ރާއްޖޭގެ ބައެއް އާސާރީ ބިނާތައް ނެތި ހިނގައިދާނެ ކަމުގެ ބިރު

Loading

Facebook
Twitter
WhatsApp

ރާއްޖޭގެ އަސާރީ ބިނާތަކަކީ ފަތުރުވެރިންގެ ސިނާޢަތުގެ އެއްރުކުނެވެ. އެހެން ކަމުން ރާއްޖޭގެ އާސާރީ ބައެއް މިސްކިތްތަކާއި އަދި އެނޫންވެސް އާސާރީތަންތަން ބަލަހައްޓާން އެބަޖެހެއެވެ. ނަމަވެސް މިފަދަ ތަންތަން އެހެރަދަނީ ފަނާވަމުންނެވެ.

މިސާލަކަށް 2008 ވަނަ އަހަރު އެކިރަށްރަށަށް މީހުން ބަދަލު ކުރެވިފައިވާ ގއ. ދިޔަދޫގައި މީގެ 500 އެއްހާ އަހަރު ކުރީގެ އާސާރީ މިސްކިތެއް ހުރެއެވެ. ބުނެވޭ ގޮތުގައި މިދެންނެވި މިސްކިތަކީ ދެއްވަދޫ ރަސްގެފާނު ބިނާކުރެއްވި މިސްކިތެކެވެ. ނަމަވެސް މި މިސްކިތްވެސް އެދަނީ ވީރާނާ ވަމުންނެވެ.

ވަރަށް އާސާރީ އެހެން ބިނާއަކަށް އަޅުގަނޑު ބަލާލާނަމެވެ. ރާއްޖެ ޕޯޗްގީޒުން ހިފާފައި ވާކަމަށް ތާރީޚު ބުނަނީ އެއީ މީގެ 450 އަހަރުގެ ކުރިން ކަމުގައެވެ. ޢަލިރަސްގެފާނު ޝަހީދުކުރުމަށްފަހު ޕޯޗްގީޒުންގެ އަތްދަށުގައި ރާއްޖެ 17 އަހަރަށް ވުރެ ގިނަދުވަހު އޮތްކަމަށް ބުނެވެއެވެ.

މިދެންނެވި ދުވަސްވަރު ޢަލިރަސްގެފާނުގެ ހުވަފަތް އަނބިކަނބަލުން ކަނބާ އައިޝާއާއި ޢަލިރަސްގެފާނުގެ ލޮބުވެތި ދަރިކަނބަލުން ސިއްތިމާވާ ވެސް ދިރިއުޅުއްވީ ތިލަދުންމަތީ އުތުރުބުރީ ބާރަށުގައެވެ. ބާރަށުގައި މިހާރުވެސް ފާހަގަ ކޮށްލޭވޭ އާސާރީ އެތަކެއް ތަންތަން އެބަހުއްޓެވެ.

އުތީމު ތިންބެއިން ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތް ކުރުމަށްޓަކާ ދަތުރު ފުޅުތައްކުރެއްވި މަޝްހޫރު ކަޅުއޮށްފުމި ބަނދެވުނީވެސް ބާރަށުގައެވެ. އެރަށުގައި ކަޅުއޮށްފުންމި ބަން ވަޑިން ފެންބޯން ހެދި ވަޅާއި ކަޅުއޮށްފުންމީގެ ދެމައްޔާ ބެހެއްޓި ދެކަޑަ މިހާރުވެސް ފެންނާން ހުރި އިރު ކަނބާއައިޝާގެ ގަނޑުވަރުގެ ބަދަލުގައި ހުރީ އެކަމަނާގެ މަހާނަފުޅު އެކަންޏެވެ.

ކަނބާއައިޝާގެ މަހާނަފުޅަކީވެސް ފަތުރުވެރިންނަށް މުހިންމު ބިނާއެއް ކަމުގައިވާނެއެވެ. އެދުވަސްވަރު ހއ.ގެ ވެރިކަން ކުރާ ރަށަކީ ބާރަށެވެ. އެހެން ކަމުން ބާރަށުގައި ހުރި ވާރުގެ މިހާރު އެވަނީ ޚަރާބު ވެފައެވެ. މި ވާރުގޭގައި އަތޮޅުވެރިކަން ކުރީ ޕޯޗްގީޒު ސަރުކާރުގެ މީހެކެވެ. އޭނާގެ ނަމަކީ ވިޔަޒޯރެވެ. ކަނބާއައިޝާގެ މަސްތީ އަސަރުގައި ވިޔަޒޯރު އެކަމަނާ ގެންގުޅުނީވެސް ބާރަށުގައެވެ.

ބާރަށުގައި އަތޮޅުވެރިކަން ކުރި ވިޔަޒޯރު އުޅުނުކަމަށް ބުނާ ވާރުގެ އެވަނީ ވީރާނަވެފައިވެފައެވެ. މީގެ 450 އަހަރު ކުރީގެ މި ބިނާ އަކީ ވެސް ފަތުވެރިންނަށް ދައްކައިލަން ހަމަ ރަނގަޅު ތަނެއް ކަމަށް ދެކެމެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަކީ މަސްވެރިކަން ފިޔަވައި ރާއްޖެއަށް އެންމެ ގިނަ ފައިސާ އެތެރެވާ ވަސީލަތެވެ. ސީދާ ރައްޔިތުމީހާގެ ޖީބަށް ޑޮލަރު އަޅައިދޭ ވަސީލަތްކަމަށްވާއިރު ރަށްރަށުގައި ހުންނަ މިފަދަ ތާރީޚީ ބިނާތަކުގެ އާބާތުރަފިލުވައި އެތަނެއް ހުރި ގޮތް ނުގެއްލޭ ގޮތަށް މަރާމާތު ކުރުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ.

މީގެ އިތުރުން ރާއްޖޭގެ ބައެއް ރަށްރަށުގައި ހުރި އާސާރީ ގަބުރުސްތާނުފަދަ ތަންތަނަކީވެސް ހިމާޔަތް ކުރެވިފައި ހުންނަންޖެހޭނެ ތަންތަންނެވެ.

ދ.ކުޑަހުވަދޫ ހުކުރު މިސްކިތުގައި ކަތުރުފަނި އެޅުމުގެ ސަބަބުން މިސްކިތަށް އެކިވަރުގެ ގެއްލުން ލިބިފައިވާތީ އެ ކައުންސިލުގެ އެދުމަށް، ކައުންސިލާ ގުޅިގެން ނެޝަނަލް ސެންޓަރ ފޮ ކަލްޗަރަލް ހެރިޓޭޖުން މިސްކިތުގެ ކޮންޑިޝަން އެސެސްމަންޓް ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމާއި އިންސްޕެކްޓްކުރުން. ފޮޓޯ: ނެޝަނަލް ސެންޓަރ ފޮ ކަލްޗަރަލް ހެރިޓޭޖް.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް