އިސްރާއީލު ސިފައިންގެ ނިޔަފަތިތަކުންވެސް ހަނގުރާމަ ކުރެވިދާނެ

Loading

Facebook
Twitter
WhatsApp

ސުރުޚީގައި އެވަނީ އެމެރިކާއިން އިސްރާއީލަށް ފޮނުވަން ހަމަޖެހިފާއޮތް 2000 ރާތަލުގެ 3500 ބޮން އެކުލެވޭ ޝިޕްމެންޓް ނުފޮނުވާގޮތަށް ރައީސް ބައިޑްން އަމުރުކުރެއްވުމާއި ގުޅިގެން އެކަމަށް މަލާމާތް ކޮށްފައި އިސްރާއީލުގެ ބޮޑުވަޒީރު ރައީސް ބައިޑްންއަށް ފޮނުވިމެސެޖުގެ ސުރުޚީއެވެ.                              

ގައްޒާއަށް ޙަމަލާދިނުން ކުރިއަށްގެންދަން ވިސްނާކަމަށްވާނަމަ އެމެރިކާގެ ހަތިޔާރު އިސްރާއީލަށް ފޯރުކޮށްދިނުން ހުއްޓުވަން ޖެހިދާނެ ކަން އަންގަވައި ރައީސް ބައިޑްން ކުރެއްވި އަމުރާ ގުޅިގެން މިދިޔަ ބުރާސްފަތިދުވަހު އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ބޭނުންކުރި މަލާމާތުގެ ބަހުރުވައިގެ ބަސްކޮޅެކެވެ.

 އިސްރާއީލުގެ ސިފައިންނަށް ނިޔަފަތިތަކުންވެސް ގައްޒާގެ ހަނގުރާމަ ކުރިއަށް ގެންދެވޭނެކަމަށް ބުނެ މަލާމާތު މެސެޖެއް ބައިޑަންއަށް ނަތަންޔާހޫ ފޮނުވާފައިވާ ކަމަށް ރޮއިޓާރސް އިން ވަނީ ހާމަކޮށްފައެވެ. ހަތިޔާރު ޝިޕްމެންޓްތައް ހުއްޓުވިކަން ރަސްމީގޮތުން ރައީސް ބައިޑްން އިއުލާންކުރެއްވީ މިދިޔަ ބުދަ ދުވަހުއެވެ.ހަނގުރާމަޔާއި ދެކޮޅު ފަަރާތްތަކުން ތުޙުމަތުކުރާ ގޮތުގައި އެމެރިކާއިން ވަނީ އިސްރާއީލަށް ގައްޒާ ފަނާކޮށް އެނެކްސް ކުރެވޭވަރަށްވުރެ ގިނައިންވެސް ހަތިޔާރު ދީފައެވެ. މިހާރުގެ އެފަތުރާ ނުރުހުމުގެ ބަސްތަކަކީ ދުނިޔެއްއަށް އަދިވެސް އޮޅުވާލެވޭތޯ ބެލުމެވެ.                                    

އެމެރިކާގެ ހަތިޔާރު ޝިޕްމެންޓްތައް ހުއްޓުވިކަން އިސްރާއީލުން ގެންދަނީ ސިއްރު ކުރަމުންނެވެ. ނަތަންޔާހޫ ބުނެފައިވަނީ “ އަހަރެމެން އެކަނި ކުރަންޖެހޭ ކަންތައް ކުރާނީ އަހަރެމެން އެކަންޏެވެ. އޭރުން އަހަރެމެންގެ ސިފައިންގެ ނިޔަފަތިތަކަކީވެސް ބަރު ހަތިޔާރުތަކެއްފަދައިން ވާނެއެވެ. 

އަހަރެމެންގެ ނިޔަފަތި ތަކަށްވުރެން އަހަރެމެންގެ އީމާންކަމުގެ ބާރު މާގަދަވާނެއެވެ. އަހަރެމެންނަށް ނަސްރު ލިބޭނެކަން ކަށަވަރެވެ“.       

ނަތަންޔާހޫ އެމެރިކާގެ ޓެލެވިޒަނަކަށް ދިން ބަސްދީ ގަތުމެއްގައި ބުނެފައިވަނީ ގައްޒާގެ ހަނގުރާމައާއި ގުޅިގެން ރައީސް ޖޯ ބައިޑްންއާއި އެކު އޮންނަ އެކުވެރިކަމަށް އަރާފައިވާ ބުރޫ ވަރަށް އަވަހަށް ނިމުމަކަށް އަންނާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

މީގެ ކުރިންވެސް އަހަރެމެންގެ ވިސްނުމުގައި ހުރި ތަފާތުތައް އޮތީ ނައްތާލެވިފައެވެ. އޭގެ މާނައަކީ އަހަރެމެންގެ ގައުމު ދިފާޢުކުރުމުގައި ކުރަންޖެހޭ ކަންތަކަށް އެހެންމީހުން ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮންނާނެ ވާހައެއް ނޫނެވެ.

އިސްރާއީލުން ބުނަމުން ގެންދަނީ ޙަމާސްގެ އެތައްހާސް ހަނގުރާމަވެރިންނާއި އަދި އިސްރާއީލުގެ ޙަމަލާތަކުގައި ވިއްސިވިހާލި ކޮށްލާފައިވާ ފަލަސްތީނުގެ މިލިއަނަކަށްވުރެންގިނަ އާންމުރައްޔިތުންގެ ތެރޭގައި 7 އޮކްޓޯބަރުގައި ޙަމާސްއިން އަތުލާގަތް ގިނަ ރަހީނުންތަކެއް ހިމެނިފައިވާނެކަމަށެވެ.

ބައިޑްން ސަރުކާރުން ތަކުރާރުކޮށް ބުނަމުން ގެންދަނީ ގައްޒާގެ ރަފާހް ސަރަހައްދުގައި ދިރިއުޅޭ އާންމު ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށްފަހުގައި މެނުވީ އިސްރާއީލުން އެ ސަރަހައްދަށް ޙަމަލާދިނުމަށް ތާއީދު ނުކުރެވޭނެ ކަމަށެވެ

ރަފާހްއަށް ޙަމަލާދިނުމަށް ތާއީދު ކުރި އިސްރާއީލުގެ ހަނގުރާމައާއި ބެހޭ ވަޒީރުންގެ މަޖިލީހުނެ ދެ މެމްބްރުންކަމުގައިވާ ދިފާއީ ވަޒީރު ޔޯވް ގަލަންޓާއި އަދި ކުރީގެ ދިފާއީ ވަޒީރު ބެނީ ގަންޒް ވެސް ރަފާޙްއަށް ޙަމަލާދޭންވީ ފެންވަރަކާ ދޭތެރޭ ވާހަކަ ދައްކާ ފައެއް ނުވެއެވެ.

ދިފާއީ ވަޒީރު ގަލަންޓް ދެއްކި ވާހަކައިގާ ބުނެފައިވަނީ “ އަހަރެން އިސްރާއީލުގެ ދުޝްމިނުންނާއި އިސްރާއީލުގެ އެންމެގާތް އެކުވެރިންނާ މުޚާތަބުކޮށް މި ބުނަނީއެވެ.އަހަރެމެންގެ ސަފުތައް އެކުގައި ތިބުމުން އަހަރެމެންގެ ބާރު އުނިވެގެން ނުދާނެއެވެ. ޙަމާސް އަށާއި ލެބަނަންގެ ހިޒްބުﷲ އަށް އަހަރެމެން ޙަމަލާދީ އެބައިމީހުން ދުނިޔެއިން ނައްތާ ލާނަމެވެ. އަހަރެމެން ކާމިޔާބު ކުރާނަމެވެ. އަހަރެމެންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރާނަމެވެ“.                

ގަންޒުގެ ވާހަކައިގާ އިސްރާއީލު މިލިޓްރީގެ ހުރިހާ ޙަރަކާތަކަށް ފުރިހަމައަށް ތާއީދު ކުރާ ކަން ހާމަކުރިއެވެ. އިސްރާއީލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައިއިސްރާއީލުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު ތަކެއް އެބައޮތެވެ.

އެ މަސްއޫލިއްޔަތު އިސްރާއީލުން ފުރިހަމައަށް އަދާކުރާނެއެވެ. މި ކަމުގައި އެމެރިކާއިން އަދާކުރަންޖެހޭ މަސްއލިއްޔަތު ތަކެއްވެސް އެބައޮތެވެ. އެމެރިކާއަށް އެކަމުން ރެކެވޭނެ ގޮތެއް ނޯންނާނެއެވެ.

މިސްރާއި ގަތަރާއެކު އެމެރިކާއިން ކުރިއަށް ގެންދާ ހަނގުރާމަހުއްޓުވުމުގެ މަޝްވަރާތަކުގައި އިސްރާއީލުން ބައިވެރި ވުމަށްފަހު ޙަމާސްގެ ހުށައެޅުންތަކަށް ފުރަގަސްދީ އެ މަޝްވަރާތަކުން ވަނީ ވަކިވެފައެވެ. އަދި އެއަށްފަހު ރަފާހްއަށް ހަމަލާދޭން ފެށީއެވެ. 

އިސްރާއީލުގެ މިލިޓްރީންގެ އެންމެ އިސް ތަރުޖަމާނު ބުނެފައިވަނީ އިސްރާއީލުން ގަސްދުކޮށްފައިވާ ގޮތަށް ރަފާހް އަށް ހަމަލާދޭނެ ކަމަށާއި އަދި އެމެރިކާއިން ހަތިޔާރު ނުދިނަސް އިސްރާއީލް ސިފައިން އަތުގައި ބޭނުންވާ ހުރިހާ ހަތިޔާރެއް އެބަހުރި ކަމަށެވެ.

އެސޯޝިއޭޓެޑް ޕްރެސްއިން ހުކުރުދުވަހު ވޯޝިންގްޓަނުން ހާމަކޮށްފައިވާ ގޮތުގައި އިސްރާއީލުން ގައްޒާއަށް ދެމުންގެންދާ ޙަމަލާތަކުގައި ބައިނަލް އަގްވާމީ ގާނޫނުތަކާ ޚިލާފަށް އެމެރިކާގެ ހަތިޔާރު ބޭނުންކުރަމުން ގެންދާކަން އެކަށީގެންވާ މިންވަރަށް ހެކި ލިބިފައިވާކަމަށް ބުނެފިއެވެ.

އެހެންނަމަވެސް ހަނގުރާމައިގެ ޙާލަތު އޮތް ގޮތުން އަދި މިހާތަނަށް އެކަން ކަށަވަރު ކުރެވިފައެއް ނެތެވެ. މި މަޢުލޫމާތުތައް ހާމަކޮށްދީފައިވަނީ ކޮންގްރެސްއިން ހުކުރުދުވަހު ނެރެފައިވާ ސަމަރީ ރިޕޯރޓެއްގައި ކަމަށް މީޑިއާއިން ބުނެފައިވެއެވެ.

އިސްރާއީލުގެ މިލިޓްރީއަށް ޓެކްނޯލޮޖީއާއި ވަސީލަތުގެ ގޮތުންވެސް ހަނގުރާމައިގެ މައިދާނުގައި އާންމުންނަށް ލިބިދާނެ ގެއްލުންތައް ކުޑަކުރުމުގެ ހުރިހާ ގާބިލުކަމެއް ލިބިފައިވާއިރުވެސް ގައްޒާގެ ހަނގުރާމައިގާ ގެންދަނީ އެއްވެސް އިސްތިސްނާއެއްނެތި ހަމަލާދެމުންކަން އެމެރިކާގެ އޮފިޝަލުންނަށް އެނގޭކަމަށް ވެއެވެ.      

އިސްރާއީލުން ފަލަސްތީނާދޭތެރޭ ކަންތައްކުރާ ގޮތުގެ މިސްރާބުގައި އެކުލެވިފައިވާ ހަރުކަށިކަން ނައްތާލައި މެދުމިނުގެ އުސޫލުތަކެއްގެ މައްޗަށް އަލުން ސިޔާސަތު އެކުލަވާލުމަށް ބާރު އަޅުއްވައި ފަހަކަށް އައިސް އެމެރިކާއިން އިސްރާއީލަށް ހަތިޔާރު ވިއްކުން ހުއްޓުވައި އަދި ފައިސާގެ އެހީތައް މެދުކަނޑާލައްވައި ފިއްތުންތައް ކުރިމަތި ކުރެއްވި ހަމައެކަނި ރައީސުންނަކީ 1980 އިން 1990 ގެ އަހަރުތަކާ ދޭތެރޭ ރޮނާލްޑް ރޭގަންއާއި އެޗް އަބްލިޔޫ ބުޝް އެވެ.    

Loading

2 Responses

  1. ބައިޑަންބެ ދެބޯގެރި ދުއްވަނީ. ބޭނުންވާ ވަރަށްވުރެ އިތުރަށްވެސް ހަތިޔާރާއި ފައިސާ ނަތެންޔާހޫއަށް ދީފަ އެހުންނަނީ. އެއީ ދައްޖާލެއް.

  2. ސާރިދޯޅުންގެ ނިޔަފަތިތަކުން ޝިކާރަކުރުން އެއީ ވަރަށް ކުރިއްސުރެން އަޑުއަހަމުން އަންނަ ވާހަކައެކެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް