ކޮރޮޕްޝަން ބޮޑެތި ތުހުމަތުތަކެއް ކުރެވުނު މިފްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އަޙްމަދު ސަމާޙު ރަޝީދު މިފްކޯގެ ސީއީއޯގެ މަގާމުންނާއި ބޯޑު ޑިރެކްޓަރުގެ މަގާމުން ވަކިކޮށްފިއެވެ.
ސަމާހު މަގާމުން ވަކިކުރިކަން ހާމަކޮށްފައި ވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައެވެ.
ސަމާޙު މިފްކޯގެ ސީއީއޯ ކަމުގެ މަގާމުން ވަކިކޮށްފައި ވާއިރު އޭނާގެ މަޤާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައި ވަނީ 18 މާރޗްގައެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އެކަމާއި ގުޅޭގޮތުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކޯޕަރޭޓް ގަވަނެންސްއާއި ގުޅުންހުރި މައްސަލަތަކެއް ޕީސީބީއަށް ހުށަހެޅުމާ ގުޅިގެން އެކަމުގެ ފުރިހަމަ އިންކުއަރީއެއް ހިންގުމުގެ ގޮތުން މަގާމުގެ މަސްއޫލިއްޔަތުތަކުން އޭނާ އެކަހެރިކޮށްފައިވާ ކަމަށެވެ.
ސަމާހު މަޤާމުގެ މަސްއޫލިއްޔަތު ތަކުން އެކަހެރި ކޮށްފައި ވާއިރު ކުންފުނީގެ މުދަލާއި ވަސީލަތްތައް އަމިއްލަ ބޭނުމުގައާއި ސިޔާސީ ބޭނުންތަކަށް ފާޅުކަން ބޮޑު ގޮތެއްގައި ބޭނުންކުރުމާއި، ކުންފުނީގެ މުވައްޒަފުން ނެގުމާއި ގުޅޭގޮތުން ހަދާފައިވާ ޕޮލިސީތަކާއި މުސާރައިގެ އޮނިގަނޑާއި ހިލާފަށް ބަޖެޓު ހަމަޖެހިފައި ނުވަނީސް ވަޒީފާ ދިނުމުގެ ތުހުމަތު އޭނާގެ މައްޗަށް ވަނީ ކޮށްފައެވެ.