ނޭޓޯއިން ޔޫކްރެއިނަށް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދެމުން ގެންދާ އެހީތަކަކީ ކްރޭޒީ ވިސްނުމެއްގައި ހިންގާ ޙަރަކާތެއްކ ަމަށް ސިފަކުރައްވައި އޭގެތެރެއަށް ހަންގޭރީ ނުވަންނާނެ ކަމަށް އެގައުމުގެ ޚާރިޖީ ވަޒީރު ރޮއިޓާރސްއަށް މަޢުލޫމާތު ދެއްވައިފިއެވެ.
ޚާރިޖީ ވަޒީރު ޕީޓަރ ސިއްޖާރޓޯ މި މޭރުމުން ވާހަކަފުޅު ދައްކަވާފައިވަނީ ރަޝިޔާއާއި ދެކޮޅަށް ހަނގުރާމަ ދެމެހެއްޓުމަށް ނޭޓޯ އިން ދާއިމީ ގޮތެއްގައި ޔޫކްރެއިނަށް އެހީ ފޯރުކޮށް ދިނުމަށްޓަކައި 100 ބިލިއަން ޔޫރޯގެ ފަންޑެއް ހުޅުވަން ނިންމުމާއި ގުޅިގެންނެވެ.
ނޭޓޯގެ މި މަޝްރޫއުގެ ދަށުން މިހާރު ރަމްސްޓެއިން ގްރޫޕުގެ ނަމުގައި އެމެރިކާގެ ބެލުމުގެދަށުން ހިންގާ ހަނގުރާމަ ކޯރޑިނޭޓް ކުރުމުގެ ޙަރަކާތްތައް ޔޫރަޕްގެ ދަށަށް ބަދަލުވެގެން ދާނެއެވެ
މި މައްސަލަ ފެންމަތި ވުމުން ހަންގޭރީގެ ރަސްމީ ތަރުޖަމާނު އެކްސްގައި ވިދާޅުވެފައިވަނީ ނޭޓޯ އިން ހިންގާ މޮޔަ ޙަރަކާތެއްގެ ސަބަބުން ހަނގުރާމައެއްގެ ތުންފަތްމައްޗަށް ހަންގޭރީ ގެންގޮސްފާނެ ކަމަށް ހީކުރެވޭ އެއްވެސް ކަމެއްގައި ހަންގޭރީ ބައިވެރި ނުވާނެ ކަމަށެވެ.
ނޭޓޯގެ މެމްބަރުކަން ސްވިޑްން އަށް ދިނުމަށް ހަންގޭރީން ދެކޮޅު ހަދަން ފެށި ހިސާބުން އެ ޖަމާޢަތުގެ ތެރޭގައި އޮތީ ހަންގޭރީއަކީ ރަޝިޔާގެ ބައިވެރިއެއް ކަމަށްބުނެ ތުޙުމަތުގެ އިނގިލި ދިއްކުރަން ފަށާފައެވެ. އަދި ހަންގޭރީގެ ބޮޑުވަޒީރު ވިކްޓަރ އޯރބަން ރައީސް ޕޫޓިންގެ ވަރަށް އަރިސް ބޭފުޅެއްކަމަށާއި ނޭޓޯގެ ނިންމުން ތަކުގައި ހަންގޭރީން ދެކޮޅުހަދަމުން ގެންދާ ސަބަބަކީވެސް އެއީ ކަމަށް އެ ޖަމާޢަތުން ތުޙުމަތު ކުރެއެވެ.
ހަންގޭރީން ރަޝިޔާއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިވަމުން ދިއުމަކީ ނޭޓޯއަށް ބޮޑު ނުރައްކަލެއ ކަމަށާއި ބުޑަޕެސްޓުން އެގޮތަށް ކަންތައް ކުރަމުން ގެންދާނަމަ ނޭޓޯގެ ސަލާމަތާ ރައްކާތެރި ކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ވަރަށް ރަނގަޅަށް އެނގޭ ކަމަށް ހަންގޭރީގައި ހުންނަވާ އެމެރިކާގެ ސަފީރު ޑޭވިޑް ޕްރެސްމަން ވަނީ އިންޒާރު ދެއްވާފައެވެ.
ނޭޓޯގެ ގައުމުތަކުގެ ތެރެއިން ޗައިނާއާއެކު އެންމެގާތް ގުޅުމެއް ދަމަހައްޓަމުން ގެންދަނީވެސް ހަންގޭރީންނެވެ. ބުޑަޕެސްޓުން ރޮއިޓާރސް ބުނެފައިވާ ގޮތުގައި ޗައިނާގެ ރައީސް މިވަގުތު އުޅުއްވަނީ ހަންގޭރީއަށް ކުރައްވާ ދަތުރުފުޅެއް ގައެވެ.
މި ދަތުރުފުޅުގައި ހަންގޭރީގެ ބޮޑުވްޒީރު ވިކްޓަރ އޯރބާންއާއި ބައްދަލު ކުރައްވާނެއެވެ. އަދި ދެގައުމުން ގުޅިގެން ކުރިއަށް ދިއުމުގެ އަށާރަ ވަރަކަށް މަޝްރޫއުގެ އެއްބަސްވުން ގާއިމް ކުރެވިގެންދާނެއެވެ.
ޗައިނާއާއި ހަންގޭރީ ސިޔާސީ ގުޅުން ގާއިމް ކުރިތާ މިހާރު 75 އަހަރު ވީއެވެ.
ހަންގޭރީއާއި ސައިބޭރިޔާ އަކީވެސް ރައީސް ޝީ ޖިންޕިން އޭޝިޔާ އެފްރިކާ އަދި ޔޫރަޕް ގުޅުވާލުމަށް ފައްޓަވާފައިވާ ޗައިނާގެ ބެލްޓް ރޯޑުގެ ބައިވެރިންނެވެ.
ޗައިނާގެ ސީ އޭ ޓީ އެލް ( ކޮންޓެމްޕޯރަރީ އެމްޕެރެކަސް ޓެކްނޯލޮޖީ އިން އިން 7.3 ބިލިއަން ޔޫރޯ ބިޔަ މަޝްރޫއެއް މިހާރުވެސް ހަންގޭރީގެ ޑެބްރެކަން ގައި ކުރިއަށްދާއިރު މިދިޔަ އަހަރުގެ ފަހުކޮޅުގައި ޗައިނާގެ އިލެކްޓްރިކަލް ވެހިކަލް އީ ވީ އުފައްދާ ކުންފުނި ( ބިލްޑް ޔުއަރ ޑްރީމް ކޮމްޕެނީ ) ބީ ވައި ޑީ އިން ޔޫރަޕުގައި އެންމެ ފުރަތަމަ ބެޓްރީ އުފައްދުމުގެ ބޮޑު މަޝްރޫއެއް ހަންގޭރީގެ ދެކުނު ޒެޖެޑްގައި ހިނގަމުން އެބަ ދެއެވެ.
ޗައިނާގެ އީ ވީ އާއި ބީ ވައި ޑީ އަކީ މިހާރު އެމެރިކާގެ އިގްތިސާދަށް ކުރިމަތި ވެފައިވާ ވަރަށްބޮޑު ގޮންޖެހުމަކަށް އޮތީ ވެފައެވެ.
ޗައިނާއިން ހަންގޭރީގައި ބެޓްރީ އުފެއްދުމަށް މިހާބޮޑު ސަމާލުކަމެއް ދީފައިމިވަނީ އެގައުމުގައި ބޭނުންކުރާ އެއްގަމުގައި ދުއްވާ އުޅަނދުފަހަރަށް ބޭނުންވާ ބެޓްރީ އެތެރެކުރުމަށް ހިނގާ ޚަރަދު ކުޑަކޮށްދިނުމުގެ ބޭނުމުގައެވެ.
ޔޫރަޕްގެ އެއްގަމުގައި ދުއްވާ އުޅަނދުފަހަރު އުފައްދާ ކުންފުނިތަކުން މިހާރު ފާރަލަމުން ގެންދަނީ ކުރިއަށްއަށް އޮތް ވަރަށް ކައިރި މުސްތަގްބަލެއްގައި ޗައިނާއިން ހަންގޭރީގައި އެއްގަމު އުޅަނދުފަހަރު އުފެއްދުމުގެ މަގު ބަންދުކުރެވިދާނެ ގޮތްތައް ބަންދު ކުރެވޭނެ މަގުތައް ހޯދުމަށެވެ.
ރަޝިޔާގެ ސްޕެޝަލް އޮޕަރޭޝަން ޔޫކުރެއިންގައި ފެއްޓިދުވަހުން ފެށިގެން މިއަދާހަމަޔަށް ނޭޓޯއިން 75 ބިލިއަން ޑޮލަރުގެ އެނހީދީފާވާއިރު ނޭޓޯގެ އެހެނިހެން ބައިވެރީންވަނީ 100 ބިލިޔަނާއި ކައިރިކުރާ ޢަދަދަކަށް ހަތިޔާރާއި ފައިސާގެ އެނހީވެސް ޔޫކުރެއިންގެ ހަނުރާމަޔަށް އޮއްސާފައެެވެ.