ހއ. ކެލާއިން އައިޑީ ކާޑު ހެދުމުގެ ޚިދުމަތް ތައާރަފު ކުރަން ތައްޔާރުވެއްޖެއެވެ.
އެގޮތުން މިނިސްޓްރީ އޮފް ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއާއި ކެލާ ކައުންސިލާ ދެމެ މިއަދު ވަނީ އެއްބަސްވުމުގައި ސޮއި ކޮށްފައެވެ.
މި އެއްބަސްވުމުގެ ދަށުން ކެލާއިން އައިޑީކާޑު ޕްރިންޓު ކުރުމުގެ ޚިދުމަތް ލިބިގެންދާނެއެވެ.
މިކަން ހާމަކޮށް ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) އިން ކޮށްފައިވާ ޕޯސްޓެއްގައި ބުނީ އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ހިމެނޭ ގޮތަށް ސީދާ ކެލާއިން އައިޑީ ކާޑުގެ ހިދުމަތް ދިނުމަށް ކައުންސިލާއެކު ސޮއި ކޮށްފައިވާ ކަމަށެވެ.
އަދި މިއީ ސަރުކާރުގެ ހިދުމަތްތަށް ފަސޭހަ ކަމާއި އެކު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެޅި ރަނގަޅު ފިޔަވަޅެއް ކަމަށް ޑީއެންއާރުން ބުނެފައި ވެއެވެ.
ހޯމްލޭންޑް ސެކިއުރިޓީގެ ފަރާތުން މި ފަހުމުނާމާގައި ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރ އުސްތާޒު އަހުމަދު ސިއްދީގުއެވެ.
އައިޑީ ކާޑުގެ ޚިދުމަތް ހއ. ކެލާއަށް ތައާރަފު ކުރުމަށް އެއްބަސްވުން އެކުލަވާލާފައި ވާއިރު ޕާސްޕޯޓު ހެއްދުމުގެ ޚިދުމަތްވެސް ރާއްޖޭގެ ސިޓީތަކާއި، އަތޮޅު ތަކުން ލިބޭނެ ނިޒާމެއް ތައާރަފު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.