މި ސަރުކާރުން އަބަދުވެސް ތިބޭނީ ފަލަސްޠީނުގެ ރައްޔިތުންގެ ދިފާޢުގައި: ހީނާ

Loading

Facebook
Twitter
WhatsApp

މި ސަރުކާރުން އަބަދުވެސް ތިބޭނީ ފަލަސްޠީނުގެ ރައްޔިތުންގެ ދިފާޢުގައި ކަމަށާއި، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ދިވެހި ސަރުކާރުން ކުރައްވަންޖެހޭ ކޮންމެ ކަމެއް މި ސަރުކާރުން ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. 

ހީނާ މިހެން ވިދާޅުވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި، ނޫސްވެރިއެއްގެ ސުވާލަށް ޖަވާބު ދެއްވަމުންނެވެ. 

ހީނާގެ ވާހަކަފުޅު މި މޭރުމުން ކުރިއަށްގެންދަވަމުން ދާދިފަހުން ރާއްޖޭގެ ފަރާތުން ބައިނަލްއަޤުވާމީ ޕްލެޓްފޯމްތަކުގައި ތަޤުރީރު ކުރެއްވި ދެ ވަޒީރުންގެ ވާހަކަފުޅުތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. 

އެގޮތުން އ.ދ. ގެ އާންމު މަޖިލީހުގެ 78 ވަނަ ބައްދަލުވުމުގައި މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް، ޑރ. ޢަލީ ޙައިދަރު އަޙްމަދުގެ ވާހަކަފުޅުގައި އެންމެ ވޯޓަކުން ވީޓޯކުރުމުގެ ބާރު ލިބޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ދެއްކެވި ވާހަކަފުޅާއި، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) އިން އިންތިޒާމްކޮށްގެން ގެމްބިޔާގެ ވެރިރަށް ބަންޖުލްގައި ކުރިއަށްގެންދިޔަ، އިސްލާމީ ޤައުމުތަކުގެ އެންމެ އިސްވެރިންގެ 15 ވަނަ ސަމިޓު (އިސްލާމިކް ސަމިޓު) ގައި ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދެއްވުމަށް، ރައީސް މުޢިއްޒުގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން ސަމިޓުގައި ބައިވެރިވެވަޑައިގެންނެވި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ގޮވާލައްވާފައިވާކަން ފާހަގަކުރެއްވިއެވެ.

ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލު ކުރެއްވުމުގައި ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ވަނީ ސަރުކާރުގެ ވަޒީރުން މި މަހު ކުރައްވަން ހުރި ދަތުރުފުޅުތަކާ ބެހޭ މަޢުލޫމާތު ނޫސްވެރިންނާއި ޙިއްޞާކުރައްވާފައެވެ. 

މި ދަތުރުތަކުގެ މަންޒިލްތައްވެސް ޙިއްޞާކުރައްވައި، މި ދަތުރުތަކާ ގުޅޭ އިތުރުމަޢުލޫމާތުތައް އެ މިނިސްޓްރީތަކުން ލިބިވަޑައިގަންނަވާނެ ކަމަށް ހީނާ ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި، ސަރުކާރުން ރައްޔިތުންނަށް ފަސޭހަކަމާއެކު އަދި ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ސަރުކާރުގެ މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތުތައް ފޯރުކޮށްދެއްވުމަށް ކުރައްވަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވައިލެއްވެވިއެވެ.

އެގޮތުން ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ވިދާޅުވީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުންތަކުގައި ނިންމާ ނިންމުންތައް ފެންނާނެ ވެބްސައިޓެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، ސަރުކާރުގެ ހުރިހާ އޮފީސްތަކުންނާއި ކުންފުނިތަކުން ހިންގާ ހުރިހާކަމެއް، ފޮޓޯ އަދި ވީޑިއޯވެސް ހިމެނޭހެން ހުރިހާ މަޢުލޫމާތުތައް އެއްތަނަކުން ފެންނާނެ ނިޒާމެއް ޤާއިމުކުރުމަށް މަސައްކަތް ކުރައްވާ ކަމުގައެވެ. 

މިގޮތުން މި އިންތިޒާމުތައް އެކުލެވިގެން ތައްޔާރުކުރައްވާ ވެބްސައިޓް މި މަސް ނިމޭހާތާނގައި ރައްޔިތުންނަށް ފެންނާނެ ވަރުކުރުމަށް މަސައްކަތް ކުރައްވާކަމުގައި ހީނާ ވަލީދު ވިދާޅުވިއެވެ. 

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ސުވާލާ ޖަވާބު ޕްރޮގްރާމް މިހާތަނަށް ގެނެސްދެއްވަމުން އައި ގޮތުގެ މައްޗަށް ބައްލަވާލައްވައި ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ވިދާޅުވީ މި ޕްރޮގުރާމުގައި ބައިވެރިވުމަށް ގިނަ ރައްޔިތުންނަށް ފުރުޞަތު ފަހިކުރުމަށާއި، ރައްޔިތުންނަށް ހަމަހަމަ ފުރުޞަތުތަކެއް ފޯރުކޮށްދެއްވުމުގެ ގޮތުން ރައީސްއާއި ކުރައްވަން ބޭނުންފުޅުވާ ސުވާލުތައް ވީޑިއޯ މެދުވެރިކޮށް ކޮންމެ ބޭފުޅަކަށްވެސް ފޮނުވޭނެ ނިޒާމެއް ޤާއިމު ކުރުމުގެ މަސައްކަތް ކުރައްވާ ކަމުގައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް