ރާއްޖޭގައި އޮތީ ހަތަރު ބާރޭ ބުނުމަކުން ދޮގަކަށް ނުވާނެ

Loading

Facebook
Twitter
WhatsApp

ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގައި ބަޔާން ކުރެވިފައިވަނީ ތިން ބާރެއްގެ ވާހަކައެވެ. ނަމަވެސް
ގާނޫނު އަސާސީގައި ބަޔާން ކުރެވިފައި ނުވާ ބާރެއްވެސް ރާއްޖޭގައި ހަރަކާތްތެރިވަމުން އެބަދެއެވެ. މިއީ ރައްޔިތުން ވިސްނާލަންވެއްޖެ ކަމެކެވެ.

ރާއްޖޭގެ ގާނޫނުއަސާސީގައި ބަޔާންކުރެވިފައި ނުވާ މިދެންނެވި ބާރަކީ އަނެއް ތިންބާރަށްވުރެ މާގަދަފަދަ ބާރެކެވެ. މިބާރުގެ ސަބަބުން ރާއްޖޭގައި ގަތުލުޢާންމުތަކާއި ބޮންގޮއްވުމާއި މާރާމާރީ ހިންގުންފަދަ ބިރުވެރި އެތަކެއް ޙާދިސާއެއް ހިނގަމުން ދެއެވެ.

ކަންމިހެން ހުރިނަމަވެސް ސަރުކާރުތަކުން މި ނުރައްކާތެރި ބިރުވެރި ބާރު ނައްތާލަން އެއްވެސް މަސައްކަތެއް ނުކުރެއެވެ. ނޫންނަމަ މިބާރު ނައްތާލުމުގެ ގާބިލުކަން ރާއްޖޭގެ ސިފައިންނާއި ފުލުހުންގެ ކިބައިގާ ވެސް ނެތީއެވެ. އަދި މި ނުރައްކާތެރި ބާރުގެ ބިރުވެރި ކަމުން ގައުމު ސަލާމަތް ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ވެސް މަސައްކަތް ކުރާ ތަނެއް ނުފެނެއެވެ.

ރާއްޖޭގެ ގާނޫނު އަސާސީގައި ބަޔާންވެގެންވާ ތިންބާރުގެ މައްޗަށް މިދެންނެވި ހަތަރުވަނަ ބާރުގެ ނުފޫޒު އޮތް މިންވަރު ރައްޔިތުންނަށް ވާނީ ފެނިފައެވެ. އުއްތަމަ ފަނޑިޔާރުގެ ކޮޓަރިކޮޅުގައި މިދެންނެވި ބާރުގެ މެންބަރުން ތިބެގެން އޭރު އޮތް ސަރުކާރު ބޭނުންވާ ގޮތަށް ޙުކުމްތައް ނެރެގެން ދިޔަތަން ވެސް ރައްޔިތުން ވާނީ ދެކެފައެވެ.

އަދި ގޭންގުތަކަށް ފައިސާ ދިން ވާހަކައާއި އެ ގޭންގުތަކަށް ފައިސާ ދިނުމަށްޓަކާ ދައުލަތުން ފައިސާ ޚަރަދު ކުރި ވާހަކަ ރައީސަކު ވިދާޅުވި އަޑުވެސް ރައްޔިތުންވާނީ އަހާފައެވެ. އެހެންނަމަވެސް މިފަދަ ނުރައްކާތެތި ބާރެއް ރާއްޖޭގައި ޙަރަކާތްތެރި ވާން ރައްޔިތުން ނޭދޭއިރު އެއްވެސް ސަރުކާރަކަށް މި ބާރު ނައްތާނުލެވުނުކަމީ ސަރުކާރަށްވުރެ މި ދެންނެވި ބާރު ގެ ވަރުގަދަކަން ހާމަވެގެންދާ ކަމެކެކެވެ.

މިހާރުގެ ސަރުކާރު ހިންގާ މައި ޕާޓީއަށް ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ރައްޔިތުންވަނީ ދީފައެވެ. ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބު ކުރާހިސާބުން ރައްޔިތުންގެ ބޭނުން ކެނޑުނީކަމަށް ހީފުޅުނުކުރައްވާށެވެ. ދިގު ތިރީސް އަހަރުގެ ރައްޔިތުންގެ މަޖިލިސް ހިންގި ގޮތަށް މިހާރުގެ މަޖިލީހެއް ނުހިންގޭނެ ކަން ވެސް ކަށަވަރު ކުރައްވާށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ފަނޑިޔާރުންނާއި ވަޒީރުންނާއި ސްޓޭޓްމިނިސްޓަރުންނާއި ރާއްޖޭގެ ސިފައިންނާއި ފުލުހުންނާއި ސިޔާސީ މަގާމުތަކަށް އައްޔަންކުރައްވާ އެންމެހައި ބޭފުޅުންވެސް ވަނީ ﷲ ގަންދީ ބޮޑު ހުވައެއް ކުރައްވާފައެވެ. އެހެންކަމުން ސަރުކާރު ހިނގަން ވާނީ އެ ހުވާތަކާ އެއްގޮތަށެވެ. ވަކިބަޔަކަށް ބިރުގަތުމެއް ނެތި ރައްޔިތުންގެ ހައްގުގައެވެ.

އަދި މީގެ އިތުރުން ހަރުކަށި ފިކުރުވެސް ރާއްޖޭގައި އާލާވަމުން އަންނަނީ ބިރުގަންނަ މިންވަރަކަށެވެ. އިސްލާމްދީނަކީ ހަރުކަށި ދީނެއް ނޫންކަމާއި އިސްލާމް ދީނަކީ މެދުމިނުގެ ދީނެއްކަން މިދެންނެވި ފަރާތްތަކަށް ހަނދުމަ ކޮށްދިނުމުގެ މަސްއޫލިއްޔަތު އަދާކުރުމަކީ މި މުސްލިމް އުންމަތުގެ ވާޖިބެކެވެ.

ދާދި ފަހުން މިދެންނެވި ހަރުކަށި ފިކުރުގެ ބަޔަކު ވަނީ ބޮމެއް ގޮއްވާލައިގެން މިރާއްޖޭގެ ވެރިކަން ކުރެއްވި ބޭފުޅަކު އަވަހާރަ ކޮށްލަން އުޅެފައެވެ. ތަނެއް ދޮރެއް ނޭނގޭ ޒުވާނުން މަގުފުރައްދައި ޖިހާދުގެ ނަމުގައި މުސްލިމް އުންމަތެއްގެ ރައްޔިތުން މަރަން ހިތްވަރުދީ އިސްލާމްދިނުގެ ނަން ކިލަނބު ކުރަމުންދާ ފާސިދުންގެ ނުރައްކަލުން ގައުމު ދިފާޢުކުރުމަކީ ވެސް ސަރުކާރުގެ ޒިންމާއެކެވެ.

މި ގައުމަކީ ސައްތައިންސައްތަ އިސްލާމީ ގައުމެއްކަމަށް ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގައި ލިޔެފައި އޮތުމަކުން ނުފުދެއެވެ. ގައުމުގެ އިސްވެރިންނަށް ވެސް މިކަން އެނގެން އެބަޖެހެއެވެ. ގިނަ ރައްޔިތުން ބުނާތީ އިވެނީ ހިތާމައިން ފުރިގެންވާ ވާހަކަ ތަކެކެވެ. އޭގެތެރޭގައި ވެރިން ވައްކަން ކުރައްވާ ވާހަކައާއި ގޭންގުތައް މެދުވެރިކޮށް މަސްތުވާތަކެތި ވިއްކައިގެން ފައިސާ ހޯދާ ވާހަކައާއި ރިޝްވަތު ނަގާވާހަކަ ފަދަ ލަދުވެތި ވާހަކަތަކެވެ.

ފަޟީލަތުއްޝައިޚުލް އުސްތާޒު ޙުސައިން ސަލާޙުއްދީން ވިދާޅުވެފައިވެއެވެ. ވެރިން ރަނގަޅުވެގެން ނޫނީ ރައްޔިތުން ރަނގަޅެއް ނުވާނެއެވެ. ވެރިން ވާންޖެހޭނީ ރައްޔިތުންނަށް ނަމޫނާއެއްކަމުގައެވެ. ގައުމުގެ އެންމެ އިސްވެރިޔާ ވައްކަން ކުރަން ފަށައިފިނަމަ ދެން ވައްކަން ކުރަން ޖެހިލުންވާނެ މީހަކު ހުންނާނެ ހެއްޔެވެ.

އެހެންކަމާއެކު ރައްޔިތުން ޒިންމާދާރުވެ ރައްޔިތުން އެދޭފަދަ ޑިމޮކްރެޓިކް ނިޒާމެއް ރައްޔިތުންގެ ފާރަވެރިން މެދުވެރިކޮށް ގެންނަން ތެދުވާށެވެ. ނިދިން ހޭލާ ވިހިވަނަ ގަރުނަށް ރުޖޫޢަ ވުމަކީ ރައްޔިތުންގެ ބޭނުންތައް ފުދެންއޮތް ވަސީލަތްކަމުގައި ގަބޫލު ކުރައްވާށެވެ.

ފޮޓޯ: ސަން

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް