ފަރުތަކުން ގާ ހުދުވާތީވެ، ބިން ހިއްކުން މަޑު ޖައްސާލަން އެދިއްޖެ

Loading

Facebook
Twitter
WhatsApp

ފަރުތަކުން ގާ ހުދުވަމުންދާތީވެ، ބިން ހިއްކުމުގެ މަޝްރޫޢުތައް ވަގުތީ ގޮތުން ހުއްޓާލަން އެންވަޔަރަމެންޓަލް ޕުރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން އެދިއްޖެއެވެ. 

އީޕީއޭއިން ނެރުނު އިއުލާނެއްގައި ބުނީ، މި ދުވަސްވަރަކީ ކަނޑުތަކުގެ ލޮނުގަނޑުގެ ހޫނުމިން މަތިވުމުގެ ސަބަބުން ފަރުތަކުން ގާހުދުވަމުންދާ ދުވަސްވަރެއް ކަމަށާއި ރާއްޖޭގެ ފަރުތަކުން ފުޅާ ދާއިރާއެއްގައި ގާ ހުދުވުމުގެ ހާދިސާއެއް އެންމެ ފުރަތަމަ ފަހަރަށް 1998 ވަނަ އަހަރު ފާހަގަ ކުރެވުނު ފަހުން، މިފަދަ ހާދިސާތައް މެދުވެރިވާ މިންވަރު ގާތްވަމުން އަންނަ ކަމަށެވެ. 

އެގޮތުން މިފަދަ ދުވަސްވަރެއްގައި ހިންގޭ ހަރަކާތްތަކުން ފަރުތަކަށް ކުރާ އަސަރުގެ ސަބަބުން ފަރުތައް އަލުން އިއާދަވާ މިންވަރު ލަސްވެ އަދި އިއާދަވުމަށް ހުރަސް އެޅުމަކީ އެކަށީގެންވާ ކަމަށް އީޕީއޭ އިން ބުނެފައި ވެއެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރެވުމުންދާ ފަޅު ފުން ކުރުމާއި ބިން ހިއްކުމުގެ މަސައްކަތްތަކާއި، ބީޗް ނަރިޝްމަންޓް މަސައްކަތްތަކަކީ، މި މަސައްކަތްތަކުގެ ސަބަބުން ފަރުތަކުގެ މާހައުލަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަންކަން ކަމަށް އީޕީއޭ އިން ބުނެފައި ވެއެވެ. 

ދުނިޔޭގެ ކަނޑުތަކުގެ ފިނި ހޫނުމިނާއި ކަނޑުތަކުގެ ހޫނުމިން މަތިވުމުގެ ސަބަބުން ފަރުތަކުގެ ގާހުދުވުމުގެ ހާދިސާތައް ކުރިއާލައި ލަފާ ކުރުމަށް އެމެރިކާގެ ނޭޝަނަލް އޯޝިއޭނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން (NOAA) އިން ހިންގާ ”ނޭޝަނަލް އެންވަޔަރަންމަންޓަލް ސެޓަލައިޓް ޑޭޓާ އެންޑް އިންފޮރމޭޝަން ސަރވިސް“ ޕްރޮގްރާމުން އެންމެ ފަހުން ނެރެފައިވާ ސެޓަލައިޓް މައުލޫމާތަށް ބަލާއިރު ރާއްޖެ މި ވަގުތު އޮތީ ”އެލާރޓް ލެވަލް 1“ ގައި ކަމަށް އީޕީއޭ އިން ހާމަކުރެއެވެ. 

ހަމަ އެހެންމެ ރާއްޖޭގެ ގިނަ ސަރަހައްދުތަކަކުން ގާހުދުވާ ކަމުގެ ރިޕޯޓާއި އެކަމާއި ގުޅޭ މަޢުލޫމާތު ލިބެމުން އަންނަ ކަމަށާއި ދިވެހި ރައްޔިތުންގެ ދިރިއުޅުމާއި ސީދާ ގޮތުންނާއި ނުސީދާ ގޮތުން ފަރުތައް ގުޅިލާމެހިފައިވީ ހިނދު، ދުނިޔޭގެ ފިނިހޫނުމިން މަތިވުމާއި ގުޅިގެން މެދުވެރިވާ ހާދިސާތަކުގެ ސަބަބުން ފަރުތަކަށް ކުރާ އަސަރު ކުޑަ ކުރުމަށް ކުރެވެން އޮތް އެންމެހައި ކަމެއް ކުރުމަކީ ރާއްޖޭގެ ފަރުތައް ދެމެހެއްޓުމަށާއި، ފަރުތަކުގެ މައްޗަށް ބަރޯސާވާ ރާއްޖޭގެ އިޤްތިޞާދުގެ މައި ދެ ތަނބުކަމަށްވާ ފަތުރުވެރިކަމާއި މަސްވެރިކަމަށް ކޮށްފާނޭ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް މުހިންމު ކަމެއް ކަމަށް އީޕީއޭ އިން ބުނެފައި ވެއެވެ. 

އެހެންކަމުން ދިވެހިރާއްޖޭގެ ސަރަހައްދު އޮތީ ”އެލާޓް ލެވަލް 1“ ގައި ކަމަށްވެފައި ގިނަ އަދަދަކަށް ގާ ހުދުވަމުންދާ ކަމަށް ރިޕޯޓް ލިބެމުންދާތީ އަންނަ މަހު 10ގެ ނިޔަލަށް ބިން ހިއްކުމުގެ މަޝްރޫޢުތައް ހުއްޓާލުމަށް އީޕީއޭ އިން ވަނީ އަންގާފައެވެ.

މީގެ އިތުރުން ފަޅުކޮނުން، ގޮނޑުދޮށަށް ވެލިއެޅުން، ޕަމްޕު ބޭނުންކޮށްގެން ވެލި ނެގުން، ފަރުމަތީ ހޮޅި އަދި ކޭބަލް އެޅުން، ބަންޑުވޯލް ޖެހުން އަދި މިނޫނަސް މެޝިނަރީ ބޭނުންކޮށްގެން ފަރުމަތީގައި މަސައްކަތް ކުރުމާއި މި މަސައްކަތްތަކަށް ކުރާ އަސަރު ދެނެގަތުމަށް އެންވާރްމަންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހެދުން ވެސް އެ އިއުލާނުގެ ދަށުން އީޕީއޭއިން ވަނީ މަނާކޮށްފައެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް