ފޯރިގަދަ ކެމްޕޭނަކަށްފަހު 20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓުލުން ފަށައިފިއެވެ.
މިހާރު ހިނގަމުން އަންނަ 19 ވަނަ މަޖިލީހުގެ ދައުރު ހަމަވާނީ މި އަންނަ މެއި މަހުގެ 30 ހާއި ހަމައަށެވެ.
މިއަދު ހެނދުނު 8:00 ގައި މާލެ އާއި ރާއްޖޭގެ ރަށްތަކުގައި ވޯޓުލުން ފަށާފައިވާއިރު ކިއު ބަންދުކޮށް ވޯޓުލުން ބަންދު ކުރާނީ ހަވީރު 5:30 ގައެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނީ 5:30 ވުމަށްފަހު ވޯޓުލާ ކިއު ބަންދުކުރުމަށްފަހު ވޯޓުލުމުގެ ވަގުތު މިއަދު އިތުރު ނުކުރާނެ ކަމަށެވެ.
އެގޮތުން ހުރިހާ ބޭފުޅުންވެސް ކިއު ބަންދު ކުރުމުގެ ކުރިން ނިކުމެ ވޯޓުލުމަށް އީސީން ވަނީ އެދިފައެވެ.
މިހާރު ހިނގަމުން އަންނަ 19 ވަނަ މަޖިލީހުގައި 83 ދާއިރާ ހިމެނޭއިރު 20 ވަނަ މަޖިލީހަށް ވަނީ އިތުރު 6 ދާއިރާއެއް އިތުރު ކޮށްފައެވެ.
މިގޮތުން މި އިންތިޚާބުގައި 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރެއެވެ. އަދި މި އިންތިޚާބުގައި ޖުމްލަ 284،663 މީހަކަށް ވޯޓުލުމުގެ ޙައްގު ލިބިފައި ވާއިރު 145،302 ފިރިހެނުންނާއި 139،361 އަންހެނުން ހިމެނެއެވެ.