖަހައިފިއެވެ. މިއީ އޭގެމިސާލެކެވެ. 

ކިއުންތެރިންނަށް މިއަދު މިގެނެސްދެނީ ދުނިޔޭގެ އެންމެ މަޝްހޫރު މީޑިއާ ސީ އެން އެން ގެ  ކެމެރާގެ ކުރިމަތީގައި ޔޫކްރެއިންގެ ހަނގުރާމައިގެ މަންޒަރުތައް ތަމްސީލުވެގެންދިޔަ ގޮތެވެ.

ގާތްގަނޑަކަށް މިލިއަނެއްހާ ރައްޔިތުންގެ އާބާދީއެއް އޮންނަ ޔޫކްރެއިންގެ ޚާރކިވް ސިޓީގެ އެކިއެކި ދިމާލުން އަންނަ ރަޝިޔާގެ ޙަމަލާތައް ހުއްޓުވޭތޯ ޔޫކްރެއިން ސިފައިންގެ ލަޝްކަރުތަކުން ގެންދަނީ އަތުގައި ހުރި މަދު ހަތިޔާރުކޮޅުގެ ބޭނުންކޮށްގެން ދިފާއު ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ.

ސީ އެން އެން ގެ ރިޕޯރޓަރުންނަށް ހަނގުރާމައިގެ ޙަގީގަތް ހާމަކޮށްދިނުމަށްޓަކައި ޔޫކްރެއިންގެ ސިފައިންގެ ފުރިހަމަ އެއްބާރުލުމާއިއެކު ހަނގުރާމައިގެ މައިދާން ތަކުން ދައްކުވައިދިން މަންޒަރުތަކަށް ބަލާއިރު ރަޝިޔާގެ ލަޝްކަރުތައް ޒަމާނީ ހަތިޔާރުތަކާއި އެކު ކުރިއަރަމުން އަންނައިރު ޔޫކްރެއިންގެ ސިފައިންގެ އަތުގައި ފުދޭވަރަށް ހަތިޔާރުނެތި އެ ލަޝްކަރުތައް މިހާރު ތިބީ ހަދާނެގޮތް ހުސްވެފައެވެ.

ޚާރކީވްގެ ވަށައިގެންހުރި ސަރަހައްދުތަކުގައި ޔޫކްރެއިންގެ އަތުން ބީވެގެން ދިއުން ބަލާނުގަނެވޭނެ މުހިންމު ސަރަހައްދުތަކެއް އެބަހުއްޓެވެ. އޭގެތެރޭގައި ލިޕްޓްސީ ހިމެނެއެވެ. އެކަމަކު އެ ސަރަހައްދު ހިފޭއްޓުމަށް ޔޫކްރެއިން ސިފައިން ކުރަމުންގެންދާ ހަނގުރާމަޔަށް އެއްވެސް އަލިމަގެއް ނުފެނެއެވެ.

ޔޫކްރެއިންގެ ސިފައިންގެ 13 ވަނަ ޚާރތީއާ ނޭޝަނަލް ގާރޑުންގެ ލަޝްކަރު އެ ޝަހަރާ ހަމަޔަށް ދެވުނުއިރު ރަޝިޔާގެ ވައިގެ ޙަމަލާތަކުން އެ ޝަހަރުގެ މަގުތަކުގައި ވަނީ އެކީ އެކަށް އަލިފާން ރޯކޮށްލާފައެވެ.

ރޭގަނޑުގެ އަދިރިކަމުގެ ތެރޭގައި ބޮނދައިގެންތިބެ އެ ޝަހަރާހަމަޔަށް އަހަރެމެންނަށް ( ސީ އެން އެން ގެ ރިޕޯރޓަންނާއި އަދި އެކުގައިދިޔަ ގާރޑް ) ދެވުމުގެ ކުރިން ރަޝިޔާގެ ސިފައިންގެ ހަމަލާތައް 8 ފަހަރު އެ ޝަހަރުން އެދުވަހުކުރިމަތިލާން ޖެހުނެވެ.    

ޔޫކްރެއިންގެ 13 ވަނަ ޚާރތީއާ ނޭޝަނަލް ގާރޑުންގެ ލަޝްކަރުގެ ކުރިމަތީގައި އޮތީ ދަތި އުނދަގޫ ކުރިމަތިލުމެކެވެ. ރަޝިޔާގެ ސިފައިން ލިޕްޓްސީ އަތުލައިގެންފިނަމަ އެމަގުގައި ވިއްސަކަށް މިނިޓްގެ ދުރުގައިއޮތް ޔޫކްރެއިން ދެވަނަ ޝަހަރު ޚާރކިވްއަށް ހަމަލާދިނުން ހުއްޓުވުމަކީ ނުކުރެވޭނެ ކަމެކެވެ.

ބިންގަރާހެއްގެ ތެރޭގައި އޮވެފާ އެ ލަޝްކަރުގެ ކޮމާންޑާރ އޮލެކްސެންޑަރ ސީ އެން އެންގެ ރިޕޯރޓަރުންނަށް މަގުތަކުގައި ރޯވެ އަދަމުންދާ އަލިފާނަށް އިޝާރާތްކޮށް ކިޔާދިނެވެ. “ މިއީ ހަމައެކަނި މިއަދުގެ ހާލެއް ނޫނެވެ، ކޮންމެ ދުވަހަކުވެސް ފެންނަނީ ހަމަ މިމަންޒަރެވެ. ހުއްޓުވޭނެ ގޮތެއް ނެތެވެ ”.  އޭނާގެ ލަޝްކަރުގެ ސިފައިންނަށް އިޝާރާތްކޮށްފައި ކިޔާދިނެވެ.

“ އެމީހުން ކުރިމަތިލާން ޖެހިފައިވަނީ ހަނގުރާމައިގެ ޒަމާނީ ހަތިޔާރާއިތަޖްރިބާއާއި ހުނަރު ލިބިފައިތިބި ރަޝިޔާގެ ސިފައިންނާއެވެ. އަހަރެމެންގެ ސިފައިން އަތުގައި ހަތިޔާރެއް ނެތެވެ. ހަނގުރާމައި އެއްވެސް ހުނަރެއް ތަޖްރިބާއެއް ނެތެވެ ”.

ރަޝިޔާގެ ލަޝްކަރު ކުރިއެރުން ހުއްޓުވުމަށް އަޅާފައިވާ ހުރަސްތަކާއި ބެހޭގޮތުން ސުވާލުކުރުމުން ޖަވާބުގައި ކޮމާންޑަރ ބުނެފައިވަނީ އަހަރެމެންގެ ދެ އަތް ފިޔަވައި އެފަދަ އެއްވެސް އެހެން ހުރަހެއް ތައްޔާރުކުރެވިފައި ނެތްކަމަށެވެ.

މީގެ ތިން ހަފުތާކުރިން މިޝަހަރަކީ އަމާން ތަނެކެވެ. އިމާރާތްތަކަކީ ރައްކާތެރި ތަންތަނެވެ. ޝަހަރުގެ ރައްޔިތުން ދިރިއުޅެމުން ގެންދިޔައީ އަމާން ވެއްޓެއްގައެވެ. މިހާރު މުޅި ޝަހަރު އެއޮތީ އެއްކޮށް ވީރާނާ ކޮށްލާފައެވެ. ރޭގަނޑުގެ ހަމަހިމޭންކަން ތުރުތުރު އަޅައިގެން އެ ދަނީ އެކިއެކި ދިމާލުން ގޮވަމުންދާ ބިރުވެރި ބަރު ގޮވުންތަކުންނެވެ.

ބިންގަރާހުން އަހަރެމެން ނިކުތުމާއި އެކު ބޯމަތިން އިވުނު ގަދައަޑުފަށްގަނޑަކަށް ބަލާލިއިރު ޑްރޯނެއް އަންނަތަން ފެނުނެވެ. އެއީ ފްރެންޑްލީ ޑްރޯނެއްތޯ އަހަރެމެންގެ ގައިޑް އަރަތުން ކުރެން އަޙާލުމުން އެކަން އެނގޭނެ އެއްވެސް ގޮތެއް ނެތްކަމަށް އޭނާ ބުންޏެވެ.    

ރަޝިޔާގެ ބޯޑަރ ކައިރިން ހަނގުރާމައިގެ ކުރީކޮޅު ޔޫކްރެއިން ސިފައިންއަތުލައިގެންފައިވާ ރަޝިޔާގެ އާރޓިލަރީ ގަން އެއް ޔޫކްރެއިންގެ 92 ވަނަ އެސޯލްޓް ބްރިގޭޑުން ސީ އެން އެން ގެ ރިޕޯރޓަރުންނަށް ދައްކާލިއެވެ. އޭގެ ބޭނުންކޮށްގެން ފަރަންސޭސި ވިލާތުން ފޯރުކޮށްދިން މޯޓަރ ޝެލް އިން ރަޝިޔާގެ ލަޝްކަރުތަކަށް ހަމަލާދެމުން ގެންދާ ކަމަށް ކިޔާދިނެވެ.

އެ އާރޓިލަރީ ގަން އޮތީ ނަރުދާ އަޅާ ފޮރުވާފައެވެ. އެހެންނަމަވެސް ކުއްލިއަކަށް ޑްރޯނެއް އަންނަ އަޑު އިވުމުން އޭތި ފޮރުވުމަށްޓަކައި ބިންގަރާހެއްގެ ތެރެއަށް ވެއްދީއެވެ.     

ޔޫކްރެއިން ސިފައިންގެ އެހެން ޔުނިޓަކުން ބޭނުންކުރަމުން ގެންދަނީ 1940 ގެ އަހަރުތަކުގައި ރަޝިޔާއިން އުފައްދާފައި އޮތް އާރޓިލަރީ ގަން އެކެވެ. އެ މެޝިން އޮތީ ދަބަރުޖަހާ ދެންމެ ދެންމެ އަތަށް ގޮވާފާނެ ހާލެއްގައެވެ.               

އަހަރެމެންގެ ގައިޑް އަރަތުން ކިޔާދިންގޮތުގައި ރަޝިޔާގެ ޑްރޯން ޙަމަލާއެއްގައި އޭނާގެ ބަނޑަށާއި އަތަށް ވަދެފާހުރި ބައެއް އެތިކޮޅުތައް އަދިވެސް ހަށިގަނޑުތެރޭގައި އެބަ ހުއްޓެވެ. ޑަކްޓަރުން ބުނެފައިވަނީ އެ އެތިކޮޅުތައް ނުނެގޭނެ ކަމަށެވެ.

އަރަތުން އަތުގައި 30 ޑޮލަރަށް ލިބޭ ފްރިކުއެންސީ ސްކޭނަރެއް އޮތެވެ. އޭގެ ސަބަބުން ކައިރިވަމުން އަންނަ ޑްރޯންތަކުގެ މައުލޫމާތު އޭނާއަށް ހޯދެއެވެ. އަހަރެމެންނާއެކު އޭނާ ހޭދަކުރި ވަގުތު ތަކުގައި ޑްރޯނެއް އަންނަކަން އެނގުމުން ބިންގަރާހެއްގެ ތެރެއަށްވަދެ ރައްކާތެރިކަން ހޯދަން ޖެހުނެވެ.

2022 ގައި ޚާރކިވް ސަރަހައްދު ދޫކޮށްލާފައި ރަޝިޔާގެ ސިފައިން އެނބުރި ދިއުމަށްފަހު ޚާރކިވްގައި މީހުން ދިރިއުޅެމުން ގެންދަނީ ހަމަނޭވާއެއްލާނެ ފުރުސަތު ލިބި ދެން ރަޝިޔާގެ ޙަމަލާތަކާ ކުރިމަތިލާން ނުޖެހޭނެ ކަމުގެ ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއްގައެވެ.

ކުއްލިއަކަށް ޙާލަތު ބަދަލުވެ ކައިރިވަމުން އަންނަ ރަޝިޔާގެ ފައުޖުތަކުން ފޮނުވާ ޑްރޯން ހަމަލާތަކާއި އެންޓި އެއަރކްރާފްޓް ހަމަލާތަކުގެ އަޑުފައްގަނޑުގައި އެމީހުންގެ ރޭގަނޑުގެ ނިދި ގެއްލިއްޖެއެވެ. ރަޝިޔާގެ ހަމަލާތަކަށް އެއްވެސް ހުއްޓުމެއްނެތެވެ. 

އެކި ހިސާބުތަކަށް އެކިވަރުވަރުގެ ގެއްލުންދަނީ ލިބެމުންނެވެ. ބައެއް ޙަމަލާތަކުގައި އާންމު ރައްޔިތުންވެސް ދަނީ މަރުވަމުންނެވެ.   

މިއީ ނޭޓޯގެ ބާރުގަދަ ގައުމުތަކުން ފަހަތުގައި ތިބޭނެކަން ކަށަވަރުކޮށް ދިނުމާއި އެކު ޔޫކްރެއިންގެ ވެރިންގެ ބޮލަށްވަދެ އެގައުމުގެ އާންމު ރައްޔިތުންނަށް ކުރިމަތި ކޮށްފައިވާ ބޮޑު މުސީބާތެކެވެ.

ދުނިޔޭގައި ގިނަ ދެކޮޅުވެރިކަން ހިނގުމުގައި މައިގަނޑު ސަބަބަކަށް ވެފައި އޮންނަނީ މިބާވަތު ދާޚިލީ ނުވަތަ ޚާރިޖީ ނުފޫޒެކެވެ. އަދި މިފަދަ ފަނާކުރަނިވި ހަނގުރާމަތަކަކީ ހަތިޔާރު އުފަށްދާ ކުންފުނިތަކާއި އެމީހުންގެ ބައިވެރީންގެ ޖީބުތަށް ފުރާލާ ބޮޑު ވިޔާފާރިއެއްކަމުގައި ނޫނީ ނުވެތެވެ. ހަނާވެގެން ދަނީ ގައުމުގެ ވެރީން (ނިކަމެތި ރައްޔަތުން) ނެވެ.   

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް