މިޝިގަން ޔުނިވާސިޓީގެ ގްރެޖުއޭޝަންގައި އިސްރާއިލާއި ގުޅުން ކަނޑާލުމަށް ގޮވާލާ ދަރިވަރުން އަޑުއުފުލައިފި  

Loading

Facebook
Twitter
WhatsApp

މިޝިގަން ސްޕްރިންގް ޔުނިވާސިޓީން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެ ޔުނިވާސިޓީގެ ގްރެޖުއޭޝަން ހަފްލާގައި އިޒްރޭލާ ގުޅުން ކަނޑާލުމަށް ގޮވާލާ ފަލަސްތީނަށް ތާއީދުކުރާ ދަރިވަރުން އަޑުއުފުލައިފިއެވެ.  

އެގޮތުން މިޝިގަން ސްޓޭޑިއަމްގައި ބޭއްވި މި ރަސްމިއްޔާތުގައި ފަލަސްތީނަށް ތާއީދުކުރާ އެކްޓިވިސްޓުން ވަނީ ނަސްލެއް ނައްތާލުމަށް އިޒްރޭލުން ފަލަސްތީނުގައި ހިންގަމުން އަންނަ ޖަރީމާއަށް ފަންޑުކުރުން ހުއްޓާލުމަށް ގޮވާލާފައެވެ.

މި ހަރަކާތުގައި ގްރެޖުއޭޝަން ކެޕްތަކުގައި ތިބި ދަރިވަރުން ހަނގުރާމައާ ދެކޮޅު މެސެޖުތައް ގޮވައި ފަލަސްތީނުގެ ދިދަ އުފުލާ  މަންޒަރު ފެންނަ ފޫޓޭޖްތަކެއް ވަނީ ވައިރަލް ވެފައެވެ.

ނިއުޔޯކް ޓައިމްސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މިޝިގަން ސްޓޭޑިއަމުގެ މަތިން ”ފަލަސްތީނު މިނިވަން ކުރޭ“ ލިޔެފައިވާ ލިޔުންކޮޅަކާއެކު ޕްލޭނެއް އުދުއްސާފައި ވާއިރު އިސްރާއީލަށް ތާއީދު ކުރާ ފަރާތްތަކުންވެސް ވަނީ ’އަހަރެމެން މިތިބީ އިސްރާއީލާ އެކު‘ ކަމަށް ބުނެފައިވާ ލިޔުންކޮޅަކާއެކު ޕްލޭނެއް އުދުއްސާފައެވެ. 

އެންބީސީ ނިއުސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި މުޒާހަރާ ކޮށްފައި މިވަނީ އެމެރިކާގެ 70 އަށް ވުރެ ގިނަ ކޮލެޖް ކެމްޕަސްތަކުން ފަލަސްތީނުގެ 2،300 އަށް ވުރެ ގިނަ ސަޕޯޓަރުން މި ހަފުތާގައި ހައްޔަރުކޮށްފައިވާ ދަނޑިވަޅެއްގައެވެ. 

މިގޮތުން އެކި ފަހަރު މަތިން ދަރިވަރުންނާއި އެކްޓިވިސްޓުން އަމުރަށް ތަބާ ނުވުމުން ފުލުހުން ވަނީ ސްޓަން ގްރެނޭޑާއި ޕެޕާ ސްޕްރޭ ބޭނުންކޮށްފައެވެ. 

ވައިޓް ހައުސްއިން ބުރާސްފަތި ދުވަހު ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ ”މުޒާހަރާ ކުރުމުގެ ހައްޤު އޮންނާނެ، އެކަމަކު ހަމަނުޖެހުން އުފެއްދުމުގެ ހައްގެއް ނޯންނާނެ،“ ކަމަށެވެ. 

އިސްރާއިލުން ފަލަސްތީނުގައި ހިންގަމުން އަންނަ ހަމަ ނުޖެހުންތައް ގާތްގަނޑަކަށް ހަތް މަސް ދުވަހަށް ދެމިގެން ގޮސްފައި ވާއިރު ފަލަސްތީނުގެ 34،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

ހަމާސް އާއި އިސްރާއީލާ ދެމެދު ކުރިމަތިލުންތައް ފެށުނީ މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ފަލަސްތީނުގެ ހަނގުރާމަވެރިން އިސްރާއީލުގެ ސަރަހައްދަށް ކުއްލި ގޮތަކަށް ވަދެ 1،200 އެއްހާ މީހުން މަރާލައި، 200 އަށް ވުރެ ގިނަ މީހުން ރަހީނު ކުރުމުންނެވެ. 

Loading

One Response

  1. ސާބަހޭ އެމެރިކާ ކުދިންކޮޅަށް. ވިއެޓްނާމް ހަނގުރާމަޔާއި ދެކޮޅުހެދީވެސް ހަމަ ދަރިވަރުންނެވެ. ދެން އެހެން ފަންތީގެ މީހުނެވެ. ޖެހުނީ ވިއެޓްނާމް ހަނގުރާމަ ހުށްޓާލާށެވެ. ވީމާ އެއްވާމަކަށް ހިފަހަށްޓުވާ އެމެރިކާ ހަމަމަގަށް އަޅުވަން މަޖްބޫރުވެއްޖެއެވެ. އެހެނީ އެމެރިކާ ހަމަމަގަށް ނޭޅުވިއްޖެނަމަ ދުނިޔެ ގޮވާނެއެވެ. ހުރިހާ ނުބައެއްގެ ރަސްގެފާނަކީ އެމެރިކާ އާއި އިނގިރޭސިންނާއި ނޭޓޯގެ އިސްވެރީންނެވެ. ވީމާ ރައްޔަތުންގެ ބާރު އެބަ ދައްކެން ޖެހެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް