މެދުއިރުމަތީގެ މަސްލަޙަތު ފުޅާދާއިރާއެއްގައި އެޑްރެސް ކުރެވޭގޮތަށް އޭގައި ފަލަސްތީނާއި އަދި އިސްރާއީލުވެސް ހިމެނޭ ގޮތުގައި އެމެރިކާއާއި ސަޢޫދީ އެރޭބިޔާ ގުޅިގެން ސަޢޫދީ ޕްލޭން ބީ ގެ ނަމުގައި އެއްބަސްވުމެއްގެ ދެލި ކޮޕީއެއް އެކުލަވާލައިފި ކަން ދެފަރާތުންވެސް ހާމަކޮށްފިއެވެ.
އެހެންނަމަވެސް ފަހުގެ ރިޕޯޓްތަކުން ބުނާގޮތުގައި ގައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށާއި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް އިސްރާއީލުގެ ސަރުކާރުންނާއި އަދި ބޮޑުވަޒީރު ނަތަންޔާހޫ ގަދައަށް ދެކޮޅުހަދަމުން ގެންދާތީ އެ ދެލިކޮޕީއާއި ގުޅޭގޮތުން ބާއްވާ މަޝްވަރާތަކުގައި އިސްރާއީލުން ބައިވެރިކުރުވާކަށް ސަޢޫދީ އެރޭބިޔާ ބޭނުމެއް ނުވެއެވެ.
އެމެރިކާއާއި ސަޢޫދީ އެރޭބިޔާގެ އެއްބަސްވުމުގެ ދެލިކޮޕީއަށް ކުރެވޭ މަޝްވަރާތަކުގައި އިސްރާއީލު ބައިވެރި ނުކޮށް ދެ ގައުމުން އެއްބަސްވުމަށްފަހު ފޯރމަލް ހުށައެޅުމެއް އިސްރާއީލަށް ފޮނުވޭނޭކަމަށް ބުނެފައިވެއެވެ. އެއީ ހުޅަނގު އައްސޭރިއާއި ގައްޒާ ހިމެނޭ ގޮތުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމާއިބެހޭ އެއްވެސް ކަމެއްގައި އަލުން އަނބުރާ ހޭރިޔާ ނުކުރެވޭނެ ބިންގަލެއްގެ މައްޗަށް އިސްރާއީލުގެ ޚާރިޖީ ސިޔާސަތު ކަނޑައެޅުމަށްޓަކައެވެ. އެމެރިކާއިން ދެކޭ ގޮތުގައި އެފަދަ ޚާރިޖީ ސިޔާސަތެއް އެކަށައެޅުމަށް އިސްރާއީލުން އެއްބަސްވުމަކީ ވަރަށް ދުރުކަމެކެވެ.
އެމެރިކާއާއި ސަޢޫދީގެ ޑްރާފްޓް އެއްބަސްވުމުގައިވާ ގޮތުން ސަޢޫދީގައި ސިވިލް ނިއުކްލިއަރ ހަކަތައިގެ އިންޑަސްޓްރީއަކާއި އެންމެ މަތީ ފެންވަރުގެ އާރޓިފިޝަލް އިންޓެލިޖެންސް އާއި ކުރިއަރަމުން އަންނަ ޓެކްނޯލޮޖީތަކަށް އޭރުން އެމެރިކާއިން މަގުފަހިކޮށްދޭނެއެވެ.
76 އަހަރު ވެފައިވާ ފަލަސްތީނުގެ މައްސަލާގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފައްދަން އެއްބަސްވުން ޝަރުތުކޮށް އިސްރާއީލާއި ސަޢޫދީން ސިޔާސީ ގުޅުން ގާއިމް ކުރުމުގެ ދައުވަތެއް ފޮނުވޭނެއެވެ. އެހެންނަމަވެސް އެމެރިކާއާއި ސަޢޫދީ އެރޭބިޔާގެ މި އެއްބަސްވުން އިސްރާއީލުން އެމެރިކާއަށްދޭ ޔަގީން ކަމެއްގެ މައްޗަށް ނުވަތަ އެމެރިކާއާއި އިސްރާއީލާއި ދެމެދު ވެވޭ އެއްބަސްވުމެއްގެ މައްޗަކަށް ނުނިންމޭނެކަމަށް ސަރަޙައްދުގެ ސިޔާސި މުފައްކިރުން ބުނެއެވެ.
މިހާރު ފެންނަމުންދާ މަންޒަރުތަކުން ހާމަވެގެންދާ ފަދައިން އިސްރާއީލުން ބުނާހާ އެއްޗަކަށް އެމެރިކާއިން ބޯލަނބަމުން ގެންދާ އުސޫލުން އެމެރިކާއަކީ އިސްރާއީލުން ރަހީނުކޮށްގެން ގެންގުޅޭ ދައުލަތަކަށްވިޔަސް ސަޢޫދީ އެރޭބިޔާއާއި އެކު ކުރެވޭ އެއްބަސްވުމުގައި އެފުރުސަތު ލިބިދީގެން ނުވާނެކަމަށް ދެކެއެވެ.
ސަޢޫދީން ސަރަޙައްދުގެ ބޮޑުބޭބެއެއްގެބައި ކުޅެން ބޭނުންވާ މިއެއްބަސްވުމަށް އެމެރިކާ ސަރުކާރުން އަދި ވަކިން ޚާއްސަކޮށް ކޮންގްރެސް އިން ރުހުން ލިބޭނެކަމާއި ދޭތެރޭ ވަރަށް ބޮޑަށް ޝައްކު އުފެދެއެވެ. ސަޢޫދީ އެރޭބިޔާއާއި ޗައިނާގެ ގުޅުން ސަޢޫދީން އެއްފަރާތްކުރާނެ މިންވަރަކާއި އީރާނާއި ޗައިނާގެ ގުޅުން ހަލާކު ކޮށްލަން ސަޢޫދީން ކުރެވޭނީ ކޮންކަމެއްތޯ ކޮންގްރެސްއަށް އެމެރިކާ ސަރުކާރުން ހެއްކާއެކު ސާބިތުކޮށްދިނުމަށް އަންގާނެއެވެ. އަދި އެކަމެއް ނުވެސް ކުރެވޭނެއެވެ. އެހެނީ އިސްރާޢީލުން ކުރަމުންގެންދާ ފަނާކުރަނިވި ހަނގުރާމަޔަކީ އެމެރިކާ ބޭނުންވާގޮތަށް އެމެރިކާއިން ހަތިޔާރާއި ނަގުދު ދީގެން ހިންގާ ޖަރީމާތަކަށް ވާތީއެވެ.
ވީރާނާ ކޮށްލާފައި ގައްޒާގެ މައްސަލާގައި އާންމުކޮށް އެމެރިކާއިން ބޭނުންކުރަމުންގެންދާ ސަރަހައްދީ މަސްލަޙަތު މިބަސް ބޭނުން ކުރުމުގެ ބަދަލުގައި މިއީ ސަޢޫދީ އެރޭބިޔާއާއި އެމެރިކާގެ ގުޅުންވަރުގަދަ ކުރުން ކަމުގައި ބުނަން ކެރެން ޖެހޭނެއެވެ. ސަޢުދީ އެރޭބިޔާ އިންވެސް މިކަމުގެ ތެރެއަށް ޗައިނާ އާއި ރަޝިޔާ ގެ ނުފޫޒު ނުވައްދާނެއެވެ.
ޚާރިޖީ ވަޒީރު ބްލިންކަން މިހާރު ސަޢޫދީ އެރޭބިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ މައިގަނޑު މަގްސަދަކީ މިއެއްބަސްވުމުގެ މާއްދާތަކަށް އެއްބަސްވުމުގެ ސިއްކަ ޖެހުން ކަމުގައިވިޔަސް އެންމެ ފަހުގެ ޚަބަރު ތަކުގައި ބުނެފައިވަނީ “ ގާތްގަނޑަކަށް އެއްބަސްވުން ނިމުމަކަށް އައިސްފައިވާ “ ކަމަށެވެ.
މިހާރު ނިންމަން ޖެހިފައިވަނީ ހަމައެކަނި 2 ނުކުތާއެކެވެ. އެއީ ގައްޒާއަކީ އެއްވެސް ކަހަލަ ކޯޅުމެއްނެތް ސަލާމަތާއި އަމާންކަން ލިބިފައިވާ ސަރަހައްދަކަށް ހެދުމާއި ފަލަސްތީނުގެ މިނިވަން ދައުލަތް އުފެއްދުންދެވަނަ ވިސްނުމަކަށް ޖާގަ ނުލިބޭ ނިންމުމަކަށް ވެގެންދިއުން ކަމުގައިޚާރިޖީ ވަޒީރު ބްލިންކަންއަށް ޙަވާލާ ދީ މީޑިއާތަކުން ބުނެފައިވެއެވެ. އެމެރިކާއިން ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމުގެ މައްސަލައިގާ އަބަދުވެސް ގެންގުޅެމުންދާތަން ފެންނަނީ މާބޮޑަށް ފަހަތުފަޔަށް ކޮރުޖަހަމުން ދުރުދުރުން ހިނގަމުންދާތަނެވެ. ފެނިފާވަނީ ބުނާ ބަހާއި ކަންކުރާގޮތް އެއްގޮތަކަށްވެސް ދިމާވެފާ ނެތްތަނެވެ.
އެބުނާ އެއްބަސްވުމުގެ މާއްދާތަކުގައި ޚިލާފު އުފެދިފައިވަނީ ސަޢޫދީ އެރޭބިޔާއިން އިސްރާއީލާއި އެކު ސިޔާސީގުޅުން ގާއިމް ކުރުން ފަލަސްތީނުގެ މިނިވަން ދައުލަތް އުފެއްދުން ޝަރުތު ކޮށްފައިވާތީ ކަމަށް ޚާރިޖީ ވަޒީރު ބްލިންކަން ވިދާޅުވިއެވެ.
މަޢުލޫމާތު އެނގޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި އެމެރިކާގެ އެހީގައި ސަޢޫދީން ބިނާކުރަން ގަސްދުކުރާ ނިއުކްލިއަރ ޕްލާންޓްގައި ޔުރޭނިއަމް ފައްކާކުރުމުގެ ވިސްނުން ސަޢޫދީ އެރޭބިޔާއިން ގެންގުޅެއެވެ.
މިހާރުވެސް އީރާނުން ނިއުކްލިއަރ ހަތިޔާރު އުފައްދާނަމަ ސަޢޫދީންވެސް އެކަން ކުރާނެ ކަމަށް ދޭތެރެ ދޭތެރެއިން ވަލީ އަޙްދު މުޙައްމަދު ބިން ސަލްމާނު (އެމްބީއެސް) ގެންދަވަނީ ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ވިދާޅުވަމުންނެވެ.
އެހެންނަމަވެސް އެމެރިކާއިން އެކަމަށް މަގު ފަހިކޮށްދޭނެ ކަމަކަށް އަދި ނުބުނެއެވެ. އެމެރިކާގެ ވިސްނުމަކީ އެހެން ގޮތަކަށް އެކަންތައް ޙައްލުކުރުމެވެ. އެއީ ދެކުނު ކޮރެޔާގައި އެމެރިކާއިން ގާއިމް ކޮށްދީފައިވާ މިންވަރަށް ނޭޓޯގެ އާރޓިކްލް 5 ގައި ބުނެފައިވާ މިންވަރަށްވުރެން ދަށްކޮށް ނުވަތަ މެދުއިރުމަތީގެ ދިފާއަށްޓަކައި ސަޢޫދީ އެރޭބިޔާއަށްކޮންމެހެން ބޭނުންވެދާނެ މިންވަރު ކަމަށްވެސް ވެދާނެއެވެ.ހަމަގައިމުވެސް އިސްރާޢީލުގެ މައްޗަށް އެއްވެސް ބަޔަކަށް ގަދަވެވޭވަރަކަށް އެމެރިކާގެ އެނހީތެރިކަމެއް ފޯރުކޮށެއް ނުދޭނެއެވެ.
ސަޢޫދީ އެރޭބިޔާއިން މެދު އިރުމަތީގައި ހައި-ޓެކް ހަބަކަށް ވުމަށް އުންމީދުކުރަމުން އަންނާތީ އާރޓިފިޝަލް އިންޓެލިޖެންސް ތަރައްގީކުރުމަށްޓަކައި ބޭނުންވާ ކޮމްޕިއުޓަރ ޗިޕްސް އެމެރިކާއިން ސަޢޫދީ އެރޭބިޔާއަށް އެކްސްޕޯރޓް ކުރުމުގައި ލުއިތަކެއް ހަމަޖައްސައި ދެވޭނެއެވެ.
ސަޢޫދީއަށް ބޭނުންވާ ސަލާމަތާ ބެހޭ ހުރިހާ ކަންތައްތަކެއް ހަމަޖައްސައިދީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުންވެސް ފުރިހަމަކުރުމުގެ ހަދިޔާއެއްގެ ގޮތުން ސަޢޫދީ އެރޭބިޔާއިން އެމެރިކާބޭނުންވަނީ މެދުއިރުމަތީގައި ޗައިނާއާއި ގުޅިފައިވާ އިރާނުގެ ބާރު ކަނޑުވާލަން އެހީތެރިވެ ދިނުމެވެ.
ފަހަކަށް އައިސް ސަޢޫދީ އެރޭބިޔާއަށް ބޭނުންވާ ގިނަ ހަތިޔާރުތަކެއްގަންނަމުންދަނީވެސް ޗައިނާއިންނެވެ. އަދި މިދިޔަ އަހަރު މާރޗް މަހުގެ ތެރޭގައި ޗައިނާއިން އިސްދައުރެއް އަދާކުރުމާއިއެކު އީރާނާއި ސަޢޫދީ އެރޭބިޔާ ސިޔާސީ ގުޅުން އަލުން ގާއިމްކުރުން ވެގެންދިޔައީ އެމެރިކާއަށް އުފުލޭވަރުގެ ބުރައަކަށް ނޫނެވެ.
މެދު އިރުމަތީގައި އެމެރިކާއަށް އެންމެ ބޮޑަށް ބޭނުންވަނީ ސަޢޫދީ އެރޭބިޔާގެ އެއްބައިވަންތަ ކަމެވެ. އެ މަގްސަދު ޙާސިލުކުރުމަށްޓަކައި 2018 ވަނަ އަހަރު ވޯޝިންގްޓަން ޕޯސްޓުގެ ޖާރނަލިސްޓް ޖަމާލް ޚަޝޯގީ މަރާލުމާއި ގުޅިގެން އުފެދުނު “ ކޯލްޑް ޝޯލްޑަރ “ އާއި އަދި ރައީސް ޖޯ ބައިޑްން އާއި އެމްބީއެސް ދެމެދު އުފެދުނު “ ގޮށްމުށުގެ ސަލާމް “ ހަނދާން ނައްތާލަންވެސް ރައީސް ބައިޑްން ހުންނެވީ ތައްޔާރަށެވެ.
އެހެންނަމަވެސް ކޮންގްރެސް އިން މި އެއްބަސްވުމަށް ރުހުން ނުލިބޭންކަން ޔަގީނެވެ. ސެނޭޓުގެ ހުއްދައާ ނުލައި މި އެއްބަސްވުން ތަންފީޒުކުރުމަކީވެސް ނުކުރެވޭނެ ކަމެކެވެ. ގަބޫލުކުރެވޭ ގޮތުގައި މި އެއްބަސް ވުން ސެނޭޓަށް ހުށައެޅުމުން އޭގައި ސިއްކަ ޖެހިގެންދާނީ “ ބޯ ގޮވާފައިހުރި މީހަކު ހާވާފައި އޮތް ހަޑިއެއް ކަމަށެވެ. “ ކޮންގްރެސްގެ ބަހުރުވައިގާ “ މިއީ ކޮރަޕްޓް ސައިކޯޕާތަކު ލައްވާ ސަޢޫދީ އެރޭބިޔާއާއި އެކު ހަދާފައިއޮތް އެއްބަސް ވުމެކެވެ ”. ތެދުތެދަށް ބުނާނަމަ އެމެރިކާގެ ސެނޭޓުންވެސް ގަބޫލުކުރާ ގޮތުގައި ރައީސް ބައިޑްއަކީ ބޯ ހަމަޖެހޭ ބޭފުޅެއް ނޫނެވެ.
3 Responses
ސަޢޫދީ އާއި އީރާނާ ޖައްސުވާފަ އެމެރިކާއިން ނުލަފާ ލަގާއެއް ސަޢޫދީއަށް ދޭނެކަން ޔަގީނެވެ. ސަޢޫދީ ބޭނުންވާހާ ގޮތަަކަށް ސަރަޙައްދީ މުޖާހިދުނެ އެއްބަސްވާނެ ހެއްޔެވެ. ސަޢޫދީ އާއި އިމެރެޓްސްއިން 5 އަހަރުވާންދެން އެމެރިކާއިން ހަތިޔާރު ހޯދައިގެން ޝަހާދަތުގެ ދެކަލިމަ ލިޔެފައިވާ ދިދަ ހިފައިގެން ގޮސް ޔަމަން ފުނޑާލާ އެތަނުގެ މީހުން ބަނޑަށް ޖެއްސުވީމާ އެ މުޖާހިދުން އަމާން ދިންހެއްޔެވެ. ވީއިރު ސަޢޫދީ ބޭނުންވާހާގޮތަކަށް އެމެރިކާގެ އެނހީހޯދައިގެން މެދުއިރުމަތި ދެން ބައްޓަމެއް ނުކުރެވޭނެ ކަން ޔާގީނެވެ! ދެން ބަލަމާ؟
ށައިތާނުންނާ ވާނީ ށައިތާނުން ދޯ
އީރާނު ދެކެ ބިރުން އެމެރިކާއަށް ނިދިނައިސްގެން ތެޅިފޮޅެނީ. ސައްދާމަް ހެދިގޮތް ހަދާލުން ވަރަށް އުނދަގޫ ވާނެ. އީރާނާ އެއްކޮޅަށް މުޖާހިދުން ތަކެއް އެބަ ތިބި. ސައްދާމު ފަކީރު ދިނީ ހަވަރަށް.