ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާގެ މައްސަލައެއްގައި ދަޢުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވެފައިވަނީ، ޓުއަރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރިކަމަށް ތުޙުމަތުކުރެވޭ މައްސަލައިގެ ތަހުޤީޤުގައި ޕީޖީއާ އެކު ކުރެވުނު މަޝްވަރާތަކާއި އެއްގޮތަށް އިސްލާޙުކޮށް މިދިޔަ ބުދަ ދުވަހު އެ މައްސަލައިގެ ލިޔެކިޔުންތައް ޕީޖީ އޮފީހާ ހަވާލުކޮށްފައިވާނެ ކަމަށެވެ.
ފުލުހުން ތަހުޤީޤުކުރާ މައްސަލަތައް ޕީޖީގެ މަޝްވަރާ އަށް ފޮނުވުމުގެ މަރުޙަލާގައި ދަޢުވާކުރަން ޕީޖީ އަށް ފޮނުވުމުގެ ކުރިން، އެކަމަކާއި މެދު ތަހުޤީޤީ އިދާރާ އާއި ޕީޖީ އޮފީހާ ދެމެދު މައުލޫމާތު ބަދަލުކޮށް، ލަފާ ދޭނެ އެވެ. އެހެން މައްސަލަތަކުގައި ވެސް ދަޢުވާކުރަން ފޮނުވުމުގެ ކުރިން އެ މައްސަލަ އޮތީ ދަޢުވާކުރަން ތައްޔާރުވެފައިތޯ ބެލުމަށް ޕީޖީއަށް ފޮނުވަ އެވެ.
ޓުއަރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޢަލީ ވަހީދު ޖިންސީ ގޯނާކުރި ކަމަށް ތުޙުމަތު ކުރެވޭ މައްސަލަތަކެއް ފެންމަތިވުމާއި ގުޅިގެން ވަޒީރުކަމުން އިސްތިޢުފާ ދެއްވުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ޢަލީ ވަޙީދަށް އެންގެވިއެވެ. ނަމަވެސް އޭނާ މަޤާމުން އިސްތިޢުފާ ނުދިނުމުން މިދިޔަ ޖުލައި މަހުގެ 9ވަނަ ދުވަހު ރައީސް ވަނީ އޭނާ އެ މަޤާމުން ދުރުކުރައްވައިފައެވެ.
ތުހުމަތުތަކާއި ގުޅިގެން ޢަލީ ވަހީދުގެ މޮބައިލް ފޯނާއި ލެޕްޓޮޕް އަތުލައި އަދި އޭނާގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފައިވެއެވެ. އަދި ތުޙުމަތު ތަކާއި ގުޅިގެން 15މީހެއްގެ ބަޔާން ނަގައިފައި ވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. މިއީ ރާއްޖޭގެ ތާރީޚުގައވެސް މިފަދަ ތުޙުމަތެއްގައ ވަޒީރަކު މަޤާމުން ވަކިކުރެވުނު ފުރަތަމަ ފަހަރެވެ.
އެ މައްސަލައިގެ ތަހުޤީޤަށް ފުރަތަމަ ފަހަރަށް ފުލުހަށް ހާޒިރުވެވަޑައިގަތުމަށްފަހު ޢަލީ ވަޙީދު ވިދާޅުވަފައިވަނީ އޭނާއަށް ޖިންސީ ގޯނާގެ ތުޙުމަތުކުރަނީ ބަޔަކު ރާވައިގެން ހިންގާފައިވާ ޖަރީމާއެއްގެ ތެރެއިން ކަމަށެވެ. އަދި އިންސާފުވެރި ތަހުޤީޤާކުން އޭނާ ކުށެއް ނުކުރާކަން ސާފުވާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި ޢަލީ ވަޙީދު ވަނީ އެ ތުޙުމަތުތަކަށް ޖުލައި 19ވަނަ ދުވަހު އިންކާރުކުރައްވައިފައެވެ.
ވަޒީރުކަމުން އިސްތުޢުފާ ނުދެއްވީ އެހެން ވެގެން ކަމަށާއި އެމައްސަލައާއި ކުރިމަތިލައްވާނެ ކަމަށްވެސް ޢަލީ ވަޙީދު ވިދާޅުވިއެވެ..
ޖިންސީ ފުރައްސާރައިގެ ޚުޠޫރަތްތެރި ތުޙުމަތުތަކެއް ޢަލީ ވަޙިދުގެ މައްޗަށް ކޮށް ފުރަތަމަ ޝަކުވާ ހުށައަޅައިފައިވަނީ ރައީސް އޮފީހާއި ޖެންޑަރ މިނިސްޓްރީ އަށެވެ. އޭނާއާއި ދެކޮޅަށް މައްސަލަ ހުށަހެޅި މުވައްޒަފުން ވަނީ އެކި ދުވަސް މަތިން މުވައްޒަފުންނަށް ޖިންސީ ގޯނާ އާއި ފުރައްސާރަކުރި ކަމަށާއި އޭރު މިނިސްޓަރުކަމުގައި ހުންނެވި ޢަލީ ވަޙިދުގެ ފުރައްސާރަތަކަށް ކެތް ނުވެގެން ބައެއް މުވައްޒަފުން ވަޒީފާވެސް ދޫކޮށްލައިފައި ވާކަމަށް ތުޙުމަތު ކޮށްފައިވެއެވެ.