ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމްކޮށްގެން، FIVB level 1 ގެ ކޯހެއް ރާއްޖޭގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މިހާރު ވަނީ މި ކޯހުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވައިލައިފައެވެ.
މި ކޯހުގައި ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަ ޖުލައިމަހުގެ އެއްވަނަ ދުވަހުގެ 12:00 އެވެ.
ވޮލީބޯލް އެސޯސިއޭޝަނުން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރި އިއުލާނެއްގައި ވަނީ, މި ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން، އިއުލާނާއެކު އެއްކަރުދާސްކޮށްފައިވާ އެޕްލިކޭޝަން ފޯމާއި ބައިވެރިވާ ފަރާތުގެ މައުލޫމާތު ފޯމު ފުރިހަމަ ކުރުމަށްފަހު، ( [email protected] ) އަށް އީ-މެއިލް ކުރުމަށް އެދިފައެވެ.
ކޯހުގައި ބައިވެރިވުމުގެ ޝަރުތުތައް:
- އުމުރުން 18 އަހަރާއި 45 އަހަރާ ދެމެދުގެ މީހެއްކަމުގައިވުން.
- އިނގިރޭސި ބަހުން މުއާމަލާތު ކުރަން (ލިޔަން ކިޔަން) އެނގުން.
- ފުރިހަމަ ސިއްހަތެއްގައި ހުރުން.
އެ އެސޯސިއޭޝަނުން ބުނީ 27 – 31 ޖުލައިގެ ނިޔަލަށް މާލޭގައި ބާއްވާ މި ކޯހުގެ ފީއަކީ 300 ޔޫއެސް ޑޮލަރު ކަމަށެވެ.
ކޯހުގެ ބައިވެރިން ލާންޖެހޭ ޓީޝާޓާއި ކްރެކްޝޫޓް ތިރި ކަމަށާއި ކޯހުގެ މެޓީރިއަލް ދިނުމަށް ހަމަޖެހިފައިވަނީ އެ އެސޯސިއޭޝަނުގެ ފަރާތުން ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.