ސިޑްސްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މާދަމާ އެންޓިގުއާ ބާބުޑާއަށް ފުރާވަޑައިގަންނަވަނީ

Loading

Facebook
Twitter
WhatsApp

ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕްމަންޓް ސްޓޭޓްސް (ސިޑްސް) ގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު މާދަމާ އެންޓިގުއާ ބާބުޑާއަށް ފުރާވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ހީނާ ވަލީދެވެ.

ހަތަރުވަނަ ސިޑްސް ކޮންފަރެންސް ކުރިއަށްދާނީ މި މަހުގެ 27 ވަނަ ދުވަހުން 30 ވަނަ ދުވަހުގެ ނިޔަލަށް އެންޓިގުއާ ބާބުޑާގައެވެ.

ކޮންމެ 10 އަހަރަކުން އެއްފަހަރު ޔޫއެންއިން ކުރިއަށްގެންދާ ސިޑްސްގައި މިއަހަރު ރައީސް ޑރ.މުޢިއްޒު, ގައުމީ ތަގުރީރު އިއްވެވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން ދިވެހިރާއްޖެއިން މޫސުމީ ބަދަލުތަކާ ގުޅިގެން ތަހައްމަލުކުރަމުންދާ ކަންކަމާއި އެ ކަންކަމުން އަރައިގަތުމަށްޓަކައި ކޮށްދެއްވުމަށް އެދޭ ކަންކަމަށް އަލިއަޅުވައިލައްވައި ރައީސް ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.

ސިޑްސްގެ މި އަހަރުގެ ޝިއާރަކީ ”ޗާޓިންގ ދަ ކޯސް ޓުވާޑްސް ރިސިލިއަންޓް ޕްރޮސްޕަރިޓީ“ އެވެ. މި ޝިއާރާ އެއްގޮތަށް މި އަހަރުގެ ސިޑްސް ކޮންފަރެންސްގައި ތިމާވެށީގެ ގޮތުން ނާޒުކު އަދި ކުދި ގައުމުތަކަށް ފާގަތިކަމާއި، ވިލުންތެރިކަން ހާސިލްކުރުމަށް މަގުކޮށައިދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރުމަށް ވަނީ ނިންމާފައެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ސިޑްސް ކޮންފަރެންސްގެ މުހިންމުކަމާއި، މި ކޮންފަރެންސްއިން ދިވެހި ރައްޔިތުންނާއި ގައުމަށްޓަކައި ސަރުކާރުން ހާސިލުކުރުމަށް ބޭނުންވާ މުހިންމު ކަންކަން ހިއްސާ ކުރައްވައިފައެވެ.

މީގެއިތުރުން މި ކޮންފަރެންސްގައި ރާއްޖެއިން އިންތިޒާމުކުރާ 3 ހަވާސާ ހަރަކާތުގެ މައުލޫމާތާއި، ސަރުކާރުގެ ކަމާ ގުޅުންހުރި މުއައްސަސާތަކުން ސިޑްސްގައި މުހިންމު މަސައްކަތްތަކެއް ކުރައްވާނެކަން ފާހަގަކުރައްވާފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް