އީރާނުގެ ހެލިކޮޕްޓަރ ވެއްޓުމަކީ މެދުއިރުމަތީގައި ކުޑަކަމަކަށް ނުވާނެ

Loading

Facebook
Twitter
WhatsApp

ޖެރޫސަލަމުން އެސޯޝިއޭޓެޑް ޕްރެސް އިން ހާމަކޮށްފައިވާ ގޮތުގައި އީރާނުގެ ރައީސް އަދި ޚާރިޖީ ވަޒީރާއި ބައެއް އެހެން އިސްވެރިން ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުމަކީ އީރާނާއި އެގައުމުގެ ބައިވެރިން އާދައިގެ ޙާދިސާއެއް ކަމަކަށް ނުބަލާނެއެވެ. 

އެމެރިކާއާއި އިސްރާއީލަކީ 1979 ގައި އުފެދުނު އީރާނުގެ އިންގިލާބީ އިސްލާމިކް ރިޕަބްލިކް އޮފް އީރާނުން އަޙުދު ކަށަވަރު ކޮށްފައިވާ ދުޝްމިނުންނެވެ. އީރާނުގެ މި ވިސްނުން މިއަދުވެސް ބަދަލެއް ނުވެއެވެ.   

މިދުވަސްވަރަކީ މީގެ ކުރިން ފެނިފައި ނުވާ މިންވަރަށް އީރާނާއި އިސްރާއީލު އަދި އެމެރިކާގެ ދެކޮޅުވެރިކަން ފެނި ހާމަވެގެންދާ ދުވަސްވަރެކެވެ. އީރާނުން ބޭނުންވެއްޖެ ހިނދެއްގައި ސީދާ އިސްރާއީލަށް ޙަމަލާ ދެވިދާނެކަން ކަށަވަރުކޮށް ދެނެގަތީ ދާދި މިދާކަށް ދުވަހުއެވެ. އިސްރާއީލާއި އެމެރިކާގެ ޙަމަލާތަކުގައި އީރާނުގެ ތަޖްރިބާކާރު މިލިޓްރީ ލީޑަރުންތަކެއް ޝަހީދުކޮށްލާފައި ވަނީވެސް ދާދި މިދާކަށް ދުވަހުއެވެ.             

އެމެރިކާއާއި އިސްރާއީލުގެ އަމުރަށް އިސްޖަހާލައިގެން ތިބޭނެ ޢަރަބިންގެ ގައުމުތަކެއް ފާޅުވެ ހާމަވެގެން ދިޔައީވެސް މީގެ މަހެއްހާ ދުވަސް ކުރިންނެވެ.

އިސްރާއީލުން ދެކޭގޮތުގައި އީރާނުން ނިއުކްލިއަރ މަޝްރޫއާއިގެން ކުރިއަށް ދިއުމާއި ބެލިސްޓިކް މިސައިލް އުފެއްދުމަކީ އިސްރާއީލު ދެމިއޮތުމަށް ނުރައްކަލެކެވެ. އެކަން ހުއްޓުވަން ޖެހޭނެއެވެ. އަދި ހުއްޓުވާނެކަމަށް އިސްރާއީލުންގެންދަނީ ވަޢުދު ކަށަވަރު ކުރަމުންނެވެ. 

އެމެރިކާއާއި ހުޅަނގުގެ ގިނަ ގައުމުތައް އޮތީ އިސްރާއީލަށް ހުރިހާގޮތަކުންވެސް ތާޢީދު ކުރަން އަޙުދުވެގެންނެވެ. އެކަމުގައި އެ ގައުމުތަކުން ދެވަނަ ވިސްނުމަކަށް ދާން ބޭނުމެއް ނުވެއެވެ.

ފަލަސްތީނުގެ ޖިހާދަށް 75 އަހަރު ފުރުމުގެ ރަސްމިއްޔާތުގައި މި ހުސްވި މަހު އީރާނުގެ ރައީސް އިބްރާހިމް ރައީސީ ވިދާޅުވެފައިވެއެވެ. “ އިސްރާއީލުން ފަލަސްތީނުގެ ބިމާއި ރައްޔިތުން އަޅުވެތިކޮށްގެން ގެންގުޅޭތާ 75 އަހަރު ވީއެވެ.އަހަރެމެން ފުރިހަމަ ކުރަންޖެހޭ ވާޖިބު ތަކެއް އެބަހުއްޓެވެ. 

އެންމެ ފުރަތަމަ ކަމަކީ ފަލަސްތީނުގެ ބިމުން އިސްރާއީލުގެ ބާރުވެރިކަން ނައްތާލުމެވެ. ދެވަނައަށް ފަލަސްތީނަށް ދީފައިވާ ހުރިހާ ގެއްލުމަށް އިސްރާއީލުން މަސްޢޫލު ކުރުވައި ބަދަލު ދިނުން ނޫން އެހެން ގޮތެއް ނެތްކަން ޔަގީންކުރުމެވެ. އަދި ތިންވަނަ ކަމަކަށް އިންސާފުގެ ކުރިމައްޗަށް އިސްރާއީލުގެ ވެރިން ގެނައުމެވެ. މިއީ އަހަމެންގެ ލަނޑުދަނޑިއެވެ. އަހަރެމެންގެ އަމާޒެވެ.“

އީރާނުގެ އެންމެ އިސްވެރިންނާއި އެކު ދަތުރުކުރި ހެލިކޮޕްޓަރު އެކްސިޑެންޓްވި ޙާދިސާގައި އިސްރާއީލުގެ އަތެއް ވާކަން އީރާނަށް ޝައްކު ކުރެވިއްޖެނަމަވެސް މުޅި މެދުއިރުމަތީގައި ނިއްވާ ނުލެވޭނެ ހަނގުރާމައިގެ ހުޅުގަނޑެއް ރޯވެގެން ދާނެއެވެ. އީރާނަކީ އިރާގެއް ނޫނެވެ. އީރާނަކީ އަފްޣާނިސްތާނެއްވެސް ނޫނެވެ. އީރާނަކީ މިހާރު މެދުއިރުމަތީގެ ރަޝިޔާއެވެ. އެއީ ބާރުގެ ގޮތުންނާއި ކެރުމުގެ ގޮތުންނެވެ. 

މެދުއިރުމަތީގެ ބާރުގަދަ މުޖާހިދު ހަނގުރާމަވެރި ޖަމާޢަތްތަކަކީވެސް އީރާނުގެ ބައިވެރިންނެވެ. މެދުއިރުމަތީގެ ހަނގުރާމައެއްގައި އީރާނާއި ދެކޮޅަށް އެއްވެސް އަރަބި ގައުމަކުން ނުސީދާގޮތެއްގައިވެސް ނިކުތުމަށް ޖެހިލުންވާނެއެވެ. 

އިރާގު ހަނގުރާމައިގާ އެމެރިކާއާއި އެއްކޮޅަށް އަރަބި ގައުމުތަކުން ބައިވެރިވި ނަމަވެސް އީރާނާ ދެކޮޅަށް ނިކުތުމަކީ އެގައުމުތަކަށް ބޮޑުވެގެންވާ ނުރައްކަލެއްކަން އެނގޭނެއެވެ. މިއީ ހަނގުރާމަ އާއި ސިޔާސީ ތަޖްރިބާކާރުން އިއްތިފާގު ވާ މައްސަލައެކެވެ.                   

ހެލިކޮޕްޓަރ ކްރޭޝްވެ އީރާނުގެ ރައީސް އާއި ޚާރިޖީ ވަޒީރާއި ގައުމުގެ ބައެއް އެހެން ވެރީން އަވަހާރަ ވުމުގެ ހިތާމައިގާ 5 ދުވަސް ރަސްމީގޮތުން ހިތާމައގެ ދުވަސްތަކެއް ކަމުގައި ދީނީ އިމާމް އާޔަތު ﷲ އަލީ ޚާމަނާއި ވަނީ ނިންމަވާފައެވެ. 

އެމަނިކުފާނު ވިދާޅުވީ ގައުމުގެ ރައީސްގެ މަގާމު ފުރަތަމަ ނައިބުރައީސް މުޙައްމަދު މުޚްބާރ ޙަވާލުވެ ވަޑައިގެންފި ކަމަށާއި ޖޫންމަހުގެ 28 ވަނަ ދުހަހު ރިއާސީ އިންތިޚާބު ބޭއްވޭނެ ކަމަށެވެ. އަދި މިހާރުވެސް ހެލިކޮޕްޓަރ ކްރޭޝްވި ސަރަޙައްދު ބަލައި ތަޙުލީލްތައް ކުރަމުން ގެންދާކަމަށެވެ.

އެމަނިކުފާނު ގައުމުގެ ރައްޔިތުންނަށް ޔަގީންކަން ދެއްވައި ވިދާޅުވެފައިވަނީ ހަމަހިމޭނުން ތިބުމަށާއި ގައުމުގެ ހިންގުމަށް އެއްވެސް ބުރުލެއް ނާރާނެ ކަމަށެވެ. އަދި  މީގެ ކުރިން އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ މަޝްވަރާތަކުގައި އެންމެ އިސް ދައުރެއް އަދާކުރައްވާ ފައިވާ އަލީ ބާޣެރީ ވަގުތީގޮތުން ޚާރިޖީ ވަޒީރުގެ މަގާމަށް ހަމަޖައްސަވާފައިވާ ކަމަށެވެ.

ހުކުރުދުވަހު އީރާނުގެ ގައުމީ ޓީ ވީ ގެ ބެކްގްރައުންޑްއިން ކީރިތި ގުރުއާން ކިޔެވެމުންދިޔައިރު އާޔަތު ﷲ އިބްރާހިމް ރައީސީގެ ޙަޔާތާއި ބެހޭ ގޮތުން މަޢުލޫމާތު ހާމަކުރަމުން ގެންދިޔައެވެ. އެ ޕްރޮގްރާމްގައި އީރާނުގެ ރައްޔިތުންގެ ޚާދިމް އިބްރާހީމް ރައީސީއަށް ގިޔާމަތްދުވަހުން ޝަހީދުންގެ އެންމެ މަތީ ދަރަޖަ ދެއްވުން އެދި ދުޢާކުރަމުން ގެންދިޔައެވެ.  

ރައީސީ އަވަހާރަވުމާއި ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކެއްގެ އިތުރުން “ އެކްސިސް އޮފް ރެޒިސްޓެންސް އެގެއިންސްޓް އިސްރާއީލް “ ގައި ހިމެނޭ ހުރިހާ ޖަމާޢަތަކުން ހިތާމަ ފާޅުކޮށް ތައުޒިޔާ ފޮނުވަމުންވެސް އެބަ ގެންދެއެވެ.                              

ސިޔާސި މުފައްކިރުން ދެކިވަޑައިގަންނަވާ ގޮތުގައި އީރާނުގެ އެންމެ އިސް 2 ޑިޕްލޯމެޓުން ކުއްލިއަކަށް ދުނިޔެއިން ވަކިވެގެން ދިއުމަކީ މިފަދަ ޚުތޫރަތްތެރި ދަނޑިވަޅެއްގައި އީރާނަށް ލިބުނު ބަޔާންނުކުރެވޭ ވަރުގެ ގެއްލުމެކެވެ.                                             

ގައުމުތަކުގެ އެންމެ އިސްވެރިން ދަތުރު ކުރައްވާއިރު މިފަދަ ހިތާމަވެރި ޙާދިސާތަކާ ކުރިމަތިލާން މިޖެހޭނީ ކީއްވެގެންތޯ ބައެއް ބޭފުޅުން ބައިނަލް އަގްވާމީ މީޑިއާގައި ސުވާލު ކުރައްވަމުން ވެސް އެބަ ގެންދަވައެވެ. 

މިއަދު އީރާނުގެ އެންމެ އިސް ވެރިންތަކެއް ދުނިޔެއިން ވަކިވެގެން ދިޔައިރު މީގެ ދުވަސްކޮޅެއް ކުރިން 2021 ވަނަ އަހަރު ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު އިންޑިއާގެ ސިފައިންގެ އެންމެ މަތީ ޖެނެރަލް ދަތުރުކުރެއްވި ހެލިކޮޕްޓަރ ވަނީ ކްރޭޝްވެ އެބޭފުޅާއާއެކު ދަތުރުކުރެއްވި އެންމެން މަރުވެފައެވެ. 2009 ވަނަ އަހަރު ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހު މެދުވެރިވި ހެލިކޮޕްޓަރ ކްރޭޝް އެއްގައި އިންޑިއާގެ އަންދްރަ ޕްރަދޭޝްގެ ޗީފް މިނިސްޓަރާއި އެމަނިކުފާނުގެ އަރިހުގައި ދަތުރުކުރި އެންމެން ދުނިޔެއިން ވަކިވެފައެވެ.  2010 ވަނައަހަރު އޭޕްރިލް މަހުގެ 10 ވަނަ ދުވަހު ޕޮލޭންޑުގެ ރައީސް ދަތުރުކުރެއްވި މަތިންދާ ބޯޓު ކްރޭޝްވެ އެ ބޯޓުން ދަތުރުކުރި 70 މީހުންވަނީ މަރުވެފައެވެ، އޭގެ ތެރޭގައި ޕޯލެންޑުގެ ރައީސް އަދި އެމަނިކުފާނުގެ އަނބިކަބަލުންވެސް ހިމެނި ވަޑައި ގެންނެވިއެވެ.

މިއީ ހަމައެކަނި މަދު ޙާދިސާއެކެވެ. މީގެ ލިސްޓް ވަރަށް ދިގެވެ.

މިއިން ކޮންމެ ޙާދިސާއެއް މެދުވެރި ވުމުގައި މައިގަނޑު ސަބަބެއް ކަމުގައި ވެފައިއޮތީ މޫސުމް ގޯސްވުމެވެ. ތަޖްރިބާކާރުންގެ ސުވާލުގައި މިކަން ވަރަށް ބޮޑަށް ފާހަގަކުރައްވާ ފައިވެއެވެ.

އިބްރާހިމް ރައީސީ އާއި އީރާނުގެ އިސްބޭފުޅުން ތަކެއް ދަތުރުކުރެއްވި ހެލިކޮޕްޓަރަކީ އެމެރިކާގެ އުފެއްދުމެކެވެ. އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި އެ ހެލިކޮޕްޓަރަށް ބޭނުންވާ މުހިންމު ސްޕެއަރ ޕާރޓްސް މަނާކުރެވިފައިވޭތޯ ވެސް ގިނަ ސުވާލުތަކެއް ވަނީ އުފެދިފައެވެ. އެގޭ އެއްޗަކީ އެ ހެލިކޮޕްޓަރ އަކީ ދުނިޔޭގެ ފެންވަރުގައި “ ނަމްބަރ ވަން“ ކަމުގައެވެ. ދެއިންޖީނުލީ ހެލިކޮޕްޓަރއެކެވެ. އަދި ދެ އިންޖީނު ފޭލްވިއަސް ހުރިދިމާލަކުން ތިރިކުރެވޭނެ ނުވަތަ އެކިޔާ “ ހާޑް ލޭންޑިންގް“ ހެދޭނެ އުޅަނދެކެވެ. ވީއިރު އެ ހެލިކޮޕްޓަރ ކްރޭޝް ނުވަތަ ގޮވުމުގައި ވަރަށް ގިނަ ސުވާލުތަކެއް މިހާރު ކުރެވެމުން އަބަދެއެވެ.                   

މި ޙާދިސާ މެދުވެރި ވުމުގައި އިސްރާއީލުން އެމީހުން ބައިވެރިވެފައި ނުވާނެކަމަށް ބުނެފާވެއެވެ. އެކަމަކު އެބުނުން ގަބޫލުކުރެވިދާނެ ހެއްޔެވެ؟ އަދި އެމެރިކާގެ ކަމާބެހޭ ފަރާތްތަކުގެ ބައިވެރިވުން ނެތްކަން ސާބިތުކޮށް ދެވިދާނެ ހެއްޔެވެ؟  ޖަވާބު ނުލިބޭނެކަން އެނގޭ މިބާވަތުގެ އެތައް ސުވާލެކެވެ.                       

ޒާތީ ޙަސަދަ ފިލުވާލުމަށްޓަކައި ގައުމުތަކުގެ ވެރިން ގެންގުޅޭ މި ނުރައްކާތެރި ސިޔާސަތުގެ ސަބަބުން ދުނިޔެއިން ވަކިވެގެންދަނީ ގައުމުތަކުގެ މައުސޫމް ރައްޔިތުންނެވެ. ގެދޮރު ވީރާނަވެ ބަޑަށް މަރުވަމުންދަނީ އެބޭފުޅުންގެ ސިޔާސަތާއި އެއްވެސް ގުޅުމެއް ނެތް ގައުމުތަކުގެ ނިކަމެތި ރައްޔިތުންނެވެ. އެކަން ޔޫކުރެއިންނާއި ގާޒާއިން މިއަދުވެސް ފެންނަމުން އެދެނީއެވެ.

ތިމަތިމާމެންގެ ބާރުގެ ދަށުގައި ކިތަންމެ ޢިއްޒަތަކާއި ހައިބަތެއް ފުނިޖަހާ ޖަމާކުރެވިފައި އޮތްނަމަވެސް މަރުވެގެންދާނީ ހަމަ ނޭވާ ހުސްވެގެންނެވެ. އެއްށްފަހު ކަށްވަޅުތެރޭގައި މަސްގަނޑު ކުނިވެގެންދާނީ އެންމެ ނިކަމެތި މިހާއެކޭވެސް އެއްފަދައިންނެވެ.   

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް