ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ.
މިއަދު ތަސްދީޤު ކުރެއްވި މި ބިލަކީ މި މަހުގެ 13 ވަނަ ދުވަހު އޮތް 19 ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާގައި ފާސްކުރި ބިލެކެވެ.
އެގޮތުން މި ޤާނޫނަކީ، ދިވެހިރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ ކާބޯތަކެއްޗާއި، ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ އަދި ދިވެހިރާއްޖެއިން އެކްސްޕޯޓުކުރާ ކާބޯތަކެއްޗަކީ ރައްކާތެރި، ޞިއްޙަތަށް ފައިދާހުރި، އަދި ޢާންމު ޞިއްޙަތަށް ގެއްލުންނުވާފަދަ ތަކެތިކަން ކަށަވަރުކުރުމަށްޓަކައި ކާބޯތަކެތީގެ ފެންވަރު ހިފެހެއްޓުމާއި، ރައްކާތެރިކަން ދެމެހެއްޓުމާގުޅޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމުގެ ޤާނޫނެވެ.
އަދި މިއީ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގައާއި ކާބޯތަކެތީގެ ޚިދުމަތްދޭ ފަރާތްތަކުން ޢަމަލުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމާއި، ކާބޯތަކެއްޗަކީ، އިންސާނުން ބޭނުންކުރުމަށް ޞިއްޙީގޮތުން އެކަށީގެންވާ ރައްކާތެރި ތަކެތި ކަމުގައި ހެދުމަށްޓަކައި ކަނޑައަޅަންޖެހޭ އެނޫންވެސް އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމުގެ ޤާނޫނެވެ.
މި ޤާނޫނުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި، ކާބޯތަކެތި އުފައްދާ، ނުވަތަ ތައްޔާރުކުރާ، ނުވަތަ ބަންދުކުރާ، ނުވަތަ ލޭބަލްކުރާ، ނުވަތަ ރައްކާކުރާ، ނުވަތަ ގުދަންކުރާ، ނުވަތަ ގަނެ ވިއްކާ، ނުވަތަ އެއްތަނުން އަނެއްތަނަށް އުފުލާ، ނުވަތަ ފޯރުކޮށްދޭ ތަންތަނުގައި ހިފަހައްޓަންޖެހޭ މިންގަނޑުތައް ކަނޑައެޅުން ހިމެނެއެވެ.
މީގެ އިތުރުން އެފަދަ ތަންތަން ހިންގުމުގެ ހުއްދަދިނުމުގެ އުސޫލުތައް ބަޔާންކުރުމާއި، ކާބޯތަކެތި އުފައްދާ މީހުންނާއި، ތައްޔާރުކުރާ މީހުންނާއި، ބަންދުކުރާ މީހުންނާއި، އެއްތަނުން އަނެއްތަނަށް އުފުލާ މީހުންނާއި، ކާބޯތަކެތީގެ ޚިދުމަތްދޭ އެނޫންވެސް ފަރާތްތަކުން ހިފަހައްޓަންޖެހޭ ރައްކާތެރިކަމުގެ އަދި ސާފުތާހިރުކަމުގެ މިންގަނޑުތައް ކަނޑައެޅުމާއި، ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ އަދި ދިވެހިރާއްޖެއިން އެކްސްޕޯޓުކުރާ އަދި ރާއްޖޭގައި އުފައްދާ ހިރާއްޖޭގައި ބޭނުންކުރާ ކާބޯތަކެތީގެ ފެންވަރު ހިފެހެއްޓުމަށާއި ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުން ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީޤުކުރެއްވުމާ ގުޅިގެން މި ބިލު ވަނީ މިއަދު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ.
މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ މިއަދުން ފެށިގެން 3 މަސް ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.